އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައިވެސް އިންޑިއާއަށް އޮތް އެއްބާރުލުމަށް ބަދަލެއް އަންނާނެ ކަމަށް ލަފާ ނުކުރެވޭ ކަަމަށް އިންޑިއާގެ އެގްޒިމް ބޭންކުން ބުނެފިއެވެ.
އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި އެ ބޭންކުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އެން ރަމޭޝް ވިދާޅުވީ، އާ ސަރުކާރު ވެސް ޒިންމާދާރުވާނެ ކަމަށް ވިސްނަވާ ކަމަށެވެ. އިންޑިއާއިން ރާއްޖޭގައި ކުރަނީ ރާއްޖޭގެ ތަރައްގީގެ މަސައްކަތް ކަމަށާއި އެހެންކަމުން މިހާރުވެސް އެއްބާރުލުން ލިބޭ ގޮތަށް އެކަން ދެމިގެންދާނެ ކަމަށް ޔަގީންކުރައްވާ ކަމަށް ވިދާޅުވިއެވެ. މަޝްރޫއުތައް ހުއްޓިދާނެ ކަމުގެ އެއްވެސް ކަންބޮޑުވުމެއް މިވަގުތު ނެތް ކަމަށް ވެސް ވިދާޅުވިއެވެ.
އިންޑިއާގެ އެކްޒިމް ބޭންކުގެ އެހީގައި ރާއްޖޭގައި ހިންގާ މަޝްރޫއުތަކުގެ ޖުމުލަ އަގު 1.6 ބިލިއަނަށް އަރައެވެ. އެ ގައުމުގެ އެހީގައި ރާއްޖޭގައި ހިންގާ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި މާލެއާއި ވިލިމާލެ އަދި ގުޅިފަޅު ބްރިޖަކުން ގުލައިލަން ކުރިއަށް ގެންދާ ގްރޭޓާ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓާއި ގުޅިފަޅު ޕޯޓުގެ މަސައްކަތް ހިމެނެއެވެ.
އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރުމަކީ ވެރިކަމާ ހަވާލުވެވަޑައިގަންނަވާ ހަފުތާގައިވެސް ފައްޓަވާން ބޭނުންފުޅުވާ ކަމެއް ކަމަށް ޑރ. މުއިއްޒު މީގެ ކުރިން ވިދާޅުވެފައި ވެއެވެ. އިންޑިއާ ސިފައިން ބޭލުމުން ރާއްޖެއާއި އިންޑިއާގެ ގުޅުން ހީނަރުވެ، މަޝްރޫއުތަކަށް ބުރޫއަރައިފާނެ ކަމަށް ގަބޫލު ކުރައްވާތޯ އެ އިންޓަވިއުގައި ސުވާލު ކުރުމުން މުއިއްޒު ވިދާޅުވީ ގުޅުން ހީނަރުވާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.
އޭގެ ބަދަލުގައި އިތުރު މަޝްރޫއުތަކަށް އެހީ ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ. އިންޑިއާއިން ނަގާފައިވާ ދަރަނި މައާފު ކޮށްދޭތޯ މަޝްވަރާ ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމުގެ މަޝްވަރާތަކަށް އިންޑިއާ ސަރުކާރުން ދީފައި ވަނީ ފެހި ސިގުނަލެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު