ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2023 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ދިރާގުން މިއަދު ބުނީ، މި ޕްރޮގުރާމްގައި ބައިވެރިވާން ބޭނުންވާ އުމުރުން 18 އަހަރާއި 25 އަހަރުގެ ދިވެހި ޒުވާނުން، މިމަހުގެ 18 ވަނަ ދުވަހުގެ ކުރިން (bit.ly/2023Apprenticeship) އެޕްލިކޭޝަން ހުށައެޅޭނެ ކަމަށެވެ.
އެގޮތުން މި ޕްރޮގްރާމުގެ ދަށުން ދިރާގުގެ އެޑްމިނިސްޓްރޭޝަން، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، ކޯޕަރޭޓް ސާވިސަސް، ޑިޕްލޮއިމަންޓް ސަޕޯޓް ސާވިސަސް، ފައިނޭންޝަލް އެކައުންޓިން، ހިއުމަން ރިސޯސަސް، ނެޓްވާކް އޮޕަރޭޝަންސް، ޕްރޮޑަކްޓް އެންޑް ސޮލިއުޝަން ޑިވެލޮޕްމަންޓް، ރެވެނިއު އެޝުއަރެންސް އެންޑް ބިޒްނަސް ކޮންޓްރޯލް ފަދަ ދާއިރާތަކުން އާމްދަނީ ހޯދަމުން ވަޒީފާގެ ތަޖުރިބާ އާއި ތަމްރީނު ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެކުންފުނިން ބުންޏެވެ.
އެކުންފުނިން އިތުރަށް ބުނީ، އޭލެވެލް ނުވަތަ ބެޗްލާސް ޑިގްރީ ފުރިހަމަކުރި އަދި ވަޒީފާގެ ތަޖުރިބާއެއް ލިބިފައި ނެތް ކުދިންނަށް އިސްކަންދޭނެ ކަމަށެވެ. މި ޕްރޮގްރާމް މާލޭގެ އިތުރުން އައްޑޫ ސިޓީ، ތިނަދޫ ސިޓީ އަދި ލާމު އަތޮޅުގައި ގާއިމުކޮށްފައިވާ ދިރާގުގެ އޮޕަރޭޝަން ސެންޓަރުތަކުގައި ކުރިއަށް ދާނެ ކަމަށެވެ.
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ޒުވާނުން ބާރުވެރިކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ޒުވާނުން ވަޒީފާގެ މާހައުލަށް ހޭލުންތެރިކުރުވުމެވެ. އެގޮތުން މި ޕްރޮގްރާމް މެދުވެރިކޮށް 2009 ވަނަ އަހަރުން ފެށިގެން މިއަދުގެ ނިޔަލަށް ޖުމްލަ 247 އަށް ވުރެ ގިނަ ޒުވާނުން މި ޕްރޮގްރާމްގައި ބައިވެރިވެފައިވާ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގުރާމްގެ ޒަރިއްޔާއިން އެކުންފުނިން ދަނީ ޒުވާނުން ބާރުވެރިކުރުވައި، މުސްތަގްބަލުގެ ލީޑަރުން ބިނާކޮށް އަދި އެފަރާތްތަކުގެ ހުނަރު ތަރައްގީ ކުރުމަށްޓަކައި ހަރުދަނާ ތަމްރީނުތައް ގާބިލު މެނޭޖުމަންޓް ޓީމެއްގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު