ސަގާފީ އަދި އާސާރީ ތަކެތީގެ އަމިއްލަވަންތަކަން ހިފަހައްޓައި އެ ތަކެތި ރައްކާތެރިކުރުމުގެ ބާރު ލިބިދޭ ގޮތަށް އެކުލަވާލާފައިވާ މުއާހަދާއެއްގައި ސޮއިކުރެއްވުމަށް ކެބިނެޓުން ރައީސް އިބްރާޙިމް މުހައްމަދު ސޯލިހަށް ލަފާދެއްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ނެރުނު ހަބަރެއްގައި ބުނީ "ޔުނެސްކޯ 1970 ކޮންވެންޝަން އޮން ދަ މީންސް އޮފް ޕްރޮހިބިޓިން އެންޑް ޕްރިވެންޓިން ދަ އިލިސިޓް އިމްޕޯޓް، އެކްސްޕޯޓް އެންޑް ޓްރާންސްފާ އޮފް ކަލްޗަރަލް ޕްރޮޕަރޓީ" މުއާހަދާގައި ސޮއިކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވާފައިވާތީ އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހެޅުއްވުމަށް ރައީސް ސާލިހު ނިންމަވާފައިވާ ކަމަށެވެ.

"މި މުއާހަދާއަކީ ސަގާފީ އަދި އާސާރީ ތަކެތީގެ އަމިއްލަވަންތަކަން ހިފަހައްޓައި އެ ތަކެތި ރައްކާތެރިކުރުމުގެ ބާރު ލިބިދޭ ގޮތަށް އެކުލަވާލާފައިވާ މުއާހަދާއެއް. އޮންނަ އުސޫލާއި ހަމަތަކުގެ މަތިން ގާނޫނާ ހިލާފަށް ގެންގޮސްފައިވާ އާސާރީ ތަކެއްޗާއި ލިޔެކިޔުންތައް އަނބުރާ ރާއްޖެއަށް ގެނެވޭނެ މަގުވެސް ފަހިވެ، އެ ތަކެއްޗާއި ލިޔެކިޔުންތަކުގެ ދަފުތަރު ބެލެހެއްޓުމަށް މި މުއާހަދާގެ ސަބަބުން އިތުރު ބާރެއް ލިބިގެންދާނެ،" ރައީސް އޮފިހުން ބުންޏެވެ.

ރާއްޖޭގެ ސަގާފީ އަދި އާސާރީ ތަކެއްޗާއި ލިޔެކިޔުންތައް ދުނިޔޭގެ އެހެނިހެން ގައުމުތަކުގެ ދާރުލްއާސާރުތަކާއި އަރުޝީފުތަކުގައި ހުރި ކަމުގެ މައުލޫމާތުތައް ލިބެމުންދާ ކަމަށާއި މިގޮތަށް ގެންދެވޭ ކޮންމެ އެއްޗަކާއެކު ދިވެހީންގެ އެތައް ތަރިކައެއް ނެތިގެން ދިއުމާއި ތާރީހު ދިރާސާކުރެވޭނެ ގޮތްތައް ގެއްލިގެންދާ ކަމަށެވެ. އެހެންކަމުން، ސަގާފީ ތަކެތީގެ އަމިއްލަވަންތަކަން ހިފަހައްޓައި ރައްކާތެރިކަން ކަށަވަރުކުރުމަކީ މުހިންމު ކަމެއްކަމުގައި ރައީސް އޮފީހުން ބުންޏެވެ.

މި މުއާހަދާގައި 143 ގައުމުން ސޮއިކޮށްފައިވެއެވެ. ރާއްޖެއިން މި މުއާހަދާގައި ސޮއިކުރުން ވެގެންދާނީ ކުރިއަށް އޮތްތަނުގައި މިފަދަ ކަންކަން ތަކުރާރު ނުވާނެ ގޮތަށް މަސައްކަތް ކުރުމަށް ފަސޭހަވެގެންދާނެ ކަމަށެވެ. އަދި މި ކަންކަމުގައި ޔުނެސްކޯގެ ފަންނީ އެހީތެރިކަން ލިބުމަށް ބާރަކަށް ވެސް ވެގެންދާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު އަދި މި ގާނޫނާ ގުޅިގެން އާންމުކޮށްފައިވާ ގަވާއިދުތަކަށް އަމަލުކުރުމަށް ވެސް ފަސޭހަވެގެންދާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް މިގޮތަށް މި ނިންމެވީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ހެރިޓޭޖު މިނިސްޓްރީން ހުށަހެޅި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.