އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މަގާމަކަށް ވަޑައިގަތުމަށް ޓަކައި، އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރަލް އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ)ގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވުމަށް، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ނިންމަވައިފައެވެ.
ޝަހީމް "ވަން" އަށް މިއަދު ވިދާޅުވީ، އޭނާ ވަޑައިގަންނަވަނީ އިސްލާމިކް މިނިސްޓަރުގެ މަގާމަކަށް ނޫން ކަމަށެވެ. ނަމަވެސް ވަޑައިގަތުމަށް ހަމަޖެހިފައިވާ މަގާމުގެ މައުލޫމާތެއް ޝަހީމް ވިދާޅެއް ނުވިއެވެ.
"ރޭގެ ޖަލްސާގަ އަޅުގަނޑު ދެންނެވީ އައިއޯސީސީގެ ރައީސް ކަމުން އިސްތިއުފާ ދިނުމަށް ނިންމާފައިވާ ވާހަކަ. އެއީ އެހެން މަގާމަކަށް ދިޔުމަށްޓަކާ" ޝަހީމް ވިދާޅުވިއެވެ.
މުއިއްޒުގެ ސަރުކާރުގެ އިސްލާމިކް މިނިސްޓަރުގެ މަގާމު، ޝަހީމަށް ދިނުމަށް ހަމަޖެހިފައިވާކަމުގެ އަޑުތަކެއް ސޯޝަލް މީޑިއާގައި މީގެ ކުރިން ވަނީ ފެތުރިފައެވެ. ނަމަވެސް އެއިރު އެއިން އެއްވެސް ވާހަކައެއް ޝަހީމް ދޮގު ކުރައްވާފައިނުވެއެވެ.
ޝަހީމް ވަނީ މީގެ ކުރިން، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ އިސްލާމިކް މިނިސްޓަރުގެ މަގާމު އަދާކުރައްވައިފައެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް އިސްލާމިކް މިނިސްޓަރުގެ މަގާމު އަދާކުރައްވައިފައެވެ. އަދި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޔާމީންގެ ރަނިންމޭޓަކީ ވެސް ޝަހީމެވެ. ޝަހީމަކީ މިހާރު ވެސް ޕީޕީއެމްގެ އެޑްވައިޒަރެއްގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.
ޝަހީމު ވަނީ އައިއޯސީސީގެ އެޑްވައިޒަރުގެ މަގާމު އަދި އިސްލާމިކް ޔުނިވަސީޓީގެ ޗާންސެލާ ކަމުގެ މަގާމު ވެސް އަދާކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު