ފެނަކަ ކޯޕަރޭޝަންގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ)ގެ މަގާމަށް ދާއިމީ މުވައްޒަފަކު ނެގުން މަޑުޖައްސާލުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ފެނަކައަށް އަމުރުކޮށްފިއެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެފަދަ އަމުރެއް ނެރުނީ ފެނަކައިގެ ސީއެފްއޯގެ މަގާމުގައި ހުރި އަބްދުﷲ ވަހީދު، މިދިޔަ މަހުގެ 26 ވަނަ ދުވަހު ވަޒީފާއިން ވަކިކުރި މައްސަލަ އޭނާގެ ފަރާތުން ޓްރައިބިއުނަލަށް ހުށަހެޅުމަށްފަހު، އެ މައްސަލައާ މެދު ޓްރައިބިއުނަލުން ގޮތެއް ނުނިންމަނީސް، ފެނަކައިގެ ސީއެފްއޯގެ މަގާމަށް ދާއިމީ ގޮތެއްގައި މުވައްޒަފަކު ނެގުން މަޑުޖައްސާލުމުގެ "ވަގުތީ އަމުރަކަށް" އެދިފައިވާތީއެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލުން މިއަދު ނެރުނު އަމުރުގައި ބުނީ، އަބްދުﷲ ވަހީދު އެދިފައިވަނީ، އޭނާ ކުރިން ހުރި ވަޒީފާ އަނބުރާ އިޔާދަކޮށްދިނުމަށް ކަމަށާއި އެހެންވެ، އެ މައްސަލަ ބެލުމަށްފަހު އަބްދުﷲ ވަހީދު ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއް ނެތި ކަމަށް ފެނިއްޖެ ހިނދެއްގައި ކަން ކުރަން އޮންނަ ގާނޫނީ ގޮތަކީ އޭނާއަށް އެ ވަޒީފާ އަލުން އިޔާދަކޮށްދިނުން ކަމަށްވާތީ އޭނާއަށް ގާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މައުލޫއީ ހައްގެއް އޮތް ކަމަށެވެ.

ޓްރައިބިއުނަލުން ބުނީ، އަބްދުﷲ ވަހީދު ވަޒީފާއިން ވަކިކުރި ފަހުން މިއަދާ ހަމައަށްވެސް އެ މަގާމަށް މުވައްޒަފަކު އައްޔަން ކޮށްފައިނުވާ ކަމަށާއި އެ އިދާރާއިން ބަލަމުން އަންނަ މައްސަލަ ނިމޭ ގޮތަކުން އަބްދުﷲ ވަހީދުގެ ވަޒީފާ އަލުން އިޔާދަކޮށްދިނުމަށް އަމުރުކުރަންޖެހޭ ފަދަ ހާލަތެއްގައި އެ މަގާމަށް އެެހެން މުވައްޒަފަކު އައްޔަންކޮށްފައިވުމަކީ އެކަމުގެ އިޔާދަނުކުރެވޭނެ ގެއްލުންވާނެ ކަމެއް ކަމަށެވެ.

"މައްސަލައިގެ މައުލޫގައި ވަކި ގޮތެއް ކަނޑައެޅަންދެން ނުވަތަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ވަކި ގޮތެއް އަންގަންދެން އަބްދުﷲ ވަހީދު އަދާކުރަމުން ގެންދިޔަ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޗީފް ފައިނޭންޝަލް އޮފިސަރުގެ މަގާމަށް ދާއިމީ މުވައްޒަފަކު އައްޔަން ނުކުރުމަށާއި އެ މަގާމަށް ދާއިމީ ގޮތެއްގައި އިތުރު މީހަކު ނެގުމަށް އެއްވެސް މަސައްކަތެއް ކުރަމުންދާ ނަމަ އެކަން ވަގުތުން ހުއްޓާލުމަށް މި މައްސަލަ ރައްދުވާ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މައްޗަށް އަންގައި އަމުރުކުރަމެވެ" ޓްރައިބިއުނަލްގެ ނައިބު ރައީސާ ފާތިމަތު މަހީރާ މުހައްމަދު ސޮއިކުރައްވައި މިއަދު ނެރުއްވި އަމުރުގައިވެއެވެ.

އަބްދުﷲ ވަހީދަށް ފެނަކައިގެ ސީއެފްއޯގެ މަގާމު ދީފައިވަނީ ސެޕްޓެމްބަރު 11، 2014 ގައެވެ. އޭނާ ވަޒީފާއިން ވަކިކުރުމުގެ ކުރިން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 19 އިން ފެށިގެން އޭނާ ހުރީ މަގާމުތަކުގެ މަސްއޫލިޔަތުތަކުން އެކަހެރި ކޮށްފައެވެ.