އިންޑިއާގެ ލެޖެންޑަރީ ކްރިކެޓް ކުޅުންތެރިޔާ ވިރާތު ކޯލީގެ ސެންޗަރީއާއެކު އައިސީސީ ވޯލްޑް ކަޕްގައި ރޭ އިންޑިއާއިން ދެކުނު އެފްރިކާ ބަލިކޮށްފިއެވެ.

މިހާތަނަށް ވޯލްޑް ކަޕްގައި އެންމެ ރަނގަޅަށް ކުޅެމުން އަންނަ އިންޑިއާ އާއި ދެކުނު އެފްރިކާއިން ރޭ ލީގު ބުރުގައި ކުރިމަތިލީ އިންޑިއާ ކްރިކެޓްގެ އެންމެ ހާއްސަ ސްޓޭޑިއަމް ކަމަށްވާ ކަލްކަތާގެ އެޑެން ގާޑެންސްގައެވެ. މެޗު އިންޑިއާއިން ކާމިޔާބުކުރީ 243 ލަނޑުންނެވެ.

މިހާތަނަށް އިންޑިއާ އާއި ދެކުނު އެފްރިކާއިންވެސް ސެމީ ފައިނަލް ޔަގީން ކޮށްފައި އޮތް އިރު، އިންޑިއާ އެއްވަނައިގައި އޮތީ ކުޅުނު އަށް މެޗުންވެސް މޮޅުވެ، 16 ޕޮއިންޓާއެކުގައެވެ. ދެކުނު އެފްރިކާ ދެވަނައިގައި އޮތީ އަށް މެޗުން 12 ޕޮއިންޓާއެކުގައެވެ. ތިންވަނައިގައި އޮސްޓްރޭލިއާ އޮތްއިރު، މިވަގުތު ހަތަރު ވަނައިގައި އޮތީ ނިއު ޒިލެންޑެވެ. ޕާކިސްތާނާއި އަފްގާނިސްތާން ފަސްވަނައިގައި އަދި ހަވަނައިގައި އޮތް އިރު، އެ ދެޓީމަށްވެސް ސެމީގެ ފުރުސަތު އެބައޮތެވެ.

އިންޑިއާއަށް ޓޮސް ދިމާވުމުން އެޓީމުން ދެކުނު އެފްރިކާ ކައިރިން ބެޓް ކުރަން ނިންމައި، ބެޓް ކުރަން އަރައި 50 އޯވަރު ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން 326 ލަނޑު ހެދިއެވެ. ކޯލީ ވަނީ 121 ބޯޅައިން 101 ލަނޑު ހަދައި، ވަން-ޑޭ އިންޓަނޭޝަނަލް ކްރިކެޓްގައި 49 ވަނަ ސެންޗަރީ ފުރިހަމަ ކޮށްފައެވެ.

ކޯލީގެ 35 ވަނަ އުފަން ދުވަހު ހެދި އެ ސެންޗަރީއާއެކު އޭނާ ވަނީ ލެޖެންޑް، ސަޗިން ޓެންޑުލްކާގެ ރެކޯޑާ ހަމަކޮށްފައެވެ. އެ ރެކޯޑަކީ މުގުރާނުލެވޭނެ ކަމަށް ގިނަ ބަޔަކު ދެކުނު ރެކޯޑެއް ނަމަވެސް، ކޯލީ މި އަހަރުގެ ވޯލްޑް ކަޕްގައިވެސް އެ ރެކޯޑު މުގުރާލާނެ ކަމަށް ބެލެވެއެވެ.

ދެވަނަ އިނިންގްސްއަށް ދެކުނު އެފްރިކާއިން ކުޅެން ނުކުމެ، 27.1 އޯވަރު ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވި އިރު، ހެދުނީ އެންމެ 83 ލަނޑެވެ. ރޭގެ މެޗުގައި ރަވިންދްރާ ޖަޑޭޖާ ވަނީ ފަސް ވިކެޓް ނަގައިފައެވެ.