ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ ދަފްތަރު ޑިޖިޓައިޒްކޮށް އަލުން ޝާއިއުކުރަން ފަށައިފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އެހީތެރިކަމާއެކު ޖެންޑާ މިނިސްޓްރީން ހެދި ދަފްތަރު ލޯންޗުކޮށްދެއްވީ ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީއެވެ. އެ މައުލޫމާތުތައް، ޕީޖީ އޮފީހުގެ "އާމަހި" ވެބްސައިޓުން ވެސް ފެންނަން ހުންނާނެއެވެ.

އެ ލިސްޓަކީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު އަމަލުކުރަން ޖެހޭ ގޮތުގެ ހާއްސަ ގާނޫނުގެ ދަށުން ޖެންޑާ މިނިސްޓްރީން ޝާއިއުކުރަން ޖެހޭ ލިސްޓުގެ ޑިޖިޓަލް ލިސްޓެކެވެ.

އެ ލިސްޓު ޝާއިއުކުރުމާ ގުޅިގެން ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އެ ލިސްޓު ޑިޒައިން ކުރީ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެލްޝަން ސާވިސަސްގެ ލަފަޔާ އެއްގޮތަށް، ޕީޖީގެ އައިޓީ މުވައްޒަފުން ކަމަށެވެ. ލިސްޓު އަޕްޑޭޓު ކުރުމަށް، ކޯޓުން ހުކުމެއް ކުރުމާއެކު އެ ހުކުމާ ގުޅޭ މައުލޫމާތު ވަގުތުން އޮޓޮމެޓިކުން މިނިސްޓްރީއަށް ފޯރުކޮށްދެމުންދާ ކަމަށް ބުންޏެވެ.

އެ ލިސްޓުގައި ހަތް ފިލްޓާއެއް ހުރެއެވެ. އެގޮތުން ހުކުމް ހުރި ތާރީހާއި ހުކުމުގެ މުއްދަތާއި ރަށާއި އަތޮޅު އަދި އައިޑީކާޑު ނަމްބަރު ޖަހައިގެންވެސް މައުލޫމާތު ފިލްޓާ ކުރެވެއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ ޑިޖިޓަލް ލިސްޓު https://aamahi.pgo.mv/child-offenders އިން ފެންނާނެއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ ދަފުތަރެއް އެންމެ ފުރަތަމަ އެކުލަވާލީ 2018 ވަނަ އަހަރުއެވެ. ނަމަވެސް މީގެ ކުރިން ޝާއިއު ކުރާ މައުލޫމާތު ވެބްސައިޓަށް އަޅަމުންދަނީ މެނުއަލްކޮށް ކަމަށް، ލިސްޓު ނެރުމުގެ މުނާސަބަތުގައި ޖެންޑާ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެއެވެ.