ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓް ލިބުނު މީހުންނަށް ޕޮއިންޓް ދިންގޮތާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލައިގެ ތަހުގީގަށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން، ހައުސިން މިނިސްޓްރީއަށް ވަދެއްޖެއެވެ.
ހައުސިން މިނިސްޓްރީން ވަނީ މިދިޔަ ހޮނިހިރު ދުވަހު ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފެލްޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފައެވެ.
ފުލެޓް ލިބޭ މީހުންގެ ލިސްޓު އާންމުކޮށްފައިވަނީ ޕޮއިންޓް ދިނުމުގެ އުސޫލާ ހިލާފަށް އަދި ވަކި ބަޔަކަށް ނާޖާއިޒު މަންފާ ހޯދައިދިނުމަށް ކަމަށް ބުނެ މައްސަލަ އޭސީސީއަށް ވަނީ އިއްޔެ މައްސަލައެއް ހުށަހަޅައިފައެވެ.
އޭސީސީން މިއަދު ބުނީ، އެ މައްސަލައިގެ ތަހުގީގަށް، އެ ކޮމިޝަންގެ ކުއިކް ރެސްޕޮންސް ޓީމެއް މިއަދު ހެނދުނު ހައުސިން މިނިސްޓްރީއަށް ވަދެފައިވާ ކަމަށެވެ.
އޭސީސީން އިއްޔެ ވަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފުލެޓުތަކުގެ އެއްބަސްވުމުގައި ސޮއިކުރުމާއި އެ ފުލެޓުތައް ހަވާލުކުރުމާ ގުޅުންހުރި އެންމެހާ މަސައްކަތްތައް، ޕޮއިންޓް ދީފައިވާގޮތާމެދު ޝަކުވާ ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއް ނުދީ، ކުރިއަށް ނުގެންދިއުމަށް ވެސް ހައުސިން މިނިސްޓްރީއަށް އަންގައިފައެވެ.
ލިސްޓުގައި ޕޮއިންޓު ދީފައި ހުރި ގޮތާމެދު ހިތްހަމަ ނުޖެހި، ގިނަ ބަޔަކު އިއްޔެ ވަނީ ހައުސިން މިނިސްޓްރީގައި އިހުތިޖާޖު ކޮށްފައެވެ. އަދި ޕޮއިންޓު ދިން ގޮތް ހާމަކުރުމަށް ގޮވާލައި، ލިސްޓު ބާތިލުކުރުމަށް ފަހު އަލުން ޕޮއިންޓު ދިނުމަށްވެސް ބައެއް މީހުން ވަނީ ގޮވާލައިފައެވެ.
މިނިސްޓްރީއަށް އެއްވެ ތިބި މީހުންނާ ބައްދަލުކުރެއްވުމަށް ވަަޑަައިގެން ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ގެދޮރުވެރިޔާ ކޮމިޓީގެ ޗެއާ، އަކުރަމް ކަމާލުއްދީން ވިދާޅުވެފައިވަނީ ލިސްޓާމެދު އެއްވެސް ޝަކުވާއެއް ވާނަމަ ޕޯޓަލް މެދިވެރުކޮށް ޝަކުވާ ހުށަހެޅުމަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އަދި ޕޮއިންޓު ދީފައި ހުންނާނީ ފޯމުގައި ހުރި މައުލޫމާތަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު