އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނައިބަކަށް އިންތިހާބުވެވަޑައިގެންފިނަމަ، އިހުލާސްތެރި ނައިބު ރައީސެއްގެ ގޮތުގައި ދެމި ހުންނާނެ ކަމަށް މުއިއްޒަށް ދަންނަވާފައިވާނެ ކަމަށް އިންތިހާބީ ރައީސް ހުސެއިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްއަށް މިއަދު ދެއްވި އިންޓަވިއެއްގައި ސެންބެ ވިދާޅުވީ ރަނިންމޭޓުގެ މަގާމު މުއިއްޒު ހުށަހެޅުއްވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން، ޝަރީއަތަށް ސުޕްރީމް ކޯޓަށް ވަޑައިގެން ހުއްޓައި ކަމަށެވެ. މުއިއްޒު ވަނީ ޒުވާނުންގެ ކުރިމަގަށް ވަރަށް ގިނަ ކަންކަން ކުރުމަށް ނިންމަވާފައި ކަމަށް ސެންބެ ވިދާޅުވިއެވެ.
"އެހެންވީމާ އެ ކަންކަން ވިއްކުމަށް ޓަކައި ޒުވާން ފޭސްއެއް ތިމަންނާ، އާ މޫނެއް ވާހަކައަކީ ތިމަންނާ ދައްކައިލަން ބޭނުމޭ،" ސެމްބެ ވިދާޅުވިއެވެ.
"އަޅުގަނޑަށް ޑރ. މުއިއްޒަށް ދެންނެވިން އެއިރުގަ އަޅުގަނޑާ ދޭތެރޭ އިތުބާރު ކުރައްވައްޗޭ، އަޅުގަނޑު ވާނަމޭ އިހުލާސްތެރި، މަނިކުފާނާއެކީ އިންތިހާބު ކުރެވިއްޖެނަމަ ވާނެމޭ އިހުލާސްތެރި ނައިބު ރައީސްއަކަށް" ސެންބެ ވިދާޅުވިއެވެ.
ސެންބެ ވިދާޅުވީ މުއިއްޒުގެ ރަނިންމޭޓުކަން ގަބޫލުކުރެއްވީ އޭނާ ރައްޔިތުންގެ މަޖިލީހުގައި ހޭދަކުރެއްވި 10 އަހަރުގެ ދައުރުގެ ތަޖުރިބާއަށް ބަލައި ރައްޔިތުންނަށް ހިދުމަތް ކުރެވޭނެކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ. އަދި އޭނާއަކީ ފަސްބައިގައި އެއްވެސް ކިލަބުކަމެއް ނެތް ބޭފުޅެއް ކަމަށް ސެންބެ ވިދާޅުވިއެވެ.
ރަނިންމޭޓުކަން ގަބޫލުކުރެއްވުމުގެ ކުރިން ބައްޕާފުޅަށާއި އަނބިކަނބަލުންނަށް ގުޅުއްވައި މަޝްވަރާ ކުރެއްވި ކަމަށް ސެންބެ ވިދާޅުވިއެވެ. ބައްޕާފުޅު އެންމެ ފުރަތަމަ އެންގެވީ ކުރިއަށް ދިޔުމަށް ކަމަށާއި ނަމަވެސް އަނބިކަނބަލުން ފުރަތަމަ ރަނިންމޭޓު ކަމަށް ގަބޫލު ނޫން ކަމަށް ސެންބެ ވިދާޅުވިއެވެ. އަނބިކަނބަލުން ގަބޫލުނުވީ ކުޑަ އަންހެން ދަރިފުޅެއް ލިބިފައިވުމުން، ދަރިފުޅަށް ވަގުތު ނުދެވޭނެތީ ކަމަށާއި ނަމަވެސް ފަހުން އަނބިކަނބަލުންގެ ފަރާތުން އެއްބާރުލުން ލިބިގެންދިޔަ ކަމަށް ސެންބެ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު