އަޒުމަކަށް ހަދަންވީ މި ގައުމުގެ ކަރާމަތާއި ދިވެހިންގެ މިނިވަންކަން ނަގަހައްޓައި ދެމެހެއްޓުމުގައި ސާބިތުވެ ތިބުމަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ރައީސް މިއަދު ދެއްވި ހިތޯބުގައި ވިދާޅުވީ މި ދުވަސް ފާހަގަކުރުމުގެ އެންމެ މުހިންމު ބޭނުމަކީ ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމުގައި ސަރުކާރާއި ރައްޔިތުން ގުޅިގެން، އެއް ރޫހެއްގައި އެއް އަޒުމެއްގައި އެއް އަމާޒަކަށް މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް ހޭލުންތެރި ކުރުވުން ކަމަށެވެ.

"ނޮވެމްބަރު 3 ވަނަ ދުވަހު ދިވެހިންނާ ކުރިމަތިވި ބިރުވެރި ހާދިސާގައި، ދިވެހިންނަށް ނަސްރު ލިބުމުގެ ސިއްރަކީ މި ދެންނެވި ގުޅުމުގެ ހަރުދަނާ ކަމެވެ،" ރައީސް ވިދާޅުވިއެވެ.

ދުޝްމަނުންގެ ބަޔަކު ހަތިޔާރާއެކު މާލެ އަރައި، އެ ދުވަހު ހިންގި އުދުވާނީ އަމަލުތައް ނާކާމިޔާބުކޮށްލެވުނީ، ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރު ގުޅިގެން ކުރި މަސައްކަތާއި ޖިހާދުގެ ސަބަބުން ކަމަށެވެ. އެދުވަހު ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރެވުނީ ދިވެހިންގެ މެދުގައި އޮތް އެކުވެރިކަމާއި މިނިވަންކަމަށްޓަކައި ގުރުބާންވުމުގެ ރޫހު ދިވެހިންގެ ކިބައިގައި ވަރުގަދަ ކަމުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"މިފަދަ ދުވަހެއް ފާހަގަކުރާ އިރު، އަޅުގަނޑުމެންގެ އަޒުމަކަށް ހަދަންވީ މި ގައުމުގެ ކަރާމަތާއި ދިވެހިންގެ މިނިވަންކަން ނަގަހައްޓައި ދެމެހެއްޓުމުގައި ސާބިތުވެ ތިބުމަށެވެ. ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަމެއް އަތުވެދާނެ ކޮންމެ ކަމަކުން ދުރުހެލިވެ ތިބެ، ފަރުދީ މަސްލަހަތުގެ މައްޗަށް ގައުމީ މަސްލަހަތު އިސްކުރުމެވެ،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މަސައްކަތް ކުރަންވީ، ދަރިންގެ ހިތްތަކުގައި ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ފަރުދީ ގޮތުން މަސައްކަތް ކުރުމުގެ ރޫހު އަށަގެންނެވުމަށް ކަމަށެވެ. އަދި ޅަދަރިންގެ ހިތްތަކުގައި ގައުމީ ލޯބި އާލާކޮށް، ގައުމީ މަސްލަހަތު އިސްކުރުމުގެ ސިފަ އެކުދިންގެ ކިބައިގައި ހަރުލެއްވުމަކީ، މިފަދަ ދުވަހެއް ފާހަގަކުރުމުގެ ވަރަށް މުހިންމު ބޭނުމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.