އައިސީސީ ފިރިހެން ކްރިކެޓް ވޯލްޑް ކަޕްގައި ރޭ ކުޅުނު ލީގު ބުރުގެ މެޗުގައި ނިއު ޒިލެންޑް ބަލިކޮށް، ދެކުނު އެފްރިކާއިން ސެމީ ފައިނަލާ ގާތަށް ޖެހިލައިފިއެވެ.

ޕޫނޭގެ މަހަރަޝްތާ ކްރިކެޓް އެސޯސިއޭޝަން ސްޓޭޑިއަމްގައި ރޭ ދެކުނު އެފްރިކާއިން ނިއު ޒިލެންޑް ބަލިކުރީ 190 ލަނޑުންނެވެ. ރޭގެ ނަތީޖާ އާއެކު ދެކުނު އެފްރިކާއިން ވަނީ ސެމީ ޔަގީންކުރުމާ ވަރަށް ބޮޑަށް ގާތަށް ޖެހިލައިފައެވެ. މިހާތަނަށް ކުޅުނު ހަތް މެޗުން 12 ޕޮއިންޓް ދެކުނު އެފްރިކާއިން ހޯދައި، އެ ޓީމު އޮތީ އެއްވަނައިގައެވެ. އިންޑިއާ މި ވަގުތު ދެވަނައިގައި އޮތީ ހަ މެޗުން 12 ޕޮއިންޓާއެކުގައެވެ.

ގަދަ ހަތަރެއްގެ ތެރޭގައި މި ވަގުތު ދެން ހިމެނެނީ އޮސްޓްރޭލިއާ އަދި ނިއުޒިލެންޑެވެ. އެ ދެ ޓީމަށްވެސް އަށް ޕޮއިންޓް ލިބިފައިވާ އިރު، އޮސްޓްރޭލިއާ އަދި މިހާތަނަށް ކުޅުނީ ހަ މެޗެވެ. ނިއު ޒިލެންޑް ވަނީ ހަތް މެޗު ކުޅެފައެވެ.

ނިއު ޒިލެންޑަށް ރޭގެ މެޗުގައި ޓޮސް ދިމާވުމުން އެ ޓީމުން ނިންމީ ހޮވާށެވެ. ދެކުނު އެފްރިކާއިން ކުޅެން ނުކުމެ، 50 އޯވަރުގެ ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން 357 ލަނޑު ހެދި އިރު، ވިދާލީ ރަސީ ވެން ޑާ ޑުސެންއާއި ގުއެންޓޮން ޑި ކޮކެވެ. ދެ ކުޅުންތެރިންވެސް ސެންޗަރީ ފުރިހަމަކުރި އިރު، ޑުސެން ވަނީ 133 ލަނޑު ހަދައިފައެވެ. އަދި ގުއެންޓޮން ވަނީ 114 ލަނޑު ހަދައިފައެވެ.

ގުއެންޓޮން މިހާތަނަށް 500 އަށްވުރެ ގިނަ ލަނޑު މި ފަހަރުގެ ވޯލްޑް ކަޕުގައި ހަދާފައިވާ އިރު، އޭނާއަކީ ދެކުނު އެފްރިކާއިން އެ ކާމިޔާބީ ހާސިލުކުރި ފުރަތަމަ ކުޅުންތެރިޔާއެވެ.

ރޭގެ މެޗުގައި ބަދަލުގައި ކުޅެން އަރައި ނިއު ޒިލެންޑަށް ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 35.3 އޯވަރުގައި 167 ލަނޑެވެ.