ޖުޒާމުބަލި (ލެޕްރަސީ) ފެތުރުން ހުއްޓުވި ފުރަތަމަ ގައުމަކަށް ރާއްޖެ ހިމެނިއްޖެއެވެ.

މިކަން ފާހަގަކުރީ އިންޑިއާގެ ނިއު ދިއްލީގައި މިހާރު ކުރިއަށްދާ ޑަބްލިއުއެޗްއޯގެ ސައުތު-އީސްޓް އޭޝިއާ ސަރަހައްދުގެ 76 ވަނަ ބައްދަލުވުމުގައެވެ.

ރާއްޖެއަށް މި ޝަރަފު ލިބުނީ ރާއްޖެއިން އެބަލި ނުފެންނަތާ ޖެހިޖެހިގެން ފަސް އަހަރުވެފާވާތީއެވެ. ރާއްޖޭގައި މިބަލި ފެތުރޭތޯ ހެލްތު މިނިސްޓްރީން މަސައްކަތް ފެށީ 2019 ވަނަ އަހަރުގައެވެ. ޖުޒާމް ބަލި ނެތް ފުރަތަމަ ގައުމުގެ ގޮތުގައި ރާއްޖެ ކަނޑައަޅައި، ވޯލްޑް ހެލްތު އޯގަނައިޒޭޝަނުން (ޑްބްލިޔުއެޗްއޯ) އިން ވަނީ ހަނދަނީ ފިލައެއްވެސް ދީފައެވެ.

ރާއްޖޭގެ ފަރާތުން މި ފިލަޔާ ހަވާލުވެވަޑައިގަތީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމެވެ.

ރާއްޖޭގައި ޖުޒާމުބަލި ފެތުރޭތޯ ބެލުމަށް 2019 އަހަރުން ފެށިގެން "ޒީރޯ ލެޕްރަސީ" މިއަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ޖުމުލަ 100 ރަށެއްގައި ވަނީ އެ ބައްޔަށް މީހުން ޓެސްޓްކޮށްފައެވެ.

1980 ގެ އަހަރުތަކުގެ ކުރިން ރާއްޖޭގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ މި ބަލި ތަހައްމަލުކޮށްފައެވެ. ރަށުގެ އެހެން މީހުންގެ ރައްކަލަކަށް ޓަކައި މި ބަލި ޖެހޭ މީހުން ބައި ތިއްބަނީ ކޮވިޑް-19 ޖެހުނު މީހުން ފަދައިން އެކަހެރިކޮށްފައެވެ. އެއީ ގައިންގަޔަށް ފަސޭހައިން އަރާ ބައްޔަކަށް ވުމުގެ ސަބަބުންނެވެ. ނަމަވެސް 1982 ވަނަ އަހަރު މި ބައްޔަށް ބޭސް ދޭން ފެށުމާ އެކު، ބަލި ޖެހޭ މީހުންގެ އަދަދު މަދުވެ، 1997 ވަނަ އަހަރު ޖުޒާމުބައްޔަކީ ރާއްޖޭގައި އާއްމު ސިއްހަތަށް ނުރައްކާވާ ބައްޔެއް ނޫން ކަމަށް ހެލްތު މިނިސްޓްރީން ކަނޑައެޅިއެވެ.