ސައުދީ އަރަބިއާ އިން 2034 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯސްޓް ކުރަން ކުރި ބިޑަށް ވާދަކުރުމަށް އިތުރު ބިޑެއް ނެތުމުން، މުބާރާތް ހޯސްޓް ކުރުމުގެ ފުރުސަތު ސައުދީއަށް ފަހިވެއްޖެއެވެ.

ސައުދީން 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯސްޓް ކުރުމަށް ބިޑް ކުރި ނަމަވެސް، އެ ފުރުސަތު ސައުދީއަކަށް ނުލިބުނެވެ. ވޯލްޑް ކަޕް ބާއްވަން އެފްރިކާގެ މޮރޮކޯއާއި ޔޫރަޕްގެ ޕޯޗުގަލް އަދި ސްޕެއިން ކަނޑައަޅާފައިވާ އިރު، ވޯލްޑް ކަޕް ބާއްވަން ފެށިތާ 100 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ހާއްސަ މެޗުތަކެއް ދެކުނު އެމެރިކާގެ އާޖެންޓީނާ އާއި އުރުގުއާއީ އަދި ޕެރަގުއޭގައި ކުޅުމަށް ވެސް ވަނީ ހަމަޖައްސައިފައެވެ. އެހެންކަމުން ކުރިއަށް އޮތް ވޯލްޑް ކަޕް ވެގެންދާނީ ދުނިޔޭގެ ތިން ބައްރެއްގައި މެޗުތައް ކުޅޭ ހަމައެކަނި ވޯލްޑް ކަޕަށެވެ.

އެ ހުރިހާ ބައްރަކަށް ކުރިއަށް އޮތް ވޯލްޑް ކަޕްގެ ފުރުސަތު ލިބުމާއެކު 2034 ވަނަ އަަހަރުގެ ވޯލްޑްކަޕް ބާއްވަން ބިޑް ކުރެވެން އޮތީވެސް ހަމައެކަނި އޯޝެނިއާ އަދި އޭޝިއާގެ ގައުމުތަކަށެވެ. އެ ފުރުސަތުގައި ސައުދީން އަވަހަށް ބިޑެއް ކޮށްފައިވާ އިރު، އެހެން ގައުމަކުން މިއަދުގެ ނިޔަލަށް ބިޑެއް ނުކުރެއެވެ.

މިފަހަރު ފީފާއިން ބިޑިން ޕްރޮސެސް އަވަސް ކޮށްފައިވާ އިރު، 2034 ގެ ވޯލްޑް ކަޕް ބިޑް ތިން އަހަރު އަވަސްކޮށް ބަލައިގަންނަން ނިންމާފައިވެއެވެ. އަދި އިތުރު ބިޑަކަށް ދިނީ 26 ދުވަހުގެ ފުރުސަތެކެވެ. އެހެން ކަމުން އެކަމަށް ބައެއް ފަރާތްތަކުން ފާޑުވެސް ކިޔާފައިވެއެވެ.

ސައުދީގައި ވޯލްޑް ކަޕް ބާއްވަން ރަސްމީކޮށް ނިންމާނީ، ސައުދީގެ ބިޑް ފީފާގެ އެކިއެކި ކޮމިޓީތަކުން މުރާޖާކޮށްފައެވެ. ސައުދީން ވޯލްޑް ކަޕް 2034 ހޯސްޓް ކުރަން ބިޑް ކުރީ އޭޝިއާގެ ފުޓުބޯޅައިގެ މައި އިދާރާ، އޭއެފްސީގެ ތާއީދާއެކުގައެވެ. އެ ބިޑަށް ރާއްޖެއިންވެސް ތާއީދު ކުރިއެވެ.