އެއާޕޯޓަށް ކުޅުޖަހައި، އަޑުގަދަ ކުރި ޗައިނާ ފަތުރުވެރިޔާ ފުރުވާލަން ފޮރިން މިނިސްޓްރީގެ އެހީއަށް އެދިފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

މި މަހުގެ 19 ވަނަ ދުވަހު ފުލުހުން އޭނާ ހައްޔަރުކުރީ އެއާޕޯޓުގެ ވެއިޓިން އޭރިއާގައި ނިދައި، އެތަން ބޭނުންކުރާ އާންމުނަށް އުނދަގޫވަ ގޮތަށް އަމަލުތައް ހުރުމުންނެވެ. އަދި އެ ދުވަހު ޗައިނާއަށް ދިއުމަށް ޗެކިންވެ، އިމިގްރޭޝަން ކްލިއަރެންސް ނިމުމަށް ފަހު ފްލައިޓަށް އެރުމަށް ދެކޮޅު ހެދުމުން، ފްލައިޓުން އޮފްލޯޑު ކުރުމުންނެވެ.

އިމިގްރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އޭނާ ރާއްޖޭން ވީހާވެސް އަވަހަށް ފުރުމަށް އެ އިދާރާއިން އެދިފައިވާ ނަމަވެސް، އެ ފަތުރުވެރިޔާގެ ފަރާތުން އެކަމަށް އެއްބާރުލުން ލިބިފައި ނުވާތީ، ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގެ އެހީއާއެކު އޭނާގެ އާއިލާއާ ގުޅިގެން، އޭނާ ވީހާވެސް އަވަހަށް ފުރުވާލުމުގެ އިންތިޒާމު ހަމަޖެއްސުމަށް ފޮރިން މިނިސްޓްރީގައިވެސް އެދިފައިވާ ކަމަށެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު އޭނާ އިމިގްރޭޝަނާ ހަވާލުކުރުމުން އެ އިދާރާއިން އޭނާ ސަވެރިލެންސްގެ މަތިން ދޫކޮށްލިއެވެ. މަވެސް އޭގެ ފަހުން މާފަންނު ޕޮލިސް ސްޓޭޝަނުގައި ނިދައި، އާންމުންނަށް އުނދަގޫވާ ގޮތަށް އަމަލުތައް ހުރުމުން ފުލުހުންވެސް އޭނާއަށް ނަސޭހަތްތެރި ވެފައިވެއެވެ.

އިމިގްރޭޝަނުން ބުނީ މީގެ ކުރިން އޭނާ ޑިޓެންޝަނުގައި ނުބެހެއްޓުނީ އެ އިދާރާގެ ޑިޓެންޝަނުގައި އަންހެނުން ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެހިފައި ނުވާތީ ކަމަށެވެ. ނަމަވެސް އޭނާގެ އަމަލުތައް އާންމުންނަށް އުނދަގޫވާ ގޮތަށް ހުރުމުން، އިއްޔެއިން ފެށިގެން ހާއްސަ އިންތިޒާމެއްގެ ދަށުން އޭނާ އެ އިދާރާގެ ޑިޓެންޝަނުގައި ބަހައްޓާފައިވާ ކަމަށް ބުންޏެވެ.