މަގުމަތީ ހަރަކާތްތަކަށް އެންމެ ފަރިތަވާނީ އެމްޑީޕީ ކަމަށާއި މަސައްކަތަކަށްވާނީ މަގުމަތީ ކުދިންނަށް ދާއިމަށް އެމްޑީޕީ މީހުން ހެދުން ކަމަށް ކުރީގެ ރައީސް އަބުދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ގޭ ބަންދަށް ބަދަލުކޮށް، ލުއިދިން ފަހުން، ޕީޕީއެމްގެ ޖަލްސާއެއްގައި ފުރަތަމަ ފަހަރަށް ބައިވެރިވެވަޑައިގެން ރައީސް ޔާމީން ވިދާޅުވީ މިހާރު ރައްޔިތުން ހޭލުންތެރި ކަމަށާއި ރައްޔިތުން މަގުމައްޗަށް ނުކުންނާނެ ކަމަށެވެ. އަދި މަގުމައްޗަށް ނުކުތުމަކީ އެއް ރުކުން ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

ސަރުކާރުތައް، ރައްޔިތުން އެދޭ ގޮތް ނުވަތަ ރައްޔިތުން ބުނާ ބަސްތައް އަޑު ނާހާނަމަ، އިހުތިޖާޖަށް މަގުމައްޗަށް ނުކުންނާނެ ކަމަށެވެ. އެއީ ނާތަހުޒީބު އަމަލެއް ނޫން ކަމަށާއި އެއީ "ފަރަންޖީން" ވެސް އަމަލުކުރާ ގޮތް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"އެކަމަކު މިފަހަރު މަގުމަތީގައި ތިބޭނީ އަޅުގަނޑުމެންނެއް ނޫން. މިފަހަރު މަގުމަތީގައި ތިބޭނީ އެމްޑީޕީ. އަޅުގަނޑުމެންގެ މަސައްކަތަކަށްވާނީ މަގުމަތީ ކުދިންނަށް އެމީހުން ދާއިމަށް ހެދުން. އެންމެ ފައްކާވާނީ އެކަން ކުރަން،" ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ އެމްޑީޕީއަކީ ވެރިކަން ކުރަން ދަންނަ ބައެއް ނޫން ކަމަށާއި އެއީ އެކަން ކުރުމުގައި "ސުމެއް" ކަމަށެވެ. މަދަނިއްޔަތާއި ތަހުޒީބާއި ރައްޔިތުން ބޭނުންވާ ކަންކަން ކުރުމުގައި ސުމެއް ކަމަށް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ މަގުމަތީ ހަރަކާތްތަކަށް އެންމެ މޮޅުވާނީ އެމްޑީޕީ ކަމަށާއި އެކަން ދަސްކުރަންވާނެ ކަމަށެވެ. އަދި ކުރިއަށް އޮތީ އަރާމު ދުވަސްތަކެއް ނޫން ކަމަށާއި އެމްޑީޕީ މީހުން މަގުމަތީގައި "ކޮރު ލައްވާ ކަމަށް ވަންޏާ އަހަރުމެންވެސް ކޮރު ލައްވަން" ޖެހޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.