ދެ މިސްކިތެއް އިމާރާތްކުރުމުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީން ސޮއިކޮށްފިއެވެ.
އެ މިނިސްޓްރީން، އިސްލާމިކް މަރުކަރުޒުގައި މިއަދު ބޭއްވި ރަސްމިއްޔަތުގައި ސޮއިކުރީ، އައްޑޫ ސިޓީ ހުޅުދޫ އަދި ށ. މިލަންދޫ މިސްކިތެއް ބިނާކުރުމަށެވެ. މި ދެ މަޝްރޫއުގެ ހަވާލުކުރީ އެލްއެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.
މިއަދު ސޮއިކުރި މި އެއްބަސްވުމުގެ ދަށުން އައްޑޫ ސިޓީ ހުޅުދޫގައި އިމާރާތްކުރާ 500 މީހުންގެ ޖާގައިގެ މިސްކިތުގެ އަގަކީ 17,488,559.49 ( ސަތާރަ މިލިއަން ހަތަރުލައްކަ އައްޑިހަ އައްހާސް ފަސްސަތޭކަ ފަންސާސް ނުވަ ރުފިޔާ ސާޅީސް ނުވަ ލާރި) އެވެ.
ށ. މިލަންދޫގައި އިމާރާތްކުރާ 700 މީހުންގެ ޖާގައިގެ މިސްކިތުގެ އެއްބަސްވުމުގެ އަގަކީ 15,174,897.40 (ފަނަރަ މިލިއަން އެއްލައްކަ ހަތްދިހަ ހަތަރުހާސް އައްސަތޭކަ ނުވަދިހަ ހަތް ރުފިޔާ ސާޅީސް ލާރި) އެވެ.
މިއީ ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ހަރަދުކޮށްގެން ބިނާކުރާ ދެ މިސްކިތެކެވެ. އަދި މިއީ އަންހެން ފިރިހެން ވަކިން ނަމާދުކުރެވޭ ގޮތަށް ބިނާކުރާ ދެ މިސްކިތްތަކެކެވެ. މި މިސްކިތްތައް ނިންމުމަށް ދީފައިވާ މުއްދަތަކީ އެއްއަހަރު ދުވަހެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވީ އެއްބަސްވުމުގައިވާ ގޮތަށް މަޝްރޫއުގެ މަސައްކަތް ނިންމައި މިނިސްޓްރީއާ ހަވާލުކުރެއްވުމަކީ ވަރަށް ބޮޑު އެދުމެއްކަމަށެވެ.
އެކަމުގައި މިނިސްޓްރީގެ ފަރާތުން ދޭން ޖެހޭ އެއްބާރުލުން ދެއްވާނެ ކަމަށެވެ.
"އެއްބަސްވުމުގައިވާ ގޮތަށް މަޝްރޫއުގެ މަސައްކަތް ނިންމައި މިނިސްޓްރީއާ ހަވާލުކުރެއްވުމަކީ ވަރަށް ބޮޑު އެދުމެއް. އެކަމުގައި މިނިސްޓްރީގެ ފަރާތުން ދޭން އެއްބާރުލުން ލިބޭނެ." ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު