ޕީޕީއެމްގެ މެމްބަރުން ޕާޓީ ދޫކޮށް، އެހެން ޕާޓީއަކަށް ނުވަތަ ޕީއެންސީއަށް ދާންނުޖެހޭނެ ކަމަށް ޕީޕީއެމްގެ ރައީސް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައާ ގުޅިގެން 11 އަހަރުގެ ޖަލު ޖަލު ހުކުމެއް ތަންފީޒު ކުރައްވަނިކޮށް ގޭ ބަންދަށް ބަދަލުކޮށް، އަދި މި ހަފުތާގައި ބޭސްފަރުވާއަށް ބޭރަށް ދެވޭ ގޮތަށް ކަރެކްޝަނަލް ސާވިސް އިން ދިން ލުޔާއެކު ޔާމީން ރޭ ވަނީ ޕީޕީއެމްގެ އޮފީހަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައިފަ އެވެ.

އެ ބައްދަލުވުން ކުރިއަށް ގެންދިޔައިރު ޔާމީންގެ އަރިހުގައި ހުންނެވީ އެ މަނިކުފާނުގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދެވެ. ޔާމީންއާ ހަވާލާ ދެއްވައި ރޭގެ ބައްދަލުވުމާ ގުޅޭ ގޮތުން ޖަމީލުގެ ފޭސްބުކްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބު ކާމިޔާބު ކުރެއްވުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަންޖެހޭ ކަމަށެވެ.

"ޕާޓީގެ އެއްވެސް މެމްބަރަކު އެހެން ޕާޓީއަކަށް ނުވަތަ ޕީއެންސީއަށް ފޯމުފުރަން ނުޖެހޭ. އެއީ އެއް ފިކުރެއްގެ ދެ ޕާޓީ،" ޖަމީލު ވިދާޅުވިއެވެ.

ޔާމީން އެހެން ވިދާޅުވި އިރު، ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓްގެ ގޮތުގައި ވާދަކުރައްވައި ބޮޑު އަޣުލަބިއްޔަތަކުން ޑރ. މުހައްމަދު މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވުމާ އެކު ޕީޕީއެމްގެ ބައެއް މެމްބަރުންނާއި އެހެން ޕާޓީތަކުގެ މެމްބަރުން ވެސް ގެންދަނީ ޕީއެންސީއަށް ސޮއިކުރަމުންނެވެ.

އެގޮތުން މުއިއްޒުގެ ރަނިން މޭޓް، އިންތިހާބީ ރައީސް ހުސެއިން މުހައްމަދު ލަތީފު ވެސް ވަނީ ޕީޕީއެމްގެ ސެނެޓް މެމްބަރެއްގެ ގޮތުގައި ހުރުމަށްފަހު ޕީއެންސީއަށް ސޮއިކުރައްވައިފައެވެ. އަދި މި ފަހުން ޕީއެންސީގެ ރައީސްގެ މަގާމަށް މުއިއްޒު ވަނީ އިންތިހާބު ކުރައްވައިފައެވެ.