ޕީޕީއެމް އަދި ޕީއެންސީގެ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ޕީޕީއެމްގެ ބައެއް އާންމު މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ.
މިއީ އެމްއެމްޕީއާރްސީގެ މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމަށްފަހު ބައްދަލުވުމަކަށް ވަޑައިގެން ޕީޕީއެމްގެ އާންމު މެންބަރުންނާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.
ޕީޕީއެމް އޮފީހުގައި މިރޭ ބޭއްވި ބައްދަލުވުމުގެ މަންޒަރުތައް ޗެނަލް 13 އިން ދުރަށް ދައްކާފައިވާއިރު، އަޑު ވަނީ ކަނޑާލާފައެވެ. މި ބައްދަލުވުމަކީ ނުރަސްމީ ބައްދަލުވުމެއް ކަމުން މީޑިއާތަކަށް ދައުވަތު ދީފައެއް ނުވެއެވެ.
އެ ބައްދަލުވުމުގައި ޕީޕީއެމުންގެ ބޮޑު ޖަލްސާއެއްގައި ވަރަށް އަވަހަށް ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށް ޗެނަލް 13 އިން ރިޕޯޓްކޮށްފައިވެއެވެ.
ރައީސް ޔާމީން ޕީޕީއެމްގެ އާންމު މެންބަރުންނާ ބައްދަލުކުރައްވާފައި މިވަނީ އެ މަނިކުފާނުގެ ޖަލު ބަންދަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އިއްޔެ ލުއި ދީފައި ވަނިކޮށެވެ. ކަރެކްޝަންސްއިން ބުނެފައިވާ ގޮތުގައި ރައީސް ޔާމީނަށް ލުއި ދީފައިވަނީ ސިއްހީ ފަރުވާގެ ކަންކަމުގައި އެ އިދާރާގެ ހުއްދަ ހޯދުމަށްފަހު ބޭރަށް ވަޑައިގަތުމަށް ކަމަށެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދީގެން ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ އެމަނިކުފާނު 11 އަހަރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު 25 ވަނަ ދުވަހުއެވެ. އެ ހުކުމާއެކު ގިނަ ދުވަސްތަކެއްވަންދެން ޖަލުގައި އޮންނެވުމަށް ފަހު، އެ މަނިކުފާނު ގެކޮޅަށް ބަދަލުކުރެއްވީ މި މަހުގެ އެއް ވަނަ ދުވަހުއެވެ.
ރައީސް ޔާމީނަށް އިއްވި ޖަލު ހުކުމުގެ އިސްތިއުނާފު ހައިކޯޓުގައި ކުރިއަށްދާ އިރު، އެ މައްސަލަވެސް އޮތީ ނިމުމަކާ ގާތުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު