ސަރުކާރު ބަދަލުވުމުގެ އިންތިގާލީ މަރުހަލާގައި ހުޅުމާލޭގެ ބިންތަކާ ގުޅޭ ވިޔަފާރީގެ މުއާމަލާތްތައް ނުކުރުމަށް އިންތިގާލީ އޮފީހުން އިލްތިމާސް ކޮށްފިއެވެ.
އެ އޮފީހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ހުޅުމާލޭގެ ބިންތަކާ ގުޅޭ ވިޔަފާރީގެ އެކި މުއާމަލާތްތަކާ ގުޅޭ ތަފާތު 40 އައިޓަމެއް އާބަންކޯ ބޯޑުގެ ދެން އޮންނަ ބައްދަލުވުމަކަށް އެޖެންޑާކޮށްފައިވާ ކަމުގެ މައުލޫމާތު އިންތިގާލީ އޮފީހަށް ލިބިފައިވާ ކަމަށާއި އެކަމާ މެދު އެ އޮފީހުން ނުހަނު ކަންބޮޑުވާ ކަމަށެވެ.
"ހުޅުމާލޭގެ ބިންތަކަކީ، ދިވެހި ދައުލަތުގެ ރައުސްމާލުގައި ހިމެނޭ އެންމެ އަގު ބޮޑު 'އެސެޓް'ތައްކަމުން، މި މަރުހަލާގައި އަވަސް އަރުވާލައިގެން، އެ ބިންތަކާ ގުޅޭ ވިޔަފާރީގެ މުއާމަލާތްތައް ހިންގުމަކީ މި އޮފީހުން ކަންބޮޑުވާ ކަމެކެވެ،" އިންތިގާލީ އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ.
އެ އޮފީހުން ބުނި ގޮތުގައި، މި މުއާމަލާތްތަކުގެ ތެރޭގައި ބޭރުގެ ފަރާތްތަކަށް ބިން "ލީޒް" ކުރުމުގެ މުއާމަލާތްތަކެއް ހިމެނޭ ކަމަށެވެ.
ބަޔާނުގައި ބުނެފައި ވަނީ އާބަންކޯގެ އެ ނިންމުމުގެ ސަބަބުން އަލަށް އުފެދޭ ސަރުކާރުގެ ސިޔާސަތުތައް ހިންގުމަށް ހުރަސްއެޅި ދައުލަތަށް އެކަމުގެ ސަބަބުން ގެއްލުންތަކެއް ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
"މި މަރުހަލާގައި (އިންތިގާލީ) މި ފަދަ މުއާމަލާތްތައް މަޑުޖައްސާލައި، ހުރިހާ އިދާރާތަކާއި މުއައްސަސާތަކާއި ކުންފުނިތަކުން، އިންތިގާލީ މަރުހަލާގެ ރޫހާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސް ކުރަމެވެ" އިންތިގާލީ އޮފީހުގެ ބަޔާނުގައިވެއެވެ.
އެ ބަޔާނުގައި އިތުރަށް ބުނީ، އެފަދަ އަމަލުތައް ހުއްޓުވައި ދިވެހި ރައްޔިތުންގެ މަތީ މަސްލަހަތުތައް ހިމާޔަތް ކުރުމަށް ގާނޫނީ ނިޒާމުގެ ތެރެއިން މުއައްސަސާތައް މެދުވެރިކޮށް ކުރަންޖެހޭ މަސައްކަތްތައް އިންތިގާލީ އޮފީހުން ކުރަމުން ގެންދާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު