ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ޑެންގީއަށް ޕޮޒިޓިވްވެއްޖެއެވެ.

މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާއަށް، ފޮނުއްވި ސިޓީއެއްގައި އީވާ ވިދާޅުވީ ޑެންގީ ހުމަށް ޕޮޒިޓިވްވެފައިވާތީ މިއަދު ބާއްވާ މަޖިލީހުގެ ޖަލްސާއަށް އޭނާއަށް ހާޒިރުވެވެން ނެތީ ސަލާމް ފޮނުވާ ކަމަށެވެ.

"މި ސިޓީއާއެކު އަޅުގަނޑު މެޑިކަލް އަދި ބްލަޑު ރިޕޯޓުތައް ފޮނުވީމެވެ. އަދި އެ ދުވަހުގެ ޖަލްސާއަކީ ހައްސާސް މައްސަލައެއް އެޖެންޑާކޮށްފައިވާ ދުވަހެއްކަމަށް ވާތީ، މި ސިޓީއާއި ލިޔުންތައް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި މައިނޯރިޓީ ލީޑަރާ ހިއްސާކޮށްދެއްވުމުން އެދި ދެންނެވީމެވެ" އީވާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން އިތުބާރު ނެތްކަމުގެ ގަރާރު ކުރިއަށް ގެންދަން މިއަދު ޖަލްސާއެއް ބާއްވަން ތާވަލުކޮށްފައި އޮތް ނަމަވެސް، އީވާ އާލާސްކަންފުޅާ އުޅުއްވާތީ، މިއަދު ސަލާން ފޮނުއްވާފައިވާތީ އެ މައްސަލަ ކުރިއަށް ގެންދެވޭ ގޮތް ވަނީ ނުވެފައެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށަން ތައްޔާރުވެފައިވާ މާލަމަށް މަޖިލީހުގެ ބައެއް މެންބަރުން ހާޒިރުވެ ތިއްބަވަނިކޮށް، އީވާ ސަލާމް ފޮނުއްވާފައިވާ ކަމަށް އިއުލާން ކުރެއްވީ މަޖިލީހުގެ އަމީން އާއްމު ނިއުޝާ އެވެ.

އީވާގެ ބަދަލުގައި، މަޖިލީހުގެ ރިޔާސަތުގައި އެހެން މެންބަރަކު ބަހައްޓަވައިގެން، ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންގޮސްދިނުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ މިއަދު އެދިފައެވެ. ޖިލީހުގެ ގަވާއިދުގައި ބުނަނީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަން ވާނީ މަޖިލީހުގެ ނައިބު ރައީސް ކަމަށެވެ. އީވާ އާލާސްކަންފުޅާ އުޅުއްވާތާ ވަނީ ދުވަސްކޮޅެއްވެފައެވެ.

ނަމަވެސް ގާނޫނުއަސާސީގެ 82 ވަނަ މާއްދާގައި ވަނީ އެފަދަ ހާލަތަކަށް ގާނޫނީ ފަރުވާއެއް ހޯދައިދީފައި ކަމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ބައެއް މެންބަރުން ވަނީ ވިދާޅުވެފައެވެ. އޭގެ ތެރޭގައި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ހިމެނެއެވެ.

ޑައިރެކްޓާ އޮފް މީޑިއާ ހަސަން ޒިޔާއު "ވަން" އަށް މިއަދު ވިދާޅުވީ، މަޖިލީހުގެ ރިޔާސަތުގައި އީވާގެ ބަދަލުގައި އެހެން މެންބަރަކު ބަހައްޓައިގެން، ނަޝީދުގެ މައްސަލަ ކުރިއަށް ގެންގޮސްދިނުމަށް، އެމްޑީޕީގެ ފަރާތުން ރަސްމީ ގޮތެއްގައި އެދިފައިވޭތޯ ބަލަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ، މަޖިލީހުގެ ތެރޭގައި ބައެއް މެންބަރުން އެގޮތަށް ވާހަކަދައްކަވާފައިވާ ކަމަށެވެ.

ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވަނީ، ރިޔާސަތު ބަލަހައްޓާނެ މެންބަރަކު މަޖިލީހުގެ ރައީސް ކަނޑައަޅަން ވާނެ ކަމަށެވެ. އެގޮތަށް ކަނޑައަޅާ މެންބަރަކީ މަޖިލީހުގައި އެންމެ ގިނަ ދުވަހު ހިދުމަތްކުރެއްވި ފަސް މެންބަރުންގެ ތެރެއިން މެންބަރެކެވެ. އެ މެންބަރަކަށް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓޭނީ ވިދިވިދިގެން ތިން ޖަލްސާގައެވެ. މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނެ މެންބަރަކު ކުރީ ބައިގައި ކަނޑައަޅާފައި ނުވާނަމަ، އެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ ދެވަނައަށް އެންމެ ގިނަ ދުވަހު މެންބަރުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.

ނަޝީދު އަދި އީވާ ނެތް ހާލަތެއްގައި މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނީ ކޮން މެންބަރެއްކަން ކަނޑައަޅައިފައެއް ނުވެއެވެ. ނަމަވެސް މީގެ ކުރިން އެ ހާލަތުގައި ރިޔާސަތު ބަލަހައްޓާފައިވަނީ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފެވެ.