ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިސްގެ ތެރެއިން ކުރިއަށް ނުދާތީ، އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމާފައިވާ ކަމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުން ބުނެފިއެވެ.
މަޖިލިސް ރައީސް ވަކިކުރުމުގެ މައްސަލަ މިއަދު ބާއްވަން ތާވަލުކުރި ނަމަވެސް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅެއް ޖެހިވަޑައިގެން ސަލާމުގައި ހުންނެވުމުން ޖަލްސާ ނުބޭއްވުނެވެ. އެމްޑީޕީން ބުނަމުން އަންނަނީ ގަވާއިދުގެ ތެރެއިން އެހެން މީހަކަށް އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެން ވާނެ ކަމަށެވެ.
ގާނޫނުއަސާސީ އާއި މަޖިލިސް ގަވާއިދުގައި ބުނާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހިވަޑައިގަންނަވާނީ، ނައިބު ރައީސެވެ. ނަމަވެސް އެއްވެސް ސަބަބަކާ ހުރެ އެއިން ބޭފުޅަކު ހާޒިރުވެ ވަޑައިނުގެންފިނަމަ ދެން ހަދަން ޖެހޭނެ ގޮތެއް އެއިން އެއްވެސް އެއްޗަކު ބަޔާންކޮށްފައެއް ނުވެއެވެ.
ނަޝީދު ވަކިކުރުމުގެ މައްސަލައިގައި ދެން ކުރިއަށްދާން ނިންމާފައިވާ ގޮތަކާ ގުޅޭ ގޮތުން "ވަން" އިން ސުވާލުކުރުމުން އެމްޑީޕީގެ ޕީޖީ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ، އެ މައްސަލަ ކުރިއަށް ގެންދިއުމަށް މަޖިލިސް ތެރެއިން އެކި ގޮތް ގޮތުން މަސައްކަތް ކުރެވިއްޖެ ކަމަށެވެ. އެހެންވެ އެ މައްސަލާގައި ގޮތެއް ނިންމުމަށް ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.
ކޯޓަށް މައްސަލަ ވައްދަން ނިންމާފައިވަނީ ކޮންއިރަކު ކަމެއް އަސްލަމް ވިދާޅެއްނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު