އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ޖަލު ހުކުމެއް އިއްވާފައިވާ ޕީޕީއެމް/ޕީއެންސީގެ ލީޑަރު ރައީސް ޔާމީން ރަށު ބަންދަށް ބަދަލުކޮށްފިއެވެ.

ކަރެކްޝަންސްގެ އޮފިޝަރަކު "ވަން" އަށް މިރޭ ވިދާޅުވީ، ސިއްހީ ކަންކަމަށް ކަރެކްޝަންސްއަށް އެންގުމަށް ފަހު ބޭރަށް ދިއުމަށް ރައީސް ޔާމީނަށް ލުއިތަކެއް ދީފައިވާ ކަމަށެވެ.

މައާފު ދިނުމާއި އަބަދު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން އަދަބު ލުއިކޮށްދިނުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް އޮވެއެވެ.

އާރަށް ކުއްޔަށް ދޫކުރި މުއާމަލާތާ ގުޅިގެން ކުރި މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ސާބިތުވެ، 2022 ވަނަ އަހަރުގެ ޑިސެންބަރު މަހުގައި ރައީސް ޔާމީނުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރެއްވުމަށް މާފުށީ ޖަލުގައި ނުވަ މަހަށްވުރެ ގިނަ ދުވަހު ހުންނެވުމަށްފަހު، އެ މަނިކުފާނު ގޭ ބަންދަށް ބަދަލުކުރީ ރިޔާސީ އިންތިހާބު ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރެއްވުމަށްފަހު ޔާމީން ގެކޮޅަށް ބަދަލުކުރެއްވުމަށް އެމަނިކުފާނު ގޮވާލެއްވުމުންނެވެ.

ރައީސް ޔާމީން ރަށު ބަންދަށް ބަދަލުކުރި އިރު، އެމަނިކުފާނަށް އިއްވި ޖަލު ހުކުމުގެ އިސްތިއުނާފީ އަޑުއެހުންތައް ހައިކޯޓުގައި ދަނީ ހިނގަމުންނެވެ.

އިންތިހާބީ ރައީސް ވަނީ، ވެރިކަމާ ހަވާލުވެ، ރައީސް ޔާމީން މިނިވަންކުރެއްވުމަށް ކޯޓުތަކަށް އޮތް ސަރުކާރުގެ ނުފޫޒު ނައްތައިލައްވާނެ ކަމަށް ވިދާޅުވެފައެވެ.