ކްރައުން އެންޑް ޗަމްޕާގެ އިތުރު ރިސޯޓެއް ޅ. އަތޮޅުގައި މިއަދު ހުޅުވައިފިއެވެ. މިއީ އެކުންފުނިން ޅ. އަތޮޅުގައި ހުޅުވި ހަވަނަ ރިސޯޓެވެ.

"ޖާވަކަރަ އައިލެންޑްސް މޯލްޑިވްސް"، މި ރިސޯޓު ތަރައްގީކުރީ މާބިންހުރާ އާއި ދެރުށް ފިނޮޅު ފާލަމަކުން ގުޅާލައިގެންނެވެ.

ޖަވާކަރަ އައިލެންޑް މޯލްޑިވްސްގައި ޖުމުލަ 290 ކޮޓަރި ހުރެއެވެ. އޭގެ ތެރެއިން މާބިން ހުރާގައި 202 ކޮޓަރި އަދި ދެރުއްފިނޮޅުގައި 88 ކޮޓަރި ހުންނާނެއެވެ. އެއީ 110 ބީޗު ވިލާ އާއި 90 ބީޗް ޕޫލް ވިލާ އަދި 70 ވޯޓާ ޕޫލް ވިލާއެވެ. މީގެއިތުރުން ދެ ސްޕާ އާ އެކު ޖުމްލަ ހަތަރު ބާ އާއި ހަތަރު ރެސްޓޯރެންޓް ވެސް ހުރެއެވެ.

މި ރިސޯޓްގައި ސާފް ސްކޫލެއް ވެސް ހިންގަ އެވެ. ވޯޓާ ސްޕޯޓްސްގެ ތަފާތު ކުޅިވަރުތަކުގެ އިންތިޒާމް ވެސް ވަނީ ހަމަޖައްސައިފައެވެ.

މި ރިސޯޓުގައި ސްޕާ އާއި ކުޑަކުދިންނަށް ހާއްސަ ކިޑްސް ކްލަބެއްގެ އިތުރުން ދެ އިންފިނިޓީ ޕޫލް ހުރެއެވެ. އަދި ޑައިވިން، ކަޔަކިން އަދި ސްނޯކްލިންގެ އިތުރުން ގޮލްފު، ޕެޑަލް އަދި ފުޓުބޯޅަ ކުޅެވޭނެ އިންތިޒާމުތައްވެސް ހުންނާނެއެވެ.

ސީޕްލޭންގައި ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން 35 މިނެޓުން އެ ރިސޯޓަށް ދެވޭނެއެވެ. އަދި މަޑިވަރު ޑޮމެސްޓިކް އެއާޕޯޓުން ފުރައިގެން ސްޕީޑު ލޯންޗުގައި 40 މިނެޓުން ދެވޭ ދުރުމިނުގައި އޮންނަ ރިސޯޓެއް ކަމަށްވެސް އެކުންފުނިން ބުންޏެވެ.