ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން މުހައްމަދު ނަޝީދު ވަކިކުރެއްވުމަށް އެމްޑީޕީން މަސައްކަތް ކުރަނީ ސަރުކާރުން ކޮށްފައިވާ ވައްކަންތައް ފޮރުވަންވެގެން ކަމަށް ދަ ޑިމޮކްރެޓިކްގެ ވަގުތީ ޗެއާޕާސަން، ރައްޔިތުން މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

ދަ ޑިމޮކްރެޓިސްއިން ރޭ އެ ޕާޓީގެ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ހަސަން ވިދާޅުވީ، މި ސަރުކާރުން ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ހިތްވަރާއެކު ހިޔާނާތް ހިންގާފައި ކަމަށާއި އެ މައްސަލަތައް މަޖިލީހުގެ ތެރެއިން ބަލަން މަސައްކަތް ކުރާ ހަމައެކަނި ޕާޓީއަކީ ޑިމޮކްރެޓިކްސް ކަމަށެވެ. މިއަދާ ހަމައަށް އައިރު އެކަންކަން އެދެވޭ ގޮތެއްގައި ބެލިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެއީ 2024 ވަނަ އަހަރުގެ މަޖިލިސް އިންތިހާބަށް ދާއިރު އެމްޑީޕީ މެންބަރުން ކޮށްފައިވާ ވައްކަން ނަޝީދު ފަޅާއަރުވައިލާނެތީ ނަގަން މަސައްކަތް ކުރަމުންދާ ވޯޓެއް ކަމަށް ހަސަން ވިދާޅުވިއެވެ. ނަޝީދު ރިޔާސަތުގައި ހުރެއްޖެނަމަ އެމްޑީޕީއަށް މިއަންނަ އަހަރުގެ މަޖިލިސް އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމުގެ ބިރު އެމްޑީޕީއަށް އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

"ދެން ޑިމޮކްރެޓްސްގެ ރައީސެއް އެތާގަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގޮތުގައި އިންނަވާއިރު އަޅުގަނޑަކަށް ހަމަގައިމުވެސް ޝައްކެއް ނެތް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގޮތުގައި މުހައްމަދު ނަޝީދު އިންނަވައިގެން ސަރުކާރު ބަދަލުވާއިރު މިކަންކަން ވަރަށް ފަސޭހަކަމާއެކީ، ވަރަށް ދެފުށް ފެންނަ ގޮތަކަށް ކުރައްވާނެ ކަމީ އަޅުގަނޑު ޝައްކުކުރާ ކަމެއް ނޫން. އެ މައްސަލަތައް ބައްލަވާނެ. އަޅުގަނޑުމެން އެތާ ތިބެގެން އެކަން ކުރާނަން. އެހެންވީމާ އެ މައްސަލަތައް ބަލައިފާނެތީ، ކޮށްފަހުރި ވައްކަމާއި ކޮރަޕްޝަން ފަޅާއަރުވާލާނެތީ އެކަންކަމުގައި ޝާމިލުވި މީހުން ގެންގޮސް ހިފައި ހައްޔަރުކޮށް، އެ މީހުންނަށް ގާނޫނުގައި އޮތް އަދަބު ދޭނެތީ އެތަނުގައި ރައީސް ނަޝީދު ނުބަހައްޓަންވެގެން ކުރާކަމެއް ރައީސް ނަޝީދު މަގާމުން ވަކި ކުރުމަކީ" ހަސަން ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަބުރުގެ ތެރެއިން އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވަނީ އޭނާއާ ބައްދަލުކުރައްވާފައި ކަމަށް ހަސަން ވިދާޅުވިއެވެ. އެ ބައްދަލުވުމުގައި އަސްލަމް އެދިވަޑައިގަތީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓްސްއިން ވަކި ކޮޅަކަށް ނާރާނަމަ، އެއިރު ހުށަހަޅާފައިވާ، ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންދަވާނެ ކަމަށް ކަމަށް ހަސަން ވިދާޅުވިއެވެ. އެއިރު ޑިމޮކްރެޓިން އިންޓެރިމް ކައުންސިލުން ވެސް ވަނީ ދެވަނަ ބުރުގައި އެއްވެސް ބަޔަކަށް ތާއީދު ނުކުރުމަށް ނިންމާފައި ކަމަށެވެ. އެހެންވެ އަސްލަމް އެދުނު ގޮތަށް އެއްބަސްވެ ސިޓީއެއް ފޮނުވާފައިވާނެ ކަމަށް ހަސަން ވިދާޅުވިއެވެ. އެ ސިޓީ ލިބިވަޑައިގަތުމުން އެމްޑީޕީގެ މެންބަރުން ވަނީ ނަޝީދުގެ އިތުބާރު ނެތްކަމަށް ކުރައްވާފައިވާ ސޮއި އަނބުރާ ނަންގަވާފައި ކަމަށް ހަސަން ވިދާޅުވިއެވެ.

ނަމަވެސް އެއިރުވެސް އެމްޑީޕީން ނިންމާފައިވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށްފަހު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަލުން ހުށަހަޅަން ކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވާ ކަމަށް ހަސަން ވިދާޅުވިއެވެ. ރައީސް ސޯލިހު ހީފުޅުކުރެއްވީ އެ މަނިކުފާނަށް ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރެއްވޭނެ ކަމަށް ކަމަށާއި ނަމަވެސް އެކަން ނުވުމުން މިހާރު މަސައްކަތް ކުރައްވަނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ހުރަސް އަޅުއްވަން ކަމަށް ހަސަން ވިދާޅުވިއެވެ.

"އެކަމެއް އެހެންވެގެން ނުވާނެ. އެއީކީ ވެގެންވާނެ ކަމެއް ނޫން. އެހެންވީމާ އެކަން އެބަޖެހޭ ހުއްޓުވަން. އެކަން ވީގޮތް ރައްޔިތުންނަށް ކިޔައިދޭން ވެސް އެބަ ޖެހޭ. އަޅުގަނޑު ހަގީގަތުގައި ވެސް ދަންނަވަން ބޭނުން ހިތަދޫ އުތުރު ދާއިރާގެ މެންބަރު އެމްޑީޕީ ޕާލިމެންޓް ގްރޫޕުގެ ލީޑަރު އަސްލަމް، އަސްލަމޭ ތިބޭފުޅުން ކޮންމެވެސް ވަރަކަށް ރައީސް ސޯލިހުގެ އަތްޕުޅުގައި މިހެން ކޮށްޓާފަ ނަމަވެސް ވިދާޅުވެ ދެއްވަބަލާށޭ ބަލިވެއްޖޭ. އިންތިހާބުން ބަލިވެއްޖޭ. ރިޔާސީ އިންތިހާބުން ތިއިންނެވީ ބަލިވެވަޑައިގެން" ހަސަން ވިދާޅުވިއެވެ.

ނަޝީދުގެ ރިޔާސަތުގައި ހުންނަވައިގެން މުއިއްޒު ކުރައްވާ ހުވާ، ގާނޫނީ ހުވައަކަށް ނުވާނެ ކަމަށް އެމްޑީޕީން ބުނަމުންދާ ކަމަށް ހަސަން ވިދާޅުވިއެވެ. އެވަރުގެ ވާހަކައެއް އެމްޑީޕީން ދައްކަމުންދާއިރު ގާނޫނީ އިލްމު ހާސިލުކުރައްވައިގެން ހުންނެވި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު އެކަން ސާފުކޮށްދެއްވަން ޖެހިވަޑައިގަންނަވާ ކަމަށް ހަސަން ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ އަތްޕުޅުގައި ކޮށްޓަވާފައި އެއީ އެކަން އޮންނަ ގޮތެއް ނޫން ކަމަށް ރައީސް ސޯލިހަށް ދަންނަވަން ޖެހޭކަމަށް ހަސަން ވިދާޅުވިއެވެ. ނަޝީދުގެ އިތުބާރު ނެތްކަމަށް މަޖިލީހުން އަދި ފާސްވެފައިނުވާ ކަންވެސް ރަައީސް ސޯލިހަށް، ރިފްއަތު ދަންނަވަން ޖެހޭކަމަށް، ހަސަން ވިދާޅުވިއެވެ.