ރާއްޖޭގެ އިގުތިސާދީ ސަރަހައްދަށް ގާނޫނާހިލާފަށް ވަދެ މަސްވެރިކަން ކުރި ރާއްޖޭން ބޭރުގެ 20 ބޯޓެއް ޖޫރިމަނާކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.

ފިޝަރީޒް މިނިސްޓްރީން މީޑިއާތަކަށް މިރޭ ބުނީ އެ 20 ބޯޓު ޖޫރިމަނާ ކުރީ 2019 ވަނަ އަހަރު ފާސްކުރި މަސްވެރިކަމުގެ އާ ގާނޫނުގެ ދަށުން ކަމަށެވެ.

ފިޝަރީޒް މިނިސްޓްރީގެ މީޑިއާ އޮފިޝަލް "ވަން" އަށް މިރޭ ވިދާޅުވީ އެ 20 އުޅަނދު ޖޫރިމަނާ ކޮށްފައިވަނީ ކުރި ކުށަށް ބަލައި އެކި އަދަދުތަކުން ކަމަށެވެ. އެއީ ކޮން ގައުމުތަކެއްގެ ބޯޓުތަކެއް ކަމެއް އަދި އެ ބޯޓުތަކުން ކުރި ކުށުގެ މައުލޫމާތު ހިއްސާކޮށްފައެއް ނުވެއެވެ.

އޭނާ ވިދާޅުވީ ގާނޫނާހިލާފަށް، ރާއްޖޭގެ އިގުތިސޯދީ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރަމުން ދިޔަ ސްރީ ލަންކާގެ ފަސް ބޯޓެއް މިދިޔަ މަހުގެ 18 ވަނަ ދުވަހު ކޯސްޓުގާޑުން ހިފެހެއްޓި ކަމަށާއި އެއިން ކޮންމެ ބޯޓެއް 100،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާނެ ކަމަށެވެ. އަދި އެ ބޯޓުތަކުން ޖޫރިމާނާގެ ފައިސާ ދެއްކުމުން މިހާރު އަނބުރާ ލަންކާއަށް ފޮނުވާލާފައި ކަމަށްވެސް ވިދާޅުވިއެވެ.