ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުޕްރީމް ކޯޓުގައި އިސްތިއުފާނު ކުރި މައްސަލައެއްގެ ޝަރީއަތެއްގެ ތެރެއިން ޖޭއެސްސީއަށް ފަނޑިޔާރު ހުސްނުއްސުއޫދު ފާޑުވިދާޅުވެފައިވަނިކޮށް، ފަނޑިޔާރު ސުއޫދުގެ ބަދަލުގައި އެ މައްސަލައިގެ ބެންޗަށް ފަނޑިޔާރު މަހާޒް އަލީ ޒާހިރު ހަމަޖައްސަވައިފައެވެ.
ފަނޑިޔާރު ސުއޫދު، ޖޭއެސްސީއަށް ފާޑުވިދާޅުވެފައި ވަނީ ޖޭއެސްސީ ވާސެސް އަބްދުﷲ ޝާކިރު އަދި އިތުރު ބައެއްގެ މައްސަލައިގެ އަޑުއެހުމުގެ ތެރެއިންނެވެ. އެއީ ގަޒިއްޔާ ނަމްބަރު 2022/އެސްސީ-އޭ/27 އެވެ. އެ މައްސަލައިގެ ފަނޑިޔާރުންގެ ބެންޗުގައި އެންމެ ފުރަތަމަ ތިއްބެވީ ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.
އެ މައްސަލައިގައި މިދިޔަ އޮގަސްޓް މަހުގެ 17 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގެ ތެރެއިން ފަނޑިޔާރު ސުއޫދު ވަނީ ދެ އަހަރު ވެގެންދާއިރުވެސް ސުޕްރީމް ކޯޓަށް ސެކްރެޓަރީ ޖެނަރަލެއް އައްޔަން ނުކުރެވޭ ކަމަށް ވިދާޅުވެ، ޖޭއެސްސީއަށް ފާޑުވިދާޅުވެފައިވެއެވެ.
"މިހާރު ދެ އަހަރުވެގެން މިދަނީ މި ތަނުގެ އިދާރީ އެންމެ އިސް މުވައްޒަފު ނެތި، ތިޔަ ބޭފުޅުން ޖޭއެސްސީއަކީ މި ތަނުގެ އިދާރީ އެންމެ އިސްފަރާތް ކަމަށްވާ ނަމަ ކޮން ދުވަހަކުންތޯ އަޅުގަނޑުމެންގެ އިދާރީ އެންމެ އިސް މުވައްޒަފުން ލިބެނީ؟" ފަނޑިޔާރު ސުއޫދު ރުޅިވެރިކަމާއެކު އެ ދުވަހު ވިދާޅުވިއެވެ.
"މިތަން މި އޮތީ ހަމަ ހުއްޓިފައި، ހިންގުން އެއްކޮށް ހުއްޓިފައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު މިއީ، ކޮން އިރަކުންތޯ މިއަށް އަޅުގަނޑުމެންނަށް ފަރުވާއެއް ލިބެނީ، ވިދާޅުވެދެއްވަބަލަ؟ މި ތަން ހިންގާނީ ކިހިނެއްްތޯ؟ އިދާރީ ގޮތުން މި ކޯޓު ހިންގޭކަށް، އިދާރީ ގޮތުން މި ކޯޓަށް މިނިވަންކަމެއް ނެތް މުވައްޒަފުން ލާކަށް،"
ފަނޑިޔާރު ސުއޫދު ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓަކީ ދައުލަތުގެ އެއްބާރު ކަމަށް ވިޔަސް ތިބެން ޖެހިފައިވަނީ ބަޔަކު ދިނިއްޔާ ކައިގެން، ފޮތް ފަންސޫރު ބަޔަކު ދިނިއްޔާ ހޯދައިގެން ކަމަށެވެ.
ޖޭއެސްސީއަށް، ފަނޑިޔާރު ހުސްނުއްސުއޫދުގެ ނުރުހުން އަމާޒުވި ނަމަވެސް އެކަމާ ގުޅިގެން ޖޭއެސްސީން އެއްވެސް ވާހަކައެއް ދައްކާފައި އަދި ފިޔަވަޅެއް އަޅައިފައެއްނުވެއެވެ.
މިދިޔަ ހޯމަ ދުވަހު އެ މައްސަލައިގެ އިތުރު އަޑުއެހުމެއް ބޭއްވި އިރު، ފަނޑިޔާރު ސުއޫދުގެ ބަދަލުގައި ބެންޗުގައި އިންނެވީ ފަނޑިޔާރު މަހާޒެވެ. ފަނޑިޔާރު މަހާޒު އެ މައްސަލަ ބަލަން ބެންޗަށް ހަމަޖެއްސި ސަބަބު ހޯދަން ކުރި މަސައްކަތުން ސުޕްރީމް ކޯޓުގެ ބަހެއް ލިބިފައެއް ނުވެއެވެ.
"ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު" ގައި ބަޔާންކޮށްފައިވާ ގޮތުން ސުޕްރީމް ކޯޓަށް ހުށަހަޅާ މައްސަލަތައް ބަލާނެ ފަނޑިޔާރުންގެ މަޖިލިސް އެކުލަވާލައި، ރިޔާސަތު ބަލަހައްޓާނެ ފަނޑިޔާރެއް ކަނޑައަޅުއްވާނީ އުއްތަމަ ފަނޑިޔާރެވެ.
"ސުޕްރީމް ކޯޓުގެ ގަވާއިދު"ގައިވާ ގޮތުން އެގޮތަށް ބެންޗަށް އައްޔަން ކުރައްވާ ފަނޑިޔާރަކަށް މައްސަލައިން ތަނާޒުލްވެވިދާނެއެވެ. އެއީ އެ މައްސަލައަކީ ފަނޑިޔާރުގެ މަސްލަހަތާ ގުޅިފައިވާ މައްސަލައަކަށްވާ ނަމައެވެ. މައްސަލައަކުން ފަނޑިޔާރަކު ތަނާޒުވެވަޑައިނުގަންނަނީސް އެހެން ފަނޑިޔާރު ހަމައެއް ނުޖައްސާނައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު