ވަރިވާން ދިޔަ މީހަކަށް ގުޅައި މެސެޖު ކުރި މައްސަލައެއްގައި އަނެއްކާވެސް އދ. ޖުޑިޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލީ އާދަމް ވަކި ކުރަން މަޖިލީހަށް ލަފާދޭން ނިންމައިފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވާން ހުށަހެޅި މީހަކަށް ގުޅައި، މެސެޖުކޮށް، ޝަރީއަތުގެ ބޭރުން އެކި ވާހަކަތައް ދައްކައި ހެދިކަން ހެކިތަކުންނާއި އަލީ އާދަމްގެ އިއުތިރާފުން ސާބިތުވާ ކަމަށެވެ. އަދި އެ މެސެޖުތަކަށް ބަލާއިރު، އަލީ އާދަމް މަސައްކަތް ކޮށްފައި ވަނީ ނުނިޔަތެއްގައި ނުބައި މަގުސަދެއް އޮވެގެންކަންވެސް ސަބިތުވާ ކަމަށް ބުންޏެވެ.

އެއާއެކު އިސްމެޖިސްޓްރޭޓް އަލީ އާދަމް ފަނޑިޔާރުކަމުން ވަކި ކުރުމަށް މަޖިލީހަށް ލަފާ ދިނުމަށް އިއްޔެ އެ ކޮމިޝަނުން ބޭއްވި ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.

މިދިޔަ ޖުލައި މަހުވެސް މެޖިސްޓްރޭޓް އަލީ އާދަމްގެ މިފަދަ މައްސަލައެއް ފެންމަތިވެ، މަގާމުން ވަކިކުރުމަށް މަޖިލީހަށް ލަފާއަރުވާފައިވެއެވެ. އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފައިވާ އިރު، އެ މައްސަލައިގައި ޖަވާބުދާރީވާން އޭނާއަށް ފުރުސަތު ދޭން މި މަހު 16 ވަނަ ދުވަހު އެ ކޮމިޓީން ވަނީ ނިންމައިފައެވެ.

"އިސްމެޖިސްޓްރޭޓް ޢަލީ އާދަމް ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ކުރިން އަރުވާފައިވާ ލަފަޔާމެދު ގޮތެއް ނުނިމި ލަސްވުމަކީ މި ކޮމިޝަންގެ ކަންބޮޑުވުން އޮތް ކަމެއްކަން ވެސް މި ފުރުސަތުގައި ފާހަގަކުރަމެވެ." ޖޭއެސްސީގެ ބަޔާނުގައި ވެއެވެ.

އޭގެ އިތުރުންވެސް އިތުރު ސުލޫކީ މައްސަލައެއްގައި އަލީ އަދަމް މަސައްކަތަށް ނުކުތުން މަނާކޮށްފައިވާ ކަމަށާއި އެ މައްސަލަވެސް އޮތީ ތަހުގީގުގެ ފަހު މަރުހަލާގައި ކަމަށް ޖޭއެސްސީން ބުންޏެވެ.