ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އެފްގައި ރޭ ކުޅުނު މެޗުތަކުން ޕީއެސްޖީއާއި ބްރޫޝިއާ ޑޯޓުމަންޑް މޮޅުވެއްޖެއެވެ.

ޕީއެސްޖީން ރޭ އަމިއްލަ ދަނޑުގައި އޭސީ މިލާން ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގު ސެމީ ފައިނަލުގައި ކުޅުނު އޭސީ މިލާން ކައިރިން ޕީއެސްޖީ ހޯދި މޮޅާއެކު އެޓީމުން ވަނީ ތާވަލުގެ އެއްވަނައަށް ޖެހިލައިފައެވެ. އެއީ ތިން މެޗުން ހަ ޕޮއިންޓާއެކުގައެވެ.

ރޭ އެ ގްރޫޕްގައި ނިއުކާސަލްއިން އަމިއްލަ ދަނޑިގައި ޑޯޓުމަންޑް އަތުން 1-0 އިން ބަލިވި އިރު، ޕީއެސްޖީ ބަލިކުރި ނިއުކާސަލް މިވަގުތު އޮތީ ތާވަލުގެ ތިންވަނައިގައެވެ. އެއީ ތިން މެޗުން ހަތަރު ޕޮއިންޓާއެކުގައެވެ. ޑޯޓުމަންޑް ދެވަނައިގައި އޮތީވެސް އެ އަދަދަށް ޕޮއިންޓް ހޯދައިގެންނެވެ. ފުލުގައި މިވަގުތު އޮތީ އޭސީ މިލާނެވެ.

ރޭ ޕީއެސްޖީން ކުޅުނު މެޗުގެ 32 ވަނަ މިނެޓުގައި ކިލިއަން އެމްބާޕޭ އެޓީމަށް ލީޑު ނަގައިދިނެވެ. އެ ގޯލަކީ ބާރު ހަމަލާއެއް ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިގެން ކާމިޔާބުކުރި ގޯލެކެވެ.

ޕީއެސްޖީގެ އިތުރު ގޯލުތައް ދެވަނަ ހާފުގެ ކުރީކޮޅުގައި ފެނިގެން ގޮސްފައިވާ އިރު، އެ ގޯލުތައް ޖަހައިދިނީ ރަންޑަލް ކޯލޯ މުއާނީއާއު ލޭ ކޭންގް-އިން އެވެ.

ނިއުކާސަލްއިން އަމިއްލަ ދަނޑުގައި ޑޯޓުމަންޑް ކައިރިން ބަލިވި މެޗުގެ ހަމައެކަނި ގޯލު ފެނިގެން ދިޔައީ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ކަހަލަ ގޮތަކަށެވެ. އެ ގޯލަކީ ފެލިކްސް މެޗާ ޖެހި ގޯލެކެވެ.

ދެވަނަ ހާފަށް ނުކުމެ، ނިއުކާސަލްއިން ނުރައްކާކުރި ނަމަވެސް، އެޓީމަށް ގޯލެއް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ. ކެލުމް ވިލްސަންއާއި އެންތޮނޯ ގޯޑިން ގެ ހަމަލާތައް ގޯލުގެ ދަނޑިއަށް އަމާޒުވެފައިވާ އިރު، ނިއުކާސަލްއަށް ނިންމާލަން ޖެހުނީ ހުސްއަތާއެވެ.