ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ މެދުފަންތީގެ ހައުސިން މަޝްރޫއު، "ދަ ގާޑެންސް"ގެ ބާކީ ހުރި މަސައްކަތްތައް އާބަންކޯގެ ބެލުމުގެ ދަށުން އަލުން ފަށައިފިއެވެ.

އެ މަޝްރޫއުގެ މަސައްކަތް ކުރިން ކޮށްފައިވަނީ، ޖާހް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުންނެވެ. އެ މަޝްރޫއު ހިންގުމަށް 2017 ވަނަ އަހަރު އެ ކުންފުންޏާ ހަވާލުކުރީ ދެ އަހަރުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ނަމަވެސް މަޝްރޫއު ނުނިމި ފަސް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އިރު، ޖާހު މެދުވެރިކޮށް އެ ތަނުން އެޕާންޓްމަންޓުތައް ގަތް ފަރާތްތަކުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ. އަދި މަޝްރޫއުގެ މަސައްކަތްކުރުމަށް ގެނެސްފައި ތިބި ބިދޭސީ މުވައްޒަފުންނަށް މުސާރަ ނުދީ، އެ މުވައްޒަފުންގެ ޕާސްޕޯޓުތައް ހިފެހެއްޓުމުގެ މައްސަލަތަކެއް ވެސް ވަނީ ފެންމަތިވެފައެވެ.

ޖާހުން މީގެ ކުރިން ބުނެފައިވާ ގޮތުން އެ މަޝްރޫއުގެ މަސައްކަތް ނުނިމި ލަސްވީ ކޮވިޑް-19ގެ ސަބަބުން މުވައްޒަފުންނާއި މަސައްކަތަށް ބޭނުންވާ ތަކެތި ގެނައުމަށް ދިމާވި ދަތިތަކާ ހެދި ކަމަށެވެ.

އާބަންކޯއިން މިއަދު ބުނީ، "ދަ ގާޑްންސް" މަޝްރޫއުގެ ތެރެއިން މިހާރު ކުރިއަށްދަނީ ދިހަ ވަނަ ބުރިން ތިރީގެ ބުރިތަކުގެ ފިނިޝިން މަސައްކަތް ކަމަށެވެ. އޭގެ ތެރޭގައި ޕްލާސްޓަރިން ޕުޓީގެ މަސައްކަތް، މުށި އަދި ސީލިން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

އާބަންކޯއިން އިތުރަށް ބުނީ، "ދަ ގާޑެންސް"ގެ މަސައްކަތް ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ނިންމަން ހަމަޖައްސާފައިވާ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިންގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ "ދަ ގާޑެންސް" މަޝްރޫއު ހަ މަސް ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް ވިދާޅުވެފައެވެ.