އިންޑިއާގައި ކުރިއަށްދާ އައިސީސީ މެންސް ކްރިކެޓް ވޯލްޑް ކަޕްގައި ރޭ ކުޅުނު މެޗުގައި ދެކުނު އެފްރިކާއިން ބޮޑު ތަފާތަކުން ބަންގްލަދޭޝް ބަލިކޮށްފިއެވެ.

ރޭ އިންޑިއާގެ މުމްބާއީގެ ވަންހެޑޭ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ދެކުނު އެފްރިކާއިން ބަންގްލަދޭޝް ބަލިކުރީ 149 ލަނޑުގެ ތަފާތަކުންނެވެ. ރޭގެ މެޗުން މޮޅުވެ، ދެކުނު އެފްރިކާއިން ވަނީ ސެމީގެ އުންމީދު ބޮޑު ކޮށްފައެވެ. އެއީ ފަސް މެޗުން އަށް ޕޮއިންޓާއެކު ތާވަލުގެ ދެވަނައަށް ޖެހިލައިގެންނެވެ. މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވެފައިވާ އިންޑިއާ އެއްވަނައިގައި އޮތް އިރު، ތިންވަނައިގައި މިވަގުތު އޮތީ ނިއު ޒިލެންޑެވެ. ހަތަރުވަނައި އޮތީ އޮސްޓްރޭލިއާއެވެ.

ބަންގްލަދޭޝް ރޭގެ މެޗުން ބަލިވެ، އެޓީމު މިވަގުތު އޮތީ ތާވަލުގެ ފުލުގައެވެ. އެއީ 10 ވަނައިގައެވެ. ބަންގްލަދޭޝްއަށް ސެމީގެ އުންމީދު އެއްކޮށް ކަހަލަ ގޮތަކަށް މިހާރު ވަނީ ގެއްލިފައެވެ.

ރޭގެ މެޗުގައި ޓޮސް ދިމާވުމުން ދެކުނު އެފްރިކާއިން ނިންމީ ބެޓް ކުރާށެވެ. ދެކުނު އެފްރިކާއިން ބެޓް ކުރަން ނުކުމެ ތަފާތު މޮޅެއް ކުޅެފައިވެއެވެ. ހާއްސަކޮށް 140 ބޯޅައިން 174 ލަނޑު ހެދި ގުއިންޓޮން ޑެ ކޮކްގެ ކުޅުން ފާހަގަކޮށްލެވުނެވެ. އެއީ މިހާތަނަށް އޭނާ މިފަހަރުގެ ވޯލްޑް ކަޕްގައި ހެދި ތިންވަނަ ސެންޗަރީއެވެ. އަދި އެއީ މިހާތަނަށް މި ވޯލްޑް ކަޕްގައި ކުޅުންތެރިއަކު ހެދި އެންމެ ތަފާތު ބޮޑު ސްކޯއެވެ.

ދެކުނު އެފްރިކާއިން 50 އޯވަރު ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން 382 ލަނޑު ހެދިއެވެ.

ބަދަލުގައި ކުޅެން އަރައި ބަންގްލަދޭޝްއަށް 46.4 އޯވަރުން ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 233 ލަނޑެވެ. އެޓީމުގެ މުހައްމަދުﷲ ސެންޗަރީއެއް ފުރިހަމަ ކުރި ނަމަވެސް، ބަންގްލަދޭޝްއަށް މާ ބޮޑު ފަރަގެއް ނުދެއްކުނެވެ. މެޗުގައި މުހައްދުﷲ ވަނީ 111 ބޯޅައިން 111 ލަނޑު ހަދައިފައެވެ.