ފުލުހުންގެ ވެލްފެއާ ކުންފުނި ޕޮލްކޯ އިން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްލެޓް އިމާރާތުގެ ކޮމާޝަލް ޔުނިޓްތައް ދޫކުރުން މަޑުޖައްސާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ ކުންފުންޏަށް އަންގައިފިއެވެ.

އޭސީސީގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، ޕޮލްކޯ ފްލެޓްތަކުގެ ކޮމާޝަލް ޔުނިޓުތައް ކުއްޔަށް ދިނުމާ ގުޅޭ މައްސަލައެއް އެ ކޮމިޝަނުން ތަހުގީގުކުރަމުން ގެންދާތީ، އެ ޔުނިޓުތައް ކުއްޔަށް ދިނުން މަޑުޖައްސާލުމަށް އަންގާފައިވާނެ ކަމަށެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް އޭނާ ހާމައެއް ނުކުރެއެވެ.

ފުލުހުންގެ ފްލެޓްތަކުގެ މަޝްރޫއުގެ މަސައްކަތް ފަށާފައިވަނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައެވެ. އެ މަޝްރޫއުގެ މަސައްކަތް ފުރަތަމަ ކޮށްފައި ވަނީ ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް (ނޫމަޑި) އެވެ. ނަމަވެސް ނޫމަޑިއާ އެކު ވެފައިވާ އެއްބަސްވުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ އުވާލައިފައެވެ.

ފަހުން ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް ކޮށްފައިވަނީ އައިލެންޑް އެކްސްޕާޓާ އިންނެވެ. ނަމަވެސް މުވައްޒަފުން މަދުވުމުން އެ މަސައްކަތް އެ ކުންފުނިން ހުއްޓާލީ 2020 އަހަރުގެ ތެރޭގައެވެ.

އޭގެ ފަހުން އެ ފްލެޓްތައް ނިންމުނަށް 274.6 މިލިއަން ރުފިޔާއަށް ހަވާލުކުރީ އަމީން ކޮންސްޓްރަކްޝަންއާއެވެ. އެ ކުންފުންޏާ އެ މަޝްރޫއު ހަވާލުކުރީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ. އެއީ 240 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. ނަމަވެސް އެ މުއްދަތު ފާއިތުވެދިޔަ އިރުވެސް އެ ފްލެޓްތައް އެއްކޮށް ނިމިފައެއް ނުވެއެވެ.