ސަރުކާރުގެ ބައެއް އިދާރާތަކާއި ކުންފުނިތަކުގެ ލިޔެކިޔުންތައް ނައްތާލަމުންދާ ކަމުގެ މައުލޫމާތު ލިބޭތީ އެކަން ހުއްޓުވައިދޭން ފުލުހުންނާއި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު އެދިއްޖެއެވެ.
އޭސީސީން އެކަމަށް އެދިފައި މިވަނީ، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ލިޔެކިޔުންތަކެއް ތިލަފުށީގައި ކޮންކްރީޓް ގަށާ މެޝިނަކަށް އަޅައިގެން ނައްތާލާ ވީޑިއޯއެއް އާއްމުވެފައިވަނިކޮށެވެ.
އެ ވީޑިއޯއާ ގުޅިގެން އެފްއެސްއެމުން ބުނެފައިވަނީ، އެއީ، ގިނަ ދުވަސްތަކެއްވެފައިވާ ލިޔެކިޔުންތަކެއް ކަމަށާއި އޭގެ ތެރޭގައި ބޭނުން ކުރާ އެއްވެސް ލިޔެކިޔުމެއް ނޯންނާނެ ކަމަށެވެ.
އޭސީސީން މިއަދު ނެރުނު ބަޔާނުގައި ބުނީ ދައުލަތުގެ ލިޔެކިޔުންތަކަށް ބަދަލު ގެނައުމާއި ލިޔެކިޔުން ނައްތާލުން ނުވަތަ ފޮރުވުން ފަދަ އަމަލުތަކަކީ އެ ކޮމިޝަނުން ހިންގާ ތަހުގީގުތަކަށް ހުރަސް އެޅޭނެ ކަމެއް ކަމަށާއި އެހެންކަމުން އެކަން ހުއްޓާލުމަށް އަންގާ ކަމަށެވެ. އަދި އެފަދަ ކަމެއް ކުރުމަށް ވަކި ފަރާތަކުން އެންގި ނަމަވެސް ނުކުރުމަށް އެސީސީން ވަނީ އެދިފައެވެ.
"ދައުލަތުގެ ލިޔެކިޔުމަށް ބަދަލު ގެނައުމާއި ލިޔެކިޔުން ނައްތާލުން ނުވަތަ ފޮރުވުން ފަދަ އަމަލުތަކަކީ ދިވެހިރާއްޖޭގެ ގާނޫނުތަކުން ކުށްކަމުގައި ކަނޑައަޅާފައިވާ އަމަލުތަކެއް ކަމުގައިވާތީ އެކަންކަން ދިވެހި ފުލުހުންގެ ހިދުމަތުގެ ސަމާލުކަމަށް ގެނެސްފައިވާކަން މި ފުރުސަތުގައި ދަންނަވަމެވެ،" އެ ބަޔާނުގައި ބުންޏެވެ.
އޭސީސީން އިތުރަށް ބުނީ، ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މިފަދަ އަމަލުތައް ހުއްޓުވައިދިނުމަށް ޕީސީބީގައި އެދިފައިވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު