ރައްޔިތުންގެ މަޖިލިސް އިދާރާގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށްޓަކައި، ޕާލަމެންޓް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ 20 ޕަސެންޓް އިތުރުކޮށް، އެ މުވައްޒިފުންނަށް ދެމުން އަންނަ އިތުރު އެލަވަންސްތައް ބޮޑުކުރަން ހުށަހަހަޅައިފިއެވެ.

އަންނަ 2024 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ބޭނުންވެގެން ހުށަހަޅަން ނިންމާފައިވާ ބަޖެޓާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމެޓީގައި މިހާރު ކުރިއަށް ގެންދާ މަޝްވަރާ ބައްދަލުވުމަށް އެ ހުށަހެޅުންތައް ހުށަހެޅުއްވީ މަޖިލީހުގެ އަމީން އާއްމު ފާތުމަތު ނިއުޝާ އެވެ.

އަންނަ އަހަރު މަޖިލިސް މުވައްޒިފުންނަށް ދިނުމަށް ނިންމާފައިވާ މުސާރައިގެ ކުރިއެރުންތައް ކޮމިޓީއަށް ހުށަހަޅުއްވަމުން އަމީން އާއްމު ވިދާޅުވީ، ޕާލަމެންޓް އެލަވަންސްގެ ގޮތުގައި މުވައްޒިފުންނަށް ހާޒިރުވާ ކޮންމެ ދުވަހަކަށް މިހާރު ދެމުން އަންނަ 200 ރުފިޔާ އަކީ ހާޒިރީ އެލަވަންސް ކަމަށެވެ. ނަމަވެސް އެ 200 ރުފިޔާގެ އެލަވަންސް ހާޒިރީ އެލަވަންސަށް ރަސްމީކޮށް ބަދަލުކުރުމަށްފަހު، ޕާލަމެންޓް އެލަވަންސްގެ ގޮތުގައި ކޮންމެ މުވައްޒަފެއްގެ އަސާސީ މުސާރައިގެ 20 ޕަސެންޓް އިތުރު ކުރުމަށް އަމީން އާއްމު ހުށަހެޅުއްވިއެވެ.

އޭގެ އިތުރުން މަޖިލިސް މުވައްޒިފުންނަށް މިހާރު ދެމުން އަންނަ އެލަވަންސްތަކުގެ ތެރެއިން، މާސްޓާސް ޑީގްރީ އޮންނަ މުވައްޒިފުންނަށްދޭ 1500 ރުފިޔާގެ އެލަވަންސް 2000 ރުފިޔާއަށް ބޮޑުކޮށް ޑިގްރީ އޮންނަ މުވައްޒިފުންނަށްދޭ 1000 ރުފިޔާގެ އެލަވަންސް 1500 ރުފިޔާއަށް ބޮޑުކޮށް ޑިޕްލޮމާއަށް ލިބޭ 700 ރުފިޔާގެ އެލަވަންސް 1000 ރުފިޔާއަށް ބޮޑުކޮށް، ޓެކްނިކަލް ސެޓްފިކެޓް އޮންނަ މުވައްޒިފުންނަށްދޭ 500 ރުފިޔާގެ އެލަވަންސް 700 ރުފިޔާއަށް ބޮޑުކުރަންވެސް އަމީން އާއްމު ވަނީ ހުށަހަޅުއްވައިފައެވެ.

ކޯޓު އެލަވަންސްގެ ގޮތުގައި ކޯޓު ލައިގެން މަޖިލިސް ޖަލްސާތަކަށް ވަންނަން ޖެހޭ މުވައްޒަފުންނަށް އަހަރަކު ތިން ފަހަރު އަދި ޕްރޮޓޮކޯލްގައި އުޅޭ މުވައްޒަފުންނަށް އަހަރަކު ދެފަހަރު 5100 ރުފިޔާގެ އެލަވަންސެއްވެސް ދެމުން އާދެއެވެ. ނަމަވެސް އެ އެލަވަންސް ދެބައިކޮށް މަޖިލީހުގައި ބާއްވާ ހުވައި ކުރުމުގެ ރަސްމިއްޔާތު ތަކާއި އާ އަހަރަށް މަޖިލިސް ހުޅުވުމުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވާ މުވައްޒަފުންނަށް ހެދުން އެލަވަންސް ދިނުމަށްވެސް ވަނީ ހުށަހަޅައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން ވިދާޅުވީ މި އެލަވަންސްތައް މަޖިލީހުން މިހާރު ހުށަހަޅާފައިވާ ބަޖެޓުގައި ހިމެނުމުން، ޖުމުލަ 4.6 މިލިޔަން ރުފިޔާ އިތުރުވާނެ ކަމަށެވެ.

އަންނަ 2024 ވަނަ އަހަރަށް، ރައްޔިތުންގެ މަޖިލީހަށް ބޭނުންވެގެން 190 މިލިޔަން ރުފިޔާގެ ބަޖެޓެއް ހޯދަން ވަނީ ހުށަހަޅައިފައެވެ.