ނޫރު އާދަމް ހަސަންފުޅު މަރާލިކަމުގެ ދައުވާ ލިބޭ ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވި ނަމަވެސް "ކުޑަކުދިންގެ އަދުލުގެ ޤާނޫނު" އޮތް ގޮތުގެ ސަބަބުން އެ ކުއްޖާގެ މައްޗަށް މަރުގެ އަދަބު ތަންފީޒު ނުކުރެވޭނެތީ އަލުން އެ ހުކުމުގެ ސައްހަކަން ކަށަވަރުކުރަން ޖުވެނައިލް ކޯޓަށް ފޮނުވުމަށް ހައިކޯޓުން ހުކުމްކޮށްފިއެވެ.
3 މާޗު 2015ގެ 3:13 އެހާކަންހާއިރު މައްސަލަ ރައްދުވާ ކުއްޖާ އިތުރު ބަޔަކާއެކު ކުޑަކުއްޖަކަށް މާރާމާރީ ހިންގުމުގެ ސަބަބުން އެ ކުއްޖާ ވަނީ މަރުވެފައެވެ. އެ މައްސަލައިގައި ދައުވާގައި ބަޔާންކޮށްފައިވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ އިމަޖެންސީ ގޭޓް ކުރިމަތިން ބުރުޒު މަގުގައި ޕާކްކޮށްފައިވާ ސައިކަލްތަކާ އަރާ ހަމަވި ވަގުތު މައްސަލަ ރައްދުވާ ކުއްޖާއާއި އިތުރު ތިން މީހަކު ދެ ސައިކަލެއްގައި ގޮސް މައްސަލަ ރައްދުވާ ކުއްޖާ ވަނީ ނިޔާވި ކުއްޖާގެ ވާތްފަރާތު އަރިކައްޓަށް ތިލައިގައި 22 އިންޗި ހުންނަ ވަރުގެ ވަޅިއަކުން ހަމަލާދިނުމަށްފަހު، އެ ސަރަހައްދުން ގޮސްފައި ކަމަށެވެ. އެ މާރާމާރީގައި އަނިޔާލިބުނު ކުއްޖާ ވަނީ 2015 ވަނަ އަހަރުގެ މާޗު މަހުގެ 29 ވަނަ ދުވަހުގެ 3:20 އެހާކަންހާއިރު، އަނިޔާތަކަށް ފަރުވާ ހޯދަމުން ދަނިކޮށް އައިޖީއެމްއެޗުގައި މަރުވެފައި ކަމަށް ދައުވާގައި ވަނީ ބަޔާންކޮށްފައެވެ.
އެ މައްސަލައިގައި ދައުވާ ލިބޭ ކުޑަކުއްޖާގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމާއި ތޫނު އެއްޗެއް ބޭނޫންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވި ކަމުގެ ކުށުގެ ދައުވާ ސާބިތުވާތީ ޖުވެނައިލް ކޯޓުން ވަނީ މަރުގެ ހުކުމް އިއްވައިފައެވެ. ދައުލަތުން ވަނީ އެއީ ނިހާއީ ހުކުމެއްތޯ ކަށަވަރުކުރަން 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. ހައި ކޯޓުގައި އެ މައްސަލަ ކުރިއަށްދިޔައިރު ދައުވާ ލިބޭ ކުއްޖާއަށް ވަނީ 19 އަހަރު ފުރިފައެވެ.
ދައުލަތުން ވަނީ ހައި ކޯޓުގެ ޝަރީއަތުގައި 11 ސިއްރު ހެކިވެރިއަކާއި، ދައުވާލިބޭ ކުއްޖާ ޖުވެނައިލް ކޯޓަށް ދީފައިވާ ބަޔާން އަދި މާރާމާރީގައި މަރުވި ކުއްޖާގެ މަރުގެ ރިޕޯޓު ހެކީގެ ގޮތުގައި ހުށަހަޅައިފައެވެ. އަދި ފުލުހުން ތައްޔާރުކުރި ކޭސް ސަމެރީގެ ރިޕޯޓާއި މެޑިކޯ ލީގަލް ރިޕޯޓު، ދެ ފުލުހެއްގެ ހެކި ބަހެއްގެ އިތުރުން ސިއްރު ލިޔުމެއް، ހެކީގެ ގޮތުގައި ހުށަހަޅައިފައެވެ.
މެޑިކޯ ލީގަލް ރިޕޯޓުގައި ބަޔާންކޮށްފައިވަނީ، އަނިޔާ ލިބުނު ކުއްޖާގެ މޭ ކަށިގަނޑު އެތެރޭގައި އޮންނަ "މިޑްލް މީޑިއާ ސްޓާނަމް" ކިޔާ ކައްޓާ ހަމައަށް ޒަހަމްވެފައިވާކަން ޔަގީން ވުމުން ފުއްޕާމޭ ފޫއަޅައި ހިތުގެ ކޮންމެވެސް މައިނާރެއް ޒަހަމްވެފައިވާނޭ ކަމަށް ލަފާކުރެވޭ ކަމަށާއި އެހެންކަމުން އޭނާގެ ގައިން ވަރަށް ގިނައަދަދެއްގެ ލޭ މަދުވެފައިވާތީ އޭނާގެ ގަޔަށް ލޭ އަޅަން ޖެހުނު ކަމާއި، އަނިޔާ ލިބުނު ކުއްޖާގެ ހާލަތު ރަނގަޅުކުރުމަށް ޑރ. ކުރި މަސައްކަތުން އޭނާ ހޭނޭރުމުން މަރުވި ކަމަށް ނިންމީ ކަމަށެވެ. މަރު ސާބިތުކުރަން ހުށަހެޅި ލިޔުމުގައި ވަނީ ކުއްޖާގެ މަރުވީ ހިތާއި ނޭވާލާ ނިޒާމް ހުއްޓިގެން ކަމަށާއި އެހެން ދިމާވީ، ހަށިގަނޑުން ގިނައަދަދެއްގެ ލޭ ބޭރުވުމުގެ ސަބަބުން ކަމަށެވެ. އެކަން މެދުވެރިވީ މެއަށް އެއްޗެއް ހެރުމުން ލިބިފައިވާ އަނިޔާގެ ސަބަބުން ކަމަށް ވެސް ބުނެފައިވެއެވެ. ދައުލަތުން ހުށަހެޅި ސިއްރު ހަ ހެކިވެރިޔަކު ވަނީ ދައުވާ ލިބޭ ކުއްޖާ، މަރުވި ކުއްޖާގެ ގަޔަށް ވަޅި ޖެހި މަންޒަރު ދުށްކަމަށް ހެކިބަސް ދީފައެވެ. ނަމަވެސް ދިފާއުގެ ފަރާތުން ހުށަހެޅި ތިން ހެއްކަކު ބުނެފައިވަނީ، ކުށުގެ ހާދިސާ ހިނގިއިރު ދައުވާ ލިބޭ ކުއްޖާ ހުރީ ހުޅުމާލޭގައި ކަމަށެވެ.
ހުރިހާ ހެކިންނަށް ރިއާޔަތްކޮށް، ރައުޔުގައި ފަނޑިޔާރު ވިދާޅުވީ، ދައުވާ ލިބޭ ކުއްޖާ، މަރުވި ކުއްޖާއަށް ހަމަލާދިނީ މަރާލުގައި ނިޔަތުގައިކަން އެނގޭ ކަމަށެވެ. އެކަން އެނގެނީ ވަޅިއެއް ބޭނުން ކޮށްގެން ނާޒުކު ގުނަވަނަކަށް ހަމަލާދީފައިވާތީ އާއި ކުއްޖާ މަރުވީ އެ އަނިޔާގެ ސަބަބުން ކަން މެޑިކޯ ލީގަލް ރިޕޯޓުގައި ބަޔާންކޮށްފައިވާތީ ކަމަށެވެ.
އިސްލާމީ ޝަރީއަތުގައި ގަސްދުގައި މީހަކު މަރާ މީހެއްގެ މައްޗަށް ގިސާސް ހިފަން ޖެހޭ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. ކުއްޖާގެ ވާރިސުން ވެސް ބޭނުންވަނީ މަރަށް މަރު ހިފަން ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. ނަމަވެސް ފަނޑިޔާރު ވިދާޅުވީ "ކުޑަކުދިންގެ އަދުލުގެ ޤާނޫނު" ގައި ބަޔާންކޮށްފައިވަނީ އުމުރުން 18 އަހަރު ވުމަށްފަހުގައި ވެސް 18 އަހަރު ފުރުމުގެ ކުރިން ކުއްޖަކު ކޮށްފައިވާ ކުށެއް ސާބިތުވިޔަސް މަރުގެ އަދަބު ނުދެވޭނެ ކަމަށެވެ. އެހެންކަމުން މަރުވި ކުއްޖާގެ އާއިލާގެ ފަރާތުން ގިސާސް ހިފަން ބޭނުން ވިޔަސް އެކަން ކުރެވެން ނެތް ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
އެ ރައުޔަށް މައްސަލަ ބައްލަވާ ތިން ފަނޑިޔާރުން ތާއީދު ކުރެއްވުމުން، އިއްތިފާގުން ކުރެއްވި ހުކުމުގައި ބުނީ، މައްސަލަ ރައްދުވާގެ ކުއްޖާއަށް ޖުވެނައިލް ކޯޓުން ކޮށްފައިވާ ހުކުމުގެ ސައްހަކަން މިހިނދަށް ކަށަވަރުކުރެން ނެތަތީ، ޖުވެނައިލް ކޯޓުން، އެ ކުއްޖާގެ މައްޗަށް އިއްވާފައިވާ އަދަބާ މެދު އަލުން ގޮތެއް ކަނޑައެޅުމަށް ޓަކައި، ޖުވެނައިލް ކޯޓަށް އަލުން ފޮނުވާ ކަމަށެވެ.
މި މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ނިޔާޒު، ފަނޑިޔާރު މުހައްމަދު ފައިސަލް (ރިޔާސަތު) އަދި ފަނޑިޔާރު މުހައްމަދު ސަލީމްއެވެ.
ފަނޑިޔާރު ނިޔާޒު، ވަނީ ފަނޑިޔާރު ފައިސަލްގެ ރައުޔަށް ތާއީދުކުރައްވައި އިތުރު ކަމެއް ފާހަގަކުރައްވައިފައެވެ. ފަނޑިޔާރު ނިޔާޒު ވިދާޅުވީ މީހުން މަރާ މީހުން އެކަން ކުރަނީ އިސްލާމީ ޝަރީއަތާއި ގާނޫނާ ހިލާފަށް ކަމަށެވެ. އެހެންކަމުން ދިރިހުރުމުގެ ހައްގަކީ، މީހުން މަރާ މީހުންގެ ކިބައިން މަރަށް މަރު ހިފުމަށް ހުރަހަކަށްވާ ގޮތަށް ތަރުޖަމާ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ފަނޑިޔާރު ނިޔާޒު ވިދާޅުވިއެވެ.
"މި މައްސަލަ ރައްދުވާ ފަރާތަށް ދިރިހުރުމުގެ ހައްގު އޮތް މިންވަރަށް މަރާލެވުނު މީހާއަށްވެސް ދިރިހުރުމުގެ ހައްގު އޮންނާނެ އެވެ. އޭނާ މިއަދު އެވަނީ ގާތިލެއްގެ ޝިކާރަކަށް ވެ މަރުވެގެން ގޮސްފައެވެ" ފަނޑިޔާރު ނިޔާޒު ވިދާޅުވިއެވެ.
އެހެންކަމުން ދައުވާ ލިބޭ ފަރާތުގެ މައްޗަށް ދައުވާގައި ބަޔާން ކުރާ ކުއްޖާ މެރިކަމުގެ ކުށް ސާބިތުވުމުން ދިރިހުރުމުގެ ހައްގަކީ ޝަރުއީ އަދި ދުސްތޫރީ ހަމައަކުން ވެސް އޭނާއަށް ލިބިދެވޭނެ ހައްގެއް ނޫން ކަމަށް ފަނޑިޔާރު ނިޔާޒު ވިދާޅުވިއެވެ. ދިރިހުރުމުގެ ހައްގުގެ ވާހަކަ ދައްކަން ޖެހެނ،ީ މަރާލެވުނު މީހާއަށްވެސް އެ ހައްގު ހަމަ އެ މިންވަރަށް އޮތްކަން ވިސްނުމުގައި ބަހައްޓައިގެން ކަމަށް ފަނޑިޔާރު ނިޔާޒު ވިދާޅުވިއެވެ.
ނޫރުގެ މައްސަލައިގައި އިތުރު ދެ މީހެއްގެ މައްޗަށް ކުށް ސާބިތުވެ ވަނީ 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ. އެއީ ފުވައްމުލަކު ސިޓީ، ނޯވެލް، މުހައްމަދު ޝަމްލު އާއި އެ ސިޓީގެ ޝައިނީ، މުހައްމަދު ޝަމީހު އެވެ. އެ ދެ މީހުންގެ މައްޗަށް ކުރީ ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވިކަމުގެ ކުށުގެ ދައުވާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު