މިދިޔަ މަހު އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ މައްސަލަތައް ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.
މިއަދު ނެރުނު އެ މިނިސްޓްރީގެ ތަފާސް ހިސާބުތަކުގައި ވާގޮތުން، ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ބެހޭ 92 މައްސަލައެެއް އެ އިދާރާއަށް މިދިޔަ މަހު ހުށަހަޅާފައި ވެއެވެ. އަދި އޭގެ ތެރޭގައި އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ މައްސަލަ ކަމަށާއި، އެ ބާވަތުގެ 23 މައްސަލައެއް މިދިޔަ މަހު ހުށަހަޅާފައިވާ ކަމަށް ބުންޏެވެ.
އެ މިނިސްޓްރީން ބުނީ ކުޑަކުދިންނަށް އިހުމާލު ވުމުގެ 20 މައްސަލައެއްވެސް ހުށަހަޅާފައިވާ ކަމަށާއި ގެވެށި އަނިޔާގެ އަމަލެއް ކުޑަކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 16 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ބުންޏެވެ. އަދި ޖިސްމާނި އަނިޔާގެ 16 މައްސަލައެއް ހިމެނެއެވެ.
އޭގެ އިތުރުން ފުރައްސާރައިގެ ޝިކާރައަކަށް ވުމާއި އެހެން ކުޑަކުދިންގެ ފަރާތުން ގަނާ ލިބުމާއި ބިރުދެއްކުން ފަދަ މައްސަލަތައްވެސް ހިމެނެއެވެ.
ކުޑަކުދިންގެ ހައްގުތަކާ ގުޅޭ 3 މައްސަލައެއްވެސް ރިޕޯޓުކޮށްފައި ވާއިރު، އެއީ ވެކްސިން ދިނުމުގެ 2 މައްސަލައަކާއި ތައުލީމަށް ހުރަސް އެޅުމުގެ މައްސަލައެއް ކަމަށް ޖެންޑާއިން ބުންޏެވެ.
ޖެންޑާއިން ބުނީ މިދިޔަ މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބީ 164 ކުޑަކުދިން ކަމަށެވެ. އަދި މިދިޔަ މަހު 1 ކުއްޖަކު އަލަށް ބަލައިގެންފައި ވާއިރު، 4 ކުއްޖަކު އާއިލާއަށް ރީއިންޓަގްރޭޓްކޮށް، 1 ކުއްޖަކު ފޯސްޓާ ކޮށްފައި ވެއެވެ.
މިދިޔަ މަހު ޖެންޑާއަށް ޖުމުލަ 213 މައްސަލައެއް ރިޕޯޓުކޮށްފައި ވެއެވެ. އޭގެ ތެރޭގައި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ މައްސަލަތަކާއި ގެވެށި އަނިޔާގެ މައްސަލަތަކާއި އާއިލީ މައްސަލަތަކުގެ އިތުރުން އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ މައްސަލަތައްވެސް ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު