އިންގްލެންޑް އަދި މެންޗެސްޓާ ޔުނައިޓެޑްގެ ލެޖެންޑް ސާ ބޮބީ ޗާލްޓަން މިއަދު، 82 އަހަރުގައި މަރުވެއްޖެއެވެ.

އިންގްލެންޑުން މިހާތަނަށް ކާމިޔާބުކުރި ހަމައެކަނި ވޯލްޑް ކަޕް، 1966 ވަނަ އަހަރު ވޯލްޑް ކަޕް އެގައުމަށް ކާމިޔާބުކޮށްދިނުމުގައި އެންމެ މުހިއްމު ރޯލެއް އަދާކުރި ބޮބީ ޗާލްޓަން ވަނީ ގައުމީ ޓީމަށް 106 މެޗު ކުޅެ، 49 ގޯލު ޖަހައިދީފައެވެ. ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑޫ ބޮބީ ޗާލްޓަން އަތުގައި ގިނަ ދުވަސްތަކެއް ވަންދެން އޮތެވެ.

ޗާލްޓަންގެ ކްލަބު ކެރިއަރު އެއްކޮށް ބަރޯސާވެފައި އޮތީ މެންޗެސްޓާ ޔުނައިޓެޑަށެވެ. ސްކޫލް ކުއްޖެއްގެ ގޮތުގައި 1953 ވަނަ އަހަރު ޗާލްޓަން ޔުނައިޓެޑާ ގުޅިފައިވާ އިރު، އެ ކްލަބުގައި 17 އަހަރު ހޭދަކުރިއެވެ. އެ ދުވަސްތަކުގައި އެ ކްލަބާއެކު އޭނާ ވަނީ ތިން ފަހަރަށް ލީގު ކާމިޔާބުކޮށް، ޔޫރަޕްގެ އެންމެ ޝަރަފުވެރި މުބާރާތާއި އެފްއޭ ކަޕް ކާމިޔާބު ކޮށްފައެވެ.

ޗާލްޓަންއަކީ 1958 ވަނަ އަހަރު ހިނގާދިޔަ މިއުނިކް އެއާ ކްރޭޝްގެ ހިތާމަވެރި ހާދިސާގައި ސަލާމަތްވި ކުޅުންތެރިއެކެވެ. އެ ހާދިސާއަކީ ޔުނައިޓެޑްގެ ޓީމު ފްލައިޓް ވެއްޓިގެން 23 މީހުން މަރުވި ހިތާމަވެރި ހާދިސާއެކެވެ. ފްލައިޓް ވެއްޓިގެން ޔުނައިޓެޑްގެ އަށް ކުޅުންތެރިޔަކު މަރުވުމުން، އަލުން އެ ކްލަބު ކޮޅަށް ޖެހުމަށް ކުރި މަސައްކަތުގައި ޗާލްޓަންގެ ބޭނުން ބޮޑުވިއެވެ.

މެޓް ބުސްބީ އާ ޖީލެއް ބިނާކުރުމުގައި ޗާލްޓަންގެ ބޭނުންކޮށްފައިވާ އިރު، އޭނާއަކީ ޔުނައިޓެޑްގެ ގޯލު ޖެހުމުގެ ރެކޯޑާއި އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑުވެސް ދުވަސްތަކެއް ވަންދެން ދެމެހެއްޓި ކުޅުންތެރިޔާއެވެ. ޗާލްޓަން ވަނީ ޔުނައިޓެޑަށް 758 މެޗު ކުޅެ، 249 ގޯލު ޖަހައިފައެވެ.