ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެންބަރުކަމަށް ކުރިމަތިލުމަށް އަލުން ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، އެޗްއާރްސީއެމްގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް އަލުން ހުޅުވާލީ އެ ކޮމިޝަންގެ ހުސްވެފައިވާ މެންބަރު ކަމަށް ކުރިމަތިލުމަށް މި މަހުގެ އަށްވަނަ ދުވަހު ހުޅުވާލި ފުރުސަތުގައި އެކަށީގެންވާ އަދަދަަކަށް އެ މަގާމަށް މީހުން ކުރިމަތިލާފައި ނުވާތީ ކަމަށެވެ.

އެގޮތުން އަލުން ހުޅުވާލި ފުރުސަތުގައި ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 ވަނަ ދުވަހުގެ ހެނދުނު 9:30 އިން ފެށިގެން 12:30 އަށް ކަމަށާއި މެމްބަރު ކަމަށް ކުރިމަތިލާ ފޯމް އެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެޗްއާރްސީއެމްގެ މެމްބަރަކު ހުސްވީ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ޑރ. އަހުމަދު އަދުހަމް އަބްދުﷲ އިސްތިއުފާ ދެއްވުމުންނެވެ. 8 ސެޕްޓެމްބަރު 2020ގައި މެމްބަރު ކަމަށް އައްޔަންކުރެއްވި އަދުހަމް މެމްބަރުކަމުން އިސްތިއުފާ ދެއްވުމަށްފަހު މިހާރު ދިރިއުޅުއްވަނީ ރާއްޖޭން ބޭރުގައެވެ.

އެ ކޮމިޝަންގައި މިހާރު ތިއްބަވަނީ އެ ކޮމިޝަން ރައީސް މަރްޔަމް މުނާގެ އިތުރުން ތިން ކޮމިޝަނަރުން ކަމަށްވާ މުއުމިނާ ވަހީދު، އާމިނަތު ޝިފާއަތު އަބްދުއްރައްޒާގު އަދި ސަމާއު އަހުމަދު ނަޖީބެވެ.