ރަށްރަށުގައި ތެޔޮ ރައްކާކުރަން ބޭނުންކުރާ ޓޭންކުތައް އާކުރުމަށް ބޭނުންވާ ސާމަނު އެތެރެކުރުމުގެ ކަންކަން މަޑުޖައްސާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފެނަކަ ކޯޕަރޭޝަނަށް އަންގައިފިއެވެ.

އޭސީސީން މިރޭ މީޑިއާތަކަށް ބުނީ އެ ސާމާނުތައް އެތެރެކުރުމާ ގުޅޭގޮތުން އެ ކޮމިޝަނަށް މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށެވެ.

"އެކަމާ ގުޅިގެން އެ ކުންފުނިން ކުރިޔަށް ގެންދާ އެންމެހައި ކަންކަން ކުރިޔަށް ނުގެންގޮސް މަޑުޖައްސައިލުމަށް އޭސީސީން ވަނީ އަންގާފައި،" އޭސީސީން ބުންޏެވެ.

އެ މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް އޭސީސީން ދީފައިނުވެއެވެ.

ފެނަކަ ކުންފުންޏާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް އޭސީސީން ތަހުގީގުކުރަމުންދާ އިރު، އެ ކުންފުނީގެ 72 މިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލައެއް އޭސީސީގައި އެބައޮތް ކަމަށް ރައްޔިތުން މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވަނީ ވިދާޅުވެފައިއެވެ. އޭނާ ވިދާޅުވެފައިވަނީ އެ ފައިސާއަކީ ފެނަކައިގެ އެކި މަސައްކަތްތައް އަމިއްލަ ކުންފުނިތަކުން ކުރުވުމަށްފަހު ނުދީ ހުރި ފައިސާ ކަމަށެވެ.

މިދިޔަ އަހަރު ނިމުނު އިރު، ފެނަކައިން އެކި ފަރާތްތަކަށް ދައްކަންޖެހޭ ދަރަނި 2.22 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން އާންމުކުރި ސަރުކާރު ކުންފުނިތަކުގެ މާލީ ރިޕޯޓުން ދައްކައެވެ.

ރިޕޯޓުގައިވާ ގޮތުން، މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ފެނަކައަށް ލިބުނު ފައިދާއަކީ 503.8 މިލިއަން ރުފިޔާއެވެ. އެއީ އެ އަހަރުގެ ތިންވަނަ ކުއާޓާއާ އަޅައިބަލާއިރު ހަތަރު ޕަސެންޓް ކުރިއެރުމެކެވެ. އަދަދުން ބަލާނަމަ އެއީ 19 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

އަދި ފެނަކައިގައި 780 މިލިއަން ރުފިޔާގެ ހަރު މުދާ ހުރި އިރު، ކުންފުންޏަށް ލިބެންޖެހޭ 324.4 މިލިއަން ރުފިޔާ ނުލިބިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެއީ ކުންފުނީގެ އާމްދަނީގެ ގާތްގަނޑަކަށް 64 ޕަސެންޓާ އެއްވަރުގެ އަދަދެކެވެ.

ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ފެނަކައިން ދައްކަންޖެހޭ ދަރަނި 2.22 ބިލިއަން ރުފިޔާއަށް ވަނީ އަރައިފައެވެ. އަދި ކުންފުނިން އެކި ސަޕްލަޔަރުންނަށް ދައްކަންޖެހޭ އަދަދު 2.16 ބިލިއަން ރުފިޔާގައި ހުރިއިރު އެ އަދަދު ބޮޑުވަމުން އަންނަކަން ފާހަގަކޮށްފައިވެއެވެ.