ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފުރަތަމަ، މަޖިލީހަށް ހުށަހަޅަން ނިންމިކަން އެ މަނިކުފާނު ވެސް ނިސްބަތްވެ ވަޑައިގަންނަވާ އެމްޑީޕީން ފުރަތަމަ އިއުލާން ކުރީ ޖޫން މަހުގެ ހަވަނަ ދުވަހުއެވެ. ޖެހިގެން އައި ދުވަހު 54 މެންބަރުންގެ ސޮޔާއެކު އެ މައްސަލަ މަޖިލީހަށް ވެއްދިއެވެ.

އެކަމާ ގުޅިގެން، ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދުގައިވާގޮތުގެ މަތީން، މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރުމުގެ މައްސަލައިގެ ނޯޓިސް ޖޫން މަހުގެ 12 ވަނަ ދުވަހު މަޖިލީހުގެ އަމީން އާއްމު މަޖިލިސް މެންބަރުންނަށް ފޮނުއްވިއެވެ. ނަމަވެސް ޖެހިގެން އައި ޖޫން 13 ވަނަ ދުވަހު އުޒުރު ދައްކަވައި އެދުވަހުން ފެށިގެން މަޖިލިސް ރައީސް ޖަލްސާގެ ރިޔާސަތުން އެކަހެރިވެ ވަޑައިގެންނެވިއެވެ. މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވީ، އެދުވަހުން ފެށިގެން މަޖިލީހުގެ ރިޔާސަތުން އެ މަނިކުފާނު އެކަހެރިވެވަޑައިގެންނެވީ، މަޖިލީހުގެ ނައިބު ރައީސް އީވާ އަބުދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވުމުގެ ގަސްދުގައި ކަމަށެވެ.

އެ ދުވަހަކީ މަޖިިލިސް ގަވާއިދުގައިވާ ކަންކަން ފުރިހަމަ ކުރުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމަށް ހުށަހެޅި މައްސަލަވެސް މަޖިލީހަށް އެޖެންޑާ ކުރި ދުވަހެވެ.

އެދުވަހުގެ ޖަލްސާއަށް މެންބަރުން ޖަލްސާގެ މާލަމަށް ވަޑައިގެންނެވި ނަމަވެސް ރިޔާސަތަށް މަޖިލިސްގެ ރައީސް ވަޑައެއް ނުގެންނެވިއެވެ. ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްގެންދާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހިވަޑައިގަންނަވާނީ މަޖިލީހުގެ ރައީސެވެ. އެހެންކަމުން މަޖިލިސް ރައީސްގެ ބަދަލުގައި ޖަލްސާގެ ރިޔާސަތަށް ވަޑައިގަންނަވަން ކަނޑައަޅުއްވާ މެންބަރުންނަށްވެސް އެ ފުރުސަތެއް ނޯވެއެވެ.

ރިޔާސަތަށް ވަޑައިނުގެންނެވި ނަމަވެސް އެ މަނިކުފާނު އިންނެވީ، މަޖިލީހުގެ ގޯތި ތެރޭގައެވެ. އެންމެ ފަހުން ޖަލްސާތަކުގެ ރިޔާސަތުން މަޖިލީސް ރައީސް އެކަހެރިވެވަޑައިގެންނެވިކަން އެދުވަހުގެ ޖަލްސާގައި މަޖިލީހުގެ އަމީން އާއްމު އިއުލާން ކުރެއްވިއެވެ.

އެ ޖަލްސާ ކުރިއަށް ގެންދެވެން ނެތްކަން އިއުލާން ކުރައްވަމުން މަޖިލީހުގެ އަމީން އާއްމު ފާތުމަތު ނިއުޝާ ވިދާޅުވީ، ނައިބު ރައީސް އީވާ މަގާމުން ވަކިކުރަން ހުށަހަޅާފައިވާ ގަރާރު ޖަލްސާއަށް އެޖެންޑާކޮށް، މަޖިލިސް ގަވާއިދުގައި ބުނެފައިވާ ގޮތަށް، ޖަލްސާގެ ރިޔާސަތު ބަލަހައްޓަވައިދެއްވުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސިޓީއަކުން ދެންނެވި ކަމަށެވެ. ނަމަވެސް މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރާ މެދު ވަކިގޮތެއް ކަނޑައަޅައި ނުނިމެނީސް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމަށް މަޖިލީހުގެ ރައީސް އުޒުރުވެރިވެވަޑައިގަންނަވާކަން ސިޓީއަކުން އެ މަނިކުފާނު އަންގަވާފައިވާ ކަމަށް ނިއުޝާ ވިދާޅުވިއެވެ.

އެހެންކަމުން ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމާ ގުޅޭގޮތުން ގޮތެއް ކަނޑަނޭޅެނީސް އެ ޖަލްސާ ކުރިއަށްގެންދެވެން ނެތް ކަމަށް ނިއުޝާ ވިދާޅުވިއެވެ. އެ ދުވަހަށްފަހު، މަޖިލީހުގެ ދެވަނަ ދައުރުގެ އެންމެ ފަހު ޖަލްސާއާ ހަމައަށް މަޖިލިސް ރައީސް ޖަލްސާގެ ރިޔާސަތަށް ވަޑައެއް ނުގަންނަވައެވެ. މަޖިލިސް ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް އެޖެންޑާއެއް ނުކުރެއްވިއެވެ.

އެ ދެ މައްސަލަ އެެޖެންޑާ ނުކުރެއްވުމަށް ދެ އުޒުރެއް މަޖިލިސް ރައީސް ދެއްކެވިއެވެ. އެއް އުޒުރަކީ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ މަސައްކަތް ހުއްޓުވާފައި އޮތުމުން، އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސް ކުރިއަށް ގެންދާނެ ވަގުތާއި، އެ މައްސަލައަށް ޖަވާބުދާރީވުމުގެ ގޮތުން މައްސަލަ ރައްދުވާފަރާތަށް ދޭނެ ވަގުތު ކޮމިޓީއަށް ކަނޑައެޅިފައި ނެތުމެވެ. އެ ކަންތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު މަޖިލީހުގެ ގަވާއިދުން މަތި ކޮށްފައި ވަނީ މަޖިލީހުގެ އާއްމު ކޮމިޓީއަށެވެ.

މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ މަސައްކަތް ހުއްޓާލުމަށް އެންގެވީވެސް މަޖިލީހުގެ ރައީސެވެ. ސަބަބަކީ މަޖިލީހުގެ ނައިބު ރައީސާއެކު އެމްޑީޕީގެ 12 މަޖިލިސް މެންބަރުން އެއިރު އެމްޑީޕީން ވަކިވެފައި ވުމެވެ. އޭގެ ފަހުން 21 ޖޫންގައި މަޖިލިސް ރައީސްވެސް އެމްޑީޕީން ވަކިވެވަޑައިގެންނެވިއެވެ.

މަޖިލީހުގެ އާއްމު ކޮމިޓީތަކަށް މެންބަރުން ކަނޑައަޅަނީ، މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައި މެންބަރުން ހިމެނިވަޑައިގަންނަވާ ނިސްބަތުންނެވެ. އެހެންކަމުން އެ ބަދަލާއެކު ކޮމިޓީތައް އަލުން އެކުލަވާލަން ޖެހޭތީ ހިނގަމުންދިޔަ ކޮމެޓީތަކުގެ މަސައްކަތް ހުއްޓާލުމަށް އެންގެވީކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ. ނަމަވެސް މަޖިލިސް ގަވައިދުގައި ބުނަނީ، ޕާޓީތަކުގެ މަޖިލިސް މެންބަރުންނަށް އަންނަ ބަދަލާއެކު ކޮމިޓީތަކަށް ގެންނާން ޖެހޭ ބަދަލު މަޖިލީހުން ފާސްކުރަންދެން، ކުރިން އެކުލަވާލާފައި އޮތް ދާއިމީ ކޮމެޓީތައް އެގޮތުގައި ދެމިއޮންނާނެ ކަމަށެވެ.

އެ ދެމައްސަލަ އެޖެންޑާ ނުކުރެއްވުމަށް މަޖިލިސް ރައީސް ދެއްކެވި، ދެވަނަ އުޒުރަކީ، މަޖިލިސް ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއްފަހަރާ ހުށަހަޅާފައި އޮތުމުން އެ މައްސަލަތައް އެޖެންޑާ ކުރާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން މައްސަލަތައް ދިމާވާ ކަމަށެވެ. އެއީ ގާނޫނުއަސާސީގެ ރޫހު ނޫން ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ޖޫން ހަތެއްގައި ހުށަހެޅިއިރު، މަޖިލިސް ނައިބު ރައީސްގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ މެއި މަހުގެ 23ގަ އެވެ. ގާނޫނުއަސާސީ އާއި މަޖިލިސް ގަވާއިދު ބުނަނީ، ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ މަޖިލީހުގެ ރައީސް ކަމަށެވެ. އަދި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ މަޖިލީހުގެ ނައިބު ރައީސް ކަމަށެވެ

މަޖިލިސް ރައީސް އާއި ނާއިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓޭނެކަމަށް ގާނޫނުއަސާސީ އާއި މަޖިލިސް ގަވާއިދުގައި ކަނޑައަޅާފައި ވަނީ ހަމަ އެންމެ ހާލަތެކެވެ. އެއީ އެބޭފުޅެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާ ޖަލްސާއެއްގެ ރިޔާސަތު އެ ބޭފުޅަކަށް ނުބެލެހެއްޓޭނެ ކަމަށް ބުނެފައިވާ ހާލަތު އެކަންޏެވެ.

މަޖިލިސް ރައީސްގެ އެ ނިންމެވުންތަކާ ގުޅިގެން އެމްޑީޕީ އާއި މަޖިލިސް ރައީސް ހިމެނިވަޑައިގަންނަވާގޮތުން، އެމްޑީޕީން ވަކިވެވަޑައިގެން ޑިމޮކްރޭޓްސް އުފެއްދެވި މެންބަރުންނާއި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ މެންބަރުންނާ ދެމެދު ބޮޑެތި ހިޔާލު ތަފާތުުވުންތަކެއް އުފެދި މަޖިލިސް ޑެޑްލޮކަކަށް ދިޔައެވެ. ނަމަވެސް އެ އަރައިރުމުގެ ތެރެއިން 22 ޖޫންގައި މަޖިލީހުގެ ދެވަނަ ދައުރުގެ ފަހު ޖަލްސާ ބާއްވައި، އެ ޖަލްސާގެ ރިޔާސަތަށް ވަޑައިގެން ދައުރުގެ މަސައްކަތްތައް ނިންމައި މަޖިލިސް ޗުއްޓީއަށް ދިޔަކަން މަޖިިސް ރައީސް އިއުލާން ކުރައްވައި ދައުރު ނިންމަވައިލެއްވިއެވެ. އެއިރު އޮތީ އިތުބާރު ނެތްކަމުގެ މައްސަލަތައް ފަދަ، މަޖިލީހަށް ހުށަހަޅާފައިވާ ބައެއް މުހިއްމު މައްސަލަތައް ނިންމާފައި ނޫނީ ޗުއްޓީއަށް ނުދާން މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީން އެދިފައެވެ. ނަމަވެސް އެ ހުށަހެޅުމަކަށް މަޖިލިސް ރައީސެއް ނުބައްލަވައެވެ.

އެކަމާ ގުޅިގެން އެމްޑީޕީން ކުރި މަސައްކަތުން ދައުރުން ބޭރުން ބޭއްވި ދެ ޖަލްސާގައި، ކޮމެޓީގެ ސްލޮޓްތައް ޕާޓީތަކަށް ދޭނެ އަދަދު ކަނޑައަޅައި މަޖިލީހުން ފާސްކުރިއެވެ. ނަމަވެސް އިތުބާރު ނެތްކަމުގެ މައްސަލައާ ހަމައަށް ދެވޭވަރެއް ނުވިއެވެ.

ޗުއްޓީއަށްފަހު 21 އޯގަސްޓް ގައި މަޖިލީހުގެ ތިންވަނަ ދައުރު ފެށި ނަމަވެސް ސިޔާސީ ކޯޅުމާއި، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކަންތައްތައް ކުރިއަށްދާތީ އެ ދުވަސްކޮޅު މާ ރަނގަޅު މަސައްކަތްތަކެއް މަޖިލީހުގައި ކުރިއަށްކަށް ނުދެއެވެ. ނަމަވެސް ކޮމެޓީތައް އަލުން އެކުލަވައިލި ގޮތް މަޖިލީހުން ފާސްކުރިއެވެ.

މަޖިލިސް ރައީސް ކުރިން ރިޔާސަތު ބަލަހައްޓަވަމުން ގެންދެވި ގޮތަށް، އެ މަނިކުފާނުގެ ބާރު ދެއްކެވުމުގެ ގޮތުން ގަދަބަސް ވިދާޅުވެ މެންބަރުންނަށް އިންޒާދު ދެއްވައި، ބާރުވެރިކަމާއެކު މަޖިލިސް ރިޔާސަތަށް ވަޑައިގެން މަޖިލިސް ބާރަށް ހިންގަވަން ފެއްޓެވީ، ސެޕްޓެމްބަރު 11 ގައި އެ މަނިކުފާނާއި ނައިބު ރައީސް އީވާގެ މައްސަލަ އެމްޑީޕީން އަނބުރާ ގެންދިއުމުންނެވެ. އެގޮތުން މަޖިލީހުގެ ދާއިމީ ކޮމެޓީތައް އެކުލަވާލައި އެ ކޮމިޓީތަކަށް މެންބަރުން ހަމަޖެއްސުމުގެ މަސައްކަތް ނިންމަވައިލައްވައި، އެ މަނިކުފާނުގެ ސިޔާސީ އެއް އަމާޒު ކަމަށްވާ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ޓަކައި ނިޒާމީ ވޯޓު ނެގުމުގެ މައްސަލަވެސް މަޖިލިސް ތަޅުމަށް ގެންގޮސްގެން ފާސްކުރެއްވިއެވެ.

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ވާދަކުރައްވައިގެން ފުރަތަމަ ބުރުން ފެއިލިވެވަޑައިގެންނެވި، ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު 19 ސެޕްޓެމްބަރުގައި މަޖިލީހަށް ހުށަހެޅުއްވީ އެމަހު 30ގައި ބާއްވަން އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުގެ ކުރިން ނިޒާމީ ވޯޓު ނެގުމަށެވެ. އެ މައްސަލައަށް ގޮތެއް ނިންމުމަށްފަހު ނޫނީ، މަޖިލިސް ޖަލްސާ ނިންމައިނުލެއްވުމަށްވެސް މަޖިލިސް ރައީސް ނިންމެވިއެވެ. ނަމަވެސް އެ ދަނޑިވަޅުގައި އެ ވޯޓު ނުނެގޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ތަކުރާރުކޮށް ގެންދިޔައީ ބުނަމުންނެވެ. އެ ވާހަކަ އަޑުއެއްސެވުމެއްނެތި، އެ މައްސަލަ މަޖިލީހުގެ މުޅި ކޮމެޓީއަށް ގެންގޮސް އެ މަހުގެ 30ގެ ކުރިން ނިޒާމީ ވޯޓު ނަގަންވެސް މަޖިލީހުން ފާސްކުރިއެވެ.

ނަމަވެސް މަޖިލީހުން އެކަން ކުރީ ގޯސްކޮށް ކަމަށް އެއިރުވެސް ބައެއް މެންބަރުން ވިދާޅުވަމުން ގެންދެވިއެވެ. އޭގެ ތެރެއިން އެއް މެންބަރަކީ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް އެވެ. އޭނާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ގަރާރެއް ފާސްކޮށްގެން، ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމެއް ބެލުމުގެ ވޯޓެއް ނެގިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެ ގަރާރު މަޖިލީހުން ފާސްކުރީ މަޖިލިސް ގަވައިދާ ހިލާފަށް ކަމުން އެއީ ފާސްކުރިއިރުވެސް ބާތިލު ގަރާރެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މަޖިލީހުގެ ގަވާއިދުގައި ގަރާރުގެ ވާހަކަ ބަޔާންކޮށްފައިވާއިރު، ގަރާރުތައްވެސް ދައުރުވާނީ، ބިލްތައް މަޖިލީހުގައި ދައުރުވާ ފަދައިން ކަމަށް އޮންނަ ކަމަށާއި، މަޖިލީހަށް ހުށަހެޅޭ ބިލުތައް ދައުރުވާ ގޮތަށް ބަލާއިރު، އެކަން ހިނގަނީ ފުރަތަމަ ކިޔުން ކިޔައިފައި، ދެވަނަ ކިޔުން ކިޔައިފައި، ކޮމިޓީއަކަށް ފޮނުވުމަށަފަހު، ކޮމެޓީގައި ބަހުސްކޮށް، ކޮމެޓީ ރިޕޯޓަށް ކޮމެންޓް ކުރަން މެންބަރުންނަށް ތިންދުވަހުގެ ފުރުސަތެއް ދިނުމަށްފަހު، އެ ރިޕޯޓު މަޖިލީހަށް ހުށަހަޅާ ގޮތަށް ކަމަށްވެސް އުޝާމް ވިދާޅުވިއެވެ. ނަމަވެސް ނިޒާމީ ގަރާރު ކުރިއަށް ގެންގޮސްފައި ވަނީ އެ އުސޫލުން ނޫންކަމަށް އުޝާމް ފާހަގަކުރެއްވިއެވެ.

"އެދުވަހު ހެނދުނު ބަހުސް ކުރުމަށްފަހު، މުޅި މަޖިލީހުގެ ކޮމެޓީއަށް ފޮނުވައި ކޮމެޓީން ފާސްކުރުމަށްފަހު ކޮމެންޓް ކުރުމަށް މެންބަރުންނަކަށް ނުފޮނުވާ، 2:45 ގައި ރިޕޯޓު ފޮނުވުމަށްފަހު 3:00ގައި ވޯޓަށް އަހައި ފާސްކުރީ،"

އަނެއްކޮޅުން ނިޒާމީ ވޯޓު ނަގަން ފާސްކުރިއިރު، ވޯޓު ކަރުދާސްކޮޅުގައި ރައްޔިތުން ކުރެން އަހާނެ ސުވާލެއް ލިޔެ، ފާސް ނުކުރާ ކަމަށާއި، އެ ވޯޓު ނެގުމަށް ބޭނުންވާ 40 މިލިޔަނެއްހާ ރުފިޔާވެސް ބަޖެޓުގައި ނެތް ކަމަށް އިލެކްޝަން ކޮމިޝަނުން ބުންޏެވެ. އެންމެފަހުން ރިޔާސީ އިންތިހާބުވެސް ނިމި، އިންތިހާބު ކާމިޔާބު ކުރެއްވި އިންތިގާލީ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒުއާ މަޝްވަރާ ކުރެއްވުމަށްފަހު ނޫނީ ނިޒާމީ ވޯޓުގެ ކަންކަން ކުރިއަށް ނުގެންދެވުމަށް މަޖިލިސް ރައީސް ނިންމެވިއެވެ.

އެ ކަންތައްގަނޑަށްފަހު މަޖިލިސް ރައިސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނެއްކާ، ދެވަނަ ފަހަރަށް އެމްޑީޕީން މިވަނީ މަޖިލީހަށް ހުށަހަޅައިފައެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ، މަޖިލިސް ރައީސް، ނަޝީދުގެ އިތުބާރު ނެތްކަމަށް ފުރަތަމަ ހުށަހެޅި މައްސަލަ އޭރު އަނބުރާ ގެންދިޔައީ، ސެޕްޓެމްބަރު 30 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި، ރައީސް ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދެވި، ދަ ޑިމޮކްރެޓްސްގެ ތާއީދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަންނަވާނެ ކަމަށް ނިންމައިގެންނާއި، މަޖިލިސް ރައީސް ތަކުރާރުކޮށް މަޖިލީހުގެ ގަވާއިދާ ހިލާފުވަމުން ގެންދެވި މައްސަލަ ހައްލު ކުރެއްވިކަމަށް ބައްލަވައިގެން ކަމަށެވެ.

ނަމަވެސް އެ ކަންތައް ރަނގަޅު ކުރައްވައިފައި ނުވާތީ، މަޖިލިސް ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ އަލުން ހުށަހެޅުއްވީ ކަމަށްވެސް ވިދާޅުވިއެވެ.

މަޖިލީހުގެ އަމީން އާއްމު ވިދާޅުވީ، މަޖިލިސް ގަވާއިދުގައިވާގޮތުގެ މަތިން މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްދާނެ ކަމަށެވެ. މިމަހުގެ 12 ވަނަ ދުވަހު މަޖިލިސް މެންބަރުންނަށާއި، މަޖިލިސް ރައީސަށް އެކަމުގެ ނޯޓިސްވެސް ވަނީ ފޮނުވައިފައެވެ. މަޖިލިސް ރައީސްގެ ވޯޓާބެހޭގޮން މަޖިލީހުގެ އާއްމު ކޮމެޓީން ކުރަން ޖެހޭ މަސައްކަތްތައްވެސް ވަނީ ނިންމައިފައެވެ.

އެގޮތުން އިތުބާރު ނެތްކަމުގެ މައްސަލައިގައި މެންބަރުން ބަހުސް ކުރުމަށް ދެގަޑިއިރުގެ ވަގުތެއް ކަނޑައަޅައި، ޖަވާބުދާރީވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް 30 މިނެޓުގެ ފުރުސަތެއް އަރުވާން މަޖިލީހުގެ އާންމު ކޮމެޓީން ވަނީ ފާސްކޮށްފައެވެ. ނަމަވެސް ކުރީ ފަހަރުހެން މައްސަލައާ ގުޅިގެން މަޖިލިސް ރައީސް މަޖިލިސް ޖަލްސާގެ ރިޔާސަތުން މި ފަހަރު އެކަހެރިވެވަޑައިގެންފައެއްނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މީޑިއާ ޑައިރެކްޓަރު ހަސަން ޒިޔާއު "ވަން އޮންލައިން"އަށް ވިދާޅުވީ، ކުރީ ފަހަރުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން، މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތުން އެކަހެރިވެވަޑައިގެން މަޖިލިސް ރައީސް އަމީން އާއްމަށް ސިޓީފުޅެއް ފޮނުއްވި ނަމަވެސް މިފަހަރު އެފަދަ ސިޓީފުޅެއް ފޮނުއްވާފައި ނުވާ ކަމަށެވެ.

ނަމަވެސް މިފަހަރުގެ އެ މަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާނެކަން އެމްޑީޕީން އިއުލާނުކުރި ހިސާބުން، ބާރުވެރިކަމާއެކު ރިޔާސަތު ބަލަހައްޓަވަމުން ގެންދެވި މަޖިލިސް ރައީސް ވަނީ ރިޔާސަތުން ގެއްލިފައެވެ. ވީ ގޮތެއް ނޭނގެ އެވެ. އެއްވެސް ކަމެއް އާންމުކޮށް އިއުލާނެއް ނުކުރައްވައެވެ.