އޮސްޓްރޭލިއާގެ ސިޑްނީގައި ކުރިއަށްދާ ސިޑްނީ އިންޓަނޭޝަން ސީރީސް 2023ގައި ރާއްޖޭގެ މިކްސް ޑަބަލްސް ޕެއާ، ހުސައިން ޒަޔާން ޝަހީދު ޒަކީއާއި ފާތިމަތު ނަބާހާ އަބްދުލް ރައްޒާގު ގަދަ 16 އަށް ދަތުރުކޮށްފިއެވެ.

ބައިނަލްއަގުވާމީ މައިދާނުގައިވެސް ބެޑްމިންޓަނުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދަމުން އަންނައިރު، ޒަޔާނާއި ނަބާގެ ޕެއާއަކީ މިހާރު ރޭންކިންގައިވެސް ކުރިއެރުންތަކެއް ހޯދަމުން އަންނަ ޕެއާއެކެވެ. ޒަޔާނާއި ނަބާ މިކްސް ޑަބަލްސް ޕެއާ ގަދަ 16އަށް ދިޔައީ ގަދަ 32ގެ ބުރުގައި އޮސްޓްރޭލިއާ ޒިންގް ހުއޯންގާއި ޕިޓްޗާޔާ އެލީސިއާ ސީދާ ދެ ސެޓުން ބަލިކޮށްފައެވެ.

ރާއްޖޭގެ ޕެއާއިން ސެޓުތައް ގެންދިޔައީ 21-17 އަދި 21-15 އިންނެވެ. ގަދަ 16ގައި ނަބާއާއި ޒަޔާން ވާދަކުރާނީ ޗައިނީސް ޓައިޕޭގެ ޕެއާއެއް ކަމަށްވާ ޗެން ޝެން ފާއާއި ލިން ހިއް ޔުންއާ ދެކޮޅަށެވެ.

އަންހެން ސިންގަލްސް ގަދަ 16 އަށްވެސް ނަބާހާ ވަނީ ދަތުރުކޮށްފައެވެ. އެއީ އޮސްޓްރޭލިއާގެ ފަޔޭ ހޫއޯ ބަލިކޮށްފައެވެ. ނަބާ ގަދަ 16 އަށް ދިޔައީ 2-1 ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ. ނަބާ ގެންދިޔަ ފުރަތަމަ ސެޓާއި ފަހު ސެޓު އޭނާ ކާމިޔާބު ކުރީ 24-22 އަދި 21-13 އިންނެވެ.

ނަބާ، ގަދަ 16ގައި ވާދަކުރާނީ ވިކްޓޯރިއާ ލީއާ ދެކޮޅަށެވެ. އެއީ އޮސްޓްރޭލިއާ އެތުލީޓެކެވެ. އަންހެން ސިންގަލްސް އިވެންޓްގައި ރާއްޖޭގެ އައިމިނަތު ނަބީހާ އަބްދުލްރައްޒާގު ވާދަކޮށް ގަދަ 32 އިން ކެޓީ އޮސްޓްރޭލިއާ ޔިންގް ސީ އަތުން 21-11 އިން 21-19 އިން ބަލިވެގެންނެވެ. ފިރިހެން ސިންގަލްސް އިވެންޓްގައި ރާއްޖޭގެ ހަސަން ހިޝާމް މުހައްމަދާއި ޒަޔާންވެސް ވަނީ ގަދަ 32 އިން ކަޓައިފައެވެ. އަދި މާދަމާ ރާއްޖޭގެ ނަބާއާއި ނަބީގެ ޕެއާއިން އަންހެން ޑަބަލްސް އިވެންޓްގެ ގަދަ 32ގައި ވާދަކުރާނެއެވެ.