ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ މަސައްކަތް ބާރަށް ކުރިއަށް ގެންގޮސް 2024 ވަނަ އަހަރުގެ ޕީކް ސީޒަނަށް އެ އެއާޕޯޓްގެ މަސައްކަތްތައް ނިންމުމަށް މަސައްކަތް ކުރައްވާނެ ކަމަށް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބަނޑޮސް ރިސޯޓުގައި މިހާރު ކުރިއަށްދާ ހޮޓަލިއާ މޯލްޑިވްސްގެ ޖެނެރަލް މެނޭޖާސް ފޯރަމްގައި ވާހަކަފުޅުދައްކަވަމުން މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ކުރިއަރުވަން ބޭނުންވާ އެންމެ މުހިންމު ކަމަކަށް އޮތީ ވީއައިއޭގެ އާ ޓާމިނަލުގެ މަސައްކަތް ނިންމައި އެތަން ބޭނުންކުރަން ފެށުން ކަމަށެވެ. އެކަމަށްޓަކައި ފައިނޭންސަރުންނާއި ކޮންޓްރެކްޓަރުންނާ އެކު މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އަދި ދެކުނުގައި ސީޕްލޭން ހަބެއް ތަރައްގީކޮށް، ޑޮމެސްޓިކް އެއާޕޯޓުތައް ހިމަނައިގެން ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމު ފުޅާކޮށް ރިސޯޓްތަކާއި ގެސްޓްހައުސްތަކަށް ޓޫރިސްޓުން އައުން އިތުރުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

ދިވެހީން ދުނިޔޭގައި ހިފަހައްޓަމުން އަންނަ، މާކެޓް ލީޑާޝިޕް ދެމެހެއްޓުމަށް ހުރި ގޮންޖެހުންތައް ދެނެގަނެ، ދުނިޔޭގެ މައިދާނުގައި ފަތުރުވެރިކަމުގެ އެންމެ އިސް މަގާމު ރާއްޖެއިން ދެމެހެއްޓުމަށް މަސައްކަތް ކުރަންޖެހޭކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ ފަތުރުވެރިކަމުގެ ސަބަބުން މިއަދުވެސް އެތައް އާއިލާތަކެއްގެ ދިރިއުޅުން އުފުލައިދީފައިވާ ކަމަށެވެ.

އެހެންކަމުން ފަތުރުވެރިކަމުގެ ފައިދާ ބެހިގެންދިއުން ފުޅާކޮށް، އެ ސިނާއަތަކީ ކޮންމެ ދިވެއްސަކަށް ފައިދާކުރަނިވި ސިނާއަތަކަށް ހެއްދެވުމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން މުވައްޒަފުންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އިސްކަންދެއްވުމާއި މަސައްކަތާ އެކަށޭނަ ރަނގަޅު މުސާރައެއް ކަށަވަރުކަމާއި މުވައްޒަފުންގެ އާއިލާތަކާ އެކު ހޭދަކުރުމަށް ލިބޭ ވަގުތު އިތުރުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.