ޔޫއެފާ ޔޫރޯ ކޮލިފިކޭޝަންގައި ރޭ އިޓަލީ ބަލިކޮށް، އިންގްލެންޑުން ކޮލިފިކޭޝަން ޔަގީންކޮށްފިއެވެ.

އަންނަ އަހަރު ޖަރުމަނުގައި އޮންނަ ޔޫރޯއަށް އިންގްލެންޑް ކޮލިފައިވީ ކޮލިފިކޭޝަން ގްރޫޕް ސީގައި ރޭ އަމިއްލަ ދަނޑުގައި 3-1ގެ ނަތީޖާއަކުން އިޓަލީ ބަލިކޮށްގެންނެވެ. ގެރެތް ސައުތުގޭޓްގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ އިންގްލެންޑަށް ރޭގެ މެޗަށް ނުކުތްއިރުވެސް ކޮލިފިކޭޝަން ޔަގީންކުރަން ބޭނުންވެފައި އޮތީ އެންމެ ޕޮއިންޓެކެވެ. ރޭގެ މެޗުން ބަލިވި ނަމަވެސް އިޓަލީއަށް އަދި ޔޫރޯގެ ފުރުސަތު އެބަ އޮތެވެ.

އިންގްލެންޑުން ރޭ ހޯދި މޮޅުގެ އެންމެ ބޮޑު ރޯލެއް ކުޅުނީ އެ ޓީމުގެ ރެއާލް މެޑްރިޑް މިޑްފީލްޑަރު ޖޫޑް ބެލިންހަމްއާއި ހެރީ ކޭންއެވެ.

މެޗު ފެށިގެން 15 ވަނަ މިނެޓުގައި އިޓަލީން ލީޑު ނަގާފައިވާ އިރު، އެ ގޯލަކީ ޖިއާންލޫކާ ސަމަކާ ޖެހި ގޯލެކެވެ. އެ ގޯލާއެކު އިޓަލީ އާއެކު ލީޑުކުރަމުން ދަނިކޮށް، ހާފު ނިމުމުގެ ކުރިން އިންގްލެންޑަށް ނަތީޖާ ހަމަހަމަކޮށްދިނީ ކޭންއެވެ. ކޭން ފުރަތަމަ ގޯލު ޖެހީ ޕެނަލްޓީއަކުންނެވެ. އެ ޕެނަލްޓީއަކީ ބެލިންހަމްއަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއެކެވެ. ބެލިންހަމްއަށް ފައުލްކުރީ ޖިއޮވާނީ ޑި ލޮރެންޒޯއެވެ.

ދެވަނަ ހާފަށް ނުކުމެ، ބެލިންހަމް ދުއްވާލި ހިތްގައިމު ތުރޫ ޕާހަކާއެކު މާކަސް ރަޝްފޯޑު ވަނީ އިންގްލެންޑަށް ލީޑު ނަގައިދީފައެވެ. 57 ވަނަ މިނެޓުގައި ރަޝްފޯޑު ލީޑު ނެގި އިރު، 77 ވަނަ މިނެޓުގައި ކޭން ވަނީ އިންގްލެންޑަށް ތިންވަނަ ގޯލެއް ޖަހައި ނަތީޖާ އިތުރަށް ފުޅާކޮށްފައެވެ.

ރޭގެ މެޗަކީ 1977 ވަނަ އަހަރަށްފަހު އިންގްލެންޑުން އިޓަލީ ކައިރިން އަމިއްލަ ދަނޑުގައި ހޯދި ފުރަތަމަ މޮޅެވެ.