އިޒްރޭލުން ފަލަސްތީނަށް ދޭ ހަމަލާތަކުގެ ވާހަކައަކީ އާ ވާހަކަތަކެއް ނޫނެވެ. ކޮންމެ އަހަރަކުވެސް ދަންފަޅި ބަހައިގެން ޑިއުޓީ އަދާކުރާ ފަދައިން، ދޭތެރެއަކުން އިޒްރޭލުން ފަލަސްތީނަށް ހަމަލާތައް ދެއެވެ. މިފަހަރު ހުއްޓުމެއް ނެތި ހަމަލާ ދެމުން ދަނީ ފަލަސްތީނުގެ ގާޒާއަށެވެ.
ޓެރަރިސްޓުންނާ ދެކޮޅަށް ކުރާ ހަނގުރާމައެއްގެ ނަމުގައި ގާޒާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް އިޒްރޭލުން ހަމަލާ ދެމުންދާ އިރު، ގާޒާއަކީ ބިމުގެ ބޮޑުމިނަށް ބަލާއިރު އެންމެ އާބާދީ ބޮޑު އެއް ސިޓީއެވެ. ގާޒާގެ 2.2 މިލިއަން މީހުންގެ އާބާދީގެ ދެބައިކުޅަ އެއް ބަޔަކީ ކުޑަކުދިންނެވެ. އެއީ މިލިއަނެއްހާ ކުޑަކުދިންނެވެ.
މިފަހަރު އިޒްރޭލުން ފަށާފައިވާ ހަނގުރާމައަށް ހަފުތާއަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު 3،480 އެއްހާ މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރެއިން 3 ބައިކުޅަ އެއް ބަޔަކީ ކުޑަކުދީންނެވެ. އިޒްރޭލުން ހުއްޓުމެއް ނެތި ދެމުންދާ ހަމަލާތަކުން އެ ކުޑަކުދީންނަށް ރައްކާތެރިކަން ހޯދޭނެ އެއްވެސް ގޮތެއް ނެތެވެ.
މިއީ ފަލަސްތީނުގެ ކުޑަ ކުއްޖެއްގެ ވާހަކައެވެ. 2021 ވަނަ އަހަރު ނަދީން އަބްދުއްލަތީފް ކިޔާ އެ ކުއްޖާގެ ވީޑިއޯއެއް އާންމުވި އިރު އުމުރުން އެންމެ 10 އަހަރެވެ. އޭރުވެސް އެ ކުއްޖާ ހުރީ އިޒްރޭލުގެ ހަމަލާތަކެއްގައި ސުންނާފަތި ކޮށްލާފައިވާ ގާޒާގެ ސަރަހައްދެއްގައެވެ.
"އަހަރެންނަށް އަދި އެންމެ 10 އަހަރު. އަހަރެންނަށް ދެން ކެތެއް ނުވާނެ. އަހަރެން ބޭނުންވަނީ ޑޮކްޓަރަކަށް ވާން. މިތަނުގެ މީހުންނަށް އެހީވެވޭނެ މީހަކަށް ވާން. އެއްވެސް މީހަކަށް އެހީވުމުގެ ގާބިލުކަމެއް އަހަރެންގެ ނެތް. އަހަރެންނަކީ ކުޑަކުއްޖަކަށް ވީތީ. އަހަރެންނަކީވެސް ދުނިޔޭގެ އެހެން ތަންތަނުގައި އުޅޭ ކުޑަކުދީން ފަދަ ކުޑަކުއްޖެއް. އަހަރެންވެސް ބިރުގަނޭ" ނޫސްވެރިޔަކާ ވާހަކަ ދައްކަމުން ރޮމުން ރޮމުން ނަދީން ކިޔައިދިނެވެ.
މިފަހަރު އިޒްރޭލުން ދެމުންދާ ހަމަލާތަކާ ގުޅިގެން އަނެއްކާވެސް ނަދީން ވަނީ ވާހަކަ ދައްކައިފައެވެ. އަދިވެސް ހަމަ އެ އާދޭހެވެ. ބޭރު ދުނިޔޭގެ އެހީއަށް އެދި ކުރާ އާދޭހެވެ. ބަނޑުފުރާނަ މުއްތިކުރާނެ އެއްޗަކަށް ނުވަތަ ފެންފޮދަކަށް އެދި ކުރާ އާދޭހެވެ.
ފެނަކީ އިންސާނަކު ދިރިހުންނަން ލިބެން ޖެހޭ އެންމެ ޒަރޫރީ އެކައްޗެވެ. ގާޒާއަށް ފެން ލިބޭނެ މަގުތައް އިޒްރޭލުން ހުއްޓުވާފައިވާއިރު، ގާޒާގެ ރައްޔިތުން ތިބޭން ޖެހިފައިވަނީ ކަރު ހިއްކުން ފިލުވާނެ ގޮތެއްވެސް ނުފެނިފައެވެ.
ނަދީންގެ ވާހަކައިގައި ހުރީ ވޭނެވެ. ހިތްދަތިކަމެވެ. ސުވާލަކީ އަޅާލައި އެހީ ވާނީ ކޮން ބައެއްތޯ އެވެ.
"ރޮއެ ރޮއެ ކަރުނަ ހުސްވާއިރުވެސް އަހަންނަކަށް ގޮތެއް ނުފެނޭ. އަރަބި ގައުމުތައް ކޮބާ؟ އިސްލާމީ ގައުމުތައް ކޮބާ؟ އެހީވާނީ ކޮން ބައެއް؟ އަހަރެމެން ކުޑަކުދިންގެ އޮތީ ކޮން ކުށެއް؟" އެކުއްޖާ އާދޭހާއެކު ކިޔައިދިނެވެ.
ގާޒާގެ ކުޑަކުދިން ފިލަން ވަންނާނެ ތަނެއް ނެތެވެ. އެ ކުޑަ ކުޑަ ސަރަހައްދުގެ ހުރިހާ ދިމާލަކަށްވެސް އިޒްރޭލުން ދަނީ ހަމަލާ ދެމުންނެވެ. ބޮމެއް ވައްޓައިލާނީ، ނުވަތަ ބަޑީގެ އުއްޑައެއް އަރާނީ ކޮން ވަގުތަކު ކޮން ތަނަކަށް ކަމެއް އެކަކަށްވެސް ނޭނގެއެވެ.
އޮމްރަން އަބޫ އާސީ އަކީ އިނގިރޭސި ވިލާތުގައި ދިރިއުޅެމުން އައި ގާޒާގެ ކުޑަކުއްޖެކެވެ. ނަމަވެސް މިހާރު ގާޒާގައި ދިރިއުޅޭތާ އަހަރެއް ވެއްޖެއެވެ. ގާޒާގައި އޭނާގެ ދިރިއުޅުން ހުރި ގޮތް ކިޔައިދެމުން އޭނާ ބުނީ، ވޭތުވެދިޔަ އަހަރަކީ ވަރަށް ތަފާތު އަހަރެއް ކަމަށެވެ.
ޕާކުގައި ކުދިންތަކަކާއެކު ކުޅެންހުރި އޮމްރަން ބުނީ، އަބަދުވެސް ތިބެނީ ކޮންމެ ވަގުތެއްގައިވެސް ބޮމުގެ ހަމަލާއެއް ދީފާނެ ކަމުގެ ބިރުގައި ކަމަށެވެ. އަދި މަތިން ބޯޓުތައް ދާއިރު، އެއިން ބޮން އަޅާފާނެކަމުގެ ބިރު އަބަދުވެސް އޮންނަ ކަމަށް ބުންޏެވެ.
ގާޒާއިން ހަފުތާއެއް ތެރޭގައި 1،000 ގާތްކުރާ އަދަދަކަށް ކުޑަކުދިން މަރުވެފައި ވާއިރު، އެއީ މިހާތަނަށް މަރުވި މީހުންގެ 3 ބައިކުޅަ އެއްބައެވެ.
"އަހަރެން މި ސިޓީއަށް (ހަމަދް)އަށް އައީ އަހަރެންގެ ގޭގަ ހުންނަން މާ ނުރައްކާތެރި ވީމަ. ގޭގަ ހުންނަ އިރު މަތިން ރޮކެޓު ދާތަން ފެނޭ. އަދި ގެ ދޫކޮށް ދާން ގޮވައި އިންޒާރުތައް ދޭ އަޑު އިވޭ. ރައްކާތެރިކަން ހޯދަން ދަނީ ހޮސްޕިޓަލުތަކަށް. މިކަމާހެދި އެންމެންވެސް ތިބެން ޖެހެނީ ހާސްކަމެއްގެ ތެރޭގަ" އޮމްރަން ކިޔައިދިނެވެ.
ގާޒާ މިއަދު ވެފައި ވަނީ ޖަލަކަށެވެ. އެ މީހުންނަށް އެތަނުން ނުކުމެވޭކަށް ނެތެވެ. ނުކުމެއްޖެ ނަމަ އެނބުރި އަމިއްލަ ފަސްގަނޑަށް ދެވޭނެ ކަމުގެ އުންމީދެއް ނެތެވެ. އެހެންކަމުން، ކޮންމެ ހާލެއްގައި ވެސް އުޅެން ޖެހިފައިވަނީ ބޮމުގެ އަމާޒުފަތްގަނޑަކަށް ވެގެންނެވެ.
"ބަލައިލި ކޮންމެ ތަނަކުން ފެންނަނީ ސުންނާފަތި ވެފައިވާ ގެތައް. މީހުން މަގުމަތީގަ ނިދާފަ ތިބޭ މަންޒަރު. ބަލައިލާ ކޮންމެ ތަނަކުން އަލިފާން ރޯވެ ދުން އަރާ މަންޒަރު". ގާޒާގެ ހާލަތު ބަޔާންކުރަމުން އޮމްރަން ކިޔައިދިނެވެ.
ދަހިވެތި ބައެއްގެ ހަނގުރާމައިގައި މިއަދު ތާށިވެފައި ތިބީ ކުޑަކުދީންތަކެކެވެ. ތިމާގެ އަމިއްލަ ދަރިއަކަށް ނުވަތަ އާއިލާގެ ކުއްޖަކަށް ކުޑަ ނަމަވެސް އަނިޔާއެއް ލިބިއްޖެނަމަ އެކަމުގެ ހިތާމަ ކުރެވެއެވެ. ގާޒާގައި ތިބި ކުޑަކުދީންނަށް ލިބޭ އަނިޔާތަކަށް ހިތާމަކުރާނީ ކޮން ބައެއް ހެއްޔެވެ.
ހަމަލާތަކުގައި ހާހުން މީހުން މަރުވަމުންދާއިރު، އެ ހަމަލާތަކުން ކުޑަކުއްޖަކު ސަލާމަތް ވެއްޖެ ނަމަ ޔަތީމުވުމުގެ ފުރުސަތު ބޮޑެވެ. ބެލެނިވެރިޔަކު ނެތް ކުޑަކުދިން މިހާރުވެސް ހޮސްޕިޓަލުތަކުގައި ގިނަވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެކުދީންނަށް ހިމާޔަތް ލިބެން ޖެހެއެވެ. އެއްވެސް ފިކުރެއް ހިޔާލެއް ނެތި ބޭރު ތެރެއަށް ނުކުމެ ކުޅެ ސަކަރާތްޖަހާ އުމުރުގައި އެކުދީންނަށް ޖެހިފައި ވަނީ އަމިއްލަ އާއިލާ ފަސްދާނުލާށެވެ. އެކުދިންނަށް ތަހައްމަލު ކުރަން ޖެހިފައި މި ވަނީ ކޮންފަދަ ބޮޑު ވޭނެއް ހެއްޔެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް