އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ ޑިސެމްބަރު މަހުގެ ތެރޭގައި ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ޕާޓީން ބުނެފިއެވެ.
މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގައި 87 މެންބަރުން ތިއްބެވި އިރު، 55 މެންބަރުންނާއެކު ބޮޑު މެޖޯރިޓީއެއް ކޮންޓްރޯލް ކުރަމުން އަންނަ އެމްޑީޕީން ބުނެފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ދާއިރާއަކަށް އެ ޕާޓީން ވާދަކުރާނެއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު، މާލީ، އަހުމަދު އަބްދުﷲ "ވަން" އަށް މިއަދު ވިދާޅުވީ، ޑިސެމްބަރު މަހުގެ ތެރޭގައި މަޖިލިސް ޕްރައިމަރީ ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ނަމަވެސް ރަސްމީ އެއްވެސް ތާރީހެއް ކަނޑައަޅާފައިނުވާ ކަމަށެވެ.
މަޖިލީހަށް އިތުރުވި ހަ ދާއިރާއާ އެކީ މަޖިލީހުގެ 20 ވަނަ ދައުރަށް ޖުމުލަ 93 މެމްބަރުން އިންތިހާބު ކުރާނެއެވެ.
ރައްޔިތުންގެ މަޖިލީސް އިންތިހާބު އޮންނާނެ ތާރީހެއް އިލެކްޝަން ކޮމިޝަން (އީސީ) އިން އަދި އިއުލާނެއް ނުކުރެއެވެ. ނަމަވެސް އެ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު "ވަން" އަށް މިއަދު ވިދާޅުވީ މަޖިލިސް އިންތިހާބު އަންނަ އޭޕްރީލް މަހުގެ ފަހުކޮޅުގައި ބޭއްވުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ. ނަމަވެސް ސީދާ ތާރީހެއް ވިދާޅެއް ނުވެއެވެ
ޚަބަރު
ޚަބަރު