ބެލްޖިއަމްގެ ވެރިރަށް ބްރަސެލްސްގައި ދިން ބަޑީގެ ހަމަލާއެއްގެ ސަބަބުން ރޭ ޔޫރޯ ކޮލިފިކޭޝަންގައި ސްވިޑެންއާއި ބެލްޖިއަމް ވާދަކުރަމުން ދިޔަ މެޗު މެދުކަނޑާލައިފިއެވެ.
ބްރަސެލްސްގައި ރޭ ދިން ބަޑީގެ ހަމަލާއެއްގައި ސްވިޑެންގެ ދެ ސަޕޯޓަރަކު ވަނީ މަރުވެފައެވެ. މެޗުގެ ގަޑިއިރެއްހާއިރު ކުރިން ދިން އެ ހަމަލާގެ މައުލޫމާތު ސްވިޑެން ޓީމަށް ލިބިފައިވަނީ ފުރަތަމަ ހާފު ނިންމާލި ފަހުންނެވެ. އެ ހަބަރާއެކު ސްވިޑެން ކުޅުންތެރިން މެޗު އިތުރަށް ކުރިއަށް ގެންދަން ބޭނުންނުވި ކަމަށް ނޫސްތައް ބުނެފައިވާ އިރު، ރެފްރީ ވަނީ މެޗު ހުއްޓާލައިފައެވެ.
ފުރަތަމަ ހާފު ނިމުނު އިރު، މެޗުގެ ނަތީޖާ އޮތީ 1-1 އިން އެއްވަރުވެފައެވެ. ގޯލުތައް ޖެހީ ވިކްޓޯ ގިޔޮކްރެސްއާއި ރޮމެލޫ ލޫކާކޫއެވެ. ބެލްޖިއަމްގެ ލޫކާކޫ ޖެހި ގޯލަކީ ޕެނަލްޓީއެއްގައި ޖެހި ގޯލެކެވެ.
ރޭގެ މެޗު މެދުކަނޑާލުމަށްފަހު ސަޕޯޓަރުން ދަނޑުގައި ގަޑިއިރަކަށްވުރެ ގިނައިރު މަޑުކުރުވާފައިވެއެވެ. އެއީ ސަލާމަތަށްޓަކައެވެ. ދަނޑުގެ ސަރަހައްދުން ސްވިޑެންގެ ސަޕޯޓަރުން ސެކިއުރިޓީ އާއެކު ސަލާމަތީ ސަރަހައްދަކަށް ގެންގޮސްފައިވާ އިރު، ސްވިޑެން ޓީމު ދަނޑުން އެސްކޯޓްގައި ގެންގޮސްފައިވަނީ ސީދާ އެއާޕޯޓަށެވެ.
ބެލްޖިއަމްއިން އަންނަ އަހަރުގެ ޔޫރޯއަށް މިހާރު ކޮލިފައިވެފައިވާ އިރު، ސްވިޑެންއަށް ފުރުސަތެއް ނެތެވެ. އެހެންކަމުން އެ މެޗު އަލުން ކުޅުމާމެދު ވަނީ ސުވާލުތަކެއް އުފެދިފައެވެ.
ޔޫރޯ ކޮލިފައިން
ޔޫރޯ ކޮލިފައިން
ޔޫރޯ ކޮލިފައިން
ޔޫރޯ ކޮލިފައިން