އަންނަ 2024 އަހަރަށް އޮޑިޓާ ޖެނެރަލްގެ އޮފީހަށް 123 މިލިއަން ރުފިޔާގެ ބަޖެޓެއް ބޭނުންވާ ކަމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.

މިދިޔަ އަހަރު އޮޑިޓް އޮފީހުގެ ބަޖެޓަކީ 93 މިލިއަން ރުފިޔާއެވެ. ނަމަވެސް އެ ބަޖެޓް ވަނީ 100 މިލިއަނަށް އިތުރުވެފައެވެ. އެއީ އޮފީސް ބަދަލުކުރުމުގެ ހަރަދު އިތުރުކުރަން ޖެހުމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބަޖެޓާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރަމުން އޮޑިޓް އޮފީހުގެ އިސް ބޭފުޅުން ވިދާޅުވީ، އަންނަ އަހަރަށް އެ އޮފީހުގެ ބަޖެޓު ބޮޑު ކުރި އެއް ސަބަބަކީ އިތުރު ހަތް މުވައްޒަފުން ނެގުމުގެ އިތުރުން، މުވައްޒަފުންނަށް ޑިޕެންޑެންޓް އެލަވަންސް ދިނުމަށް ކަމަށެވެ. އެކަަމަށްޓަކައި 11 މިލިއަން ރުފިޔާ ބަޖެޓަށް އިތުރުކޮށްފައިވާނެ ކަމަށް ވިދާޅުވިއެވެ.

ކޮމިޓީ ބައްދަލުވުމުގައި ބަޖެޓާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ މިއަދު ވިދާޅުވީ، މުވައްޒަފުންގެ މުސާރަ ބޮޑު ކުރަން ނިންމި ނަމަވެސް އެކަން އަދި ފިނޭންސް މިނިސްޓްރީއަށް ހުށަަހަޅާފައި ނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ކުދިކުދި އިންކްރިމެންޓްތައް ގެނައި ނަމަވެސް 2008 ވަނަ އަހަރަށްފަހު އެ އޮފީހުގެ މުވައްޒަފުންގެ މުސާރައަށް ބަދަލު އައިސްފައި ނުވާ ކަމަށެވެ. މުސާރަތައް ކުޑަވުމުގެ ސަބަބުން އެތަނުގެ މުވައްޒަފުން އެހެން ތަންތަނުގެ ވަޒީފާތަކަށް ދިއުން އިތުރުވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ އޮފީހުގެ ޑިރެކްޓަރަކަށްވެސް ލިބެނީ މަހަކު 30،000 ރުފިޔާ ކަމަށާއި އެ ޑިރެކްޓަރަކު 50-60 އާ ދެމެދުގެ އަދަދަކަށް އޮޑިޓް ނިންމަންޖެހޭ ކަމަށެވެ. ނަމަވެސް އެސްއޯއީތަކުގެ އިންޓާނަލް އޮޑިޓަރުންނަށް މަދުވެގެން 45،000 ރުފިޔާގެ މުސާރައެއް ހުށަހަޅާ ކަމަށާއި އެކަމުގެ ސަބަބުން އޮޑިޓް އޮފީސް މުވައްޒަފުންގެ ތެރެއިން ވަރަށް ރަނގަޅު ބޭފުޅުން ގެއްލިގެން ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.

މާލިއްޔަތު ކޮމިޓީއާ މިއަދު ހިސްސާކުރި އޮޑިޓް އޮފީހުގެ ބަޖެޓުގައިވާ ގޮތުން، އަންނަ އަހަރުގެ ރިކަރަންޓް ހަރަދަކީ 82 މިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން 56 މިލިއަން ރުފިޔާއަކީ މުސާރައެވެ.