މާރާމާރީގެ މައްސަލައެއްގައި ހައްޔަރުކުރި މީހަކު ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ނަފުސާނީ ބަލި ހުންނަ މީހަކަށް ހެދުނު މީހެއްގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
މާލޭގައި ހިންގި މާރާމާރީގެ އެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ މާލެ، މ. ކަރިސްމާވިލާ، ފައިސަލް އަހުމަދު ދީދީ (38)އެވެ. ފުލުހުން އޭނާއަށް ކުރަނީ މާރާމާރީ ތުހުމަތެވެ.
ފުލުހުން އޭނާ ހައްޔަރުކުރުމަށްފަހު މިއަދު ވަނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ. ކޯޓުގައި އޭނާ ބުނީ އޭނާއަކީ ބައިޕޯލާ އަދި ސުކިޒޮފުރޭނިއާ އަށް ފަރުވާ ކުރަމުންދާ މީހެއް ކަމަށެވެ. ނަމަވެސް ފުލުހުން ބުނީ ޖެންޑާ މިނިސްޓްރީން ދީފައިވާ ރިޕޯޓުގައިވާ ގޮތުން އޭނާއަކީ އެއްވެސް ނަފުސާނީ ބައްޔަކަށް ފަރުވާ ހޯދަމުންދާ މީހެއް ނޫން ކަމަށެވެ.
ފައިސަލް އަހުމަދު ބުނީ އޭނާ މާރާމާރީ ހިންގާފައިވަނީ އަމިއްލަ މީހާގެ ދިފާއުގައި ބަޔަކު އޭނާގެ ގައިގައި ލަޓިބުރިން ތެޅުމުން ކަމަށެވެ. ކޯޓުގައި ފުލުހުން ބުނީ ފައިސަލް އަހުމަދަށް ތޫނު ހަތިޔާރަކުން އަނިޔާ ލިބިފައިވާކަން ފޮޓޯތަކުން އެނގޭ ކަމަށެވެ.
ފުލުހުން ކޯޓުގައި އެދުނީ ފައިސަލް އަހުމަދަކީ މީގެ ކުރިން ވެސް އެކި މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ ފަރާތަކަށްވުމުން އޭނާގެ ބަންދުގެ ދެމެހެއްޓުމަށެވެ.
ކޯޓުން ވަނީ ފުލުހުން އެދުނު ގޮތަށް ފައިސަލް އަހުމަދުގެ ބަންދަށް 15 ދުވަސް ޖަހައިދީފައެވެ. އޭނާ ބަންދުގައި ބަހައްޓަން އަމުރުކުރީ އޭނާ މާރާމާރީ ހިންގިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ފުލުހުން ހެކި ހުށަހަޅާފައިވާތީއެވެ. އަދި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ.
ޚަބަރު
ޚަބަރު
ޚަބަރު