މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ހުޅުމާލެ ފޭސް ތިނެއްގެ ފުރަތަމަ ބައި ހިއްކުމުގެ މަސައްކަތުގެ ދެ ދުވަހެއްގެ ތެރޭގައި ނިންމައިލެވޭނެ ކަމަށް އާބަންކޯއިން ބުނެފިއެވެ.
މީގެ ކުރިން އާބަންކޯއިން ބުނެފައިވަނީ ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ ފުރަތަމަ ބައި ހިއްކުމުގެ މަސައްކަތް މިދިޔަ ހުކުރު ދުވަހު ނިންމައިލެވޭނެ ކަމަށެވެ. ނަމަވެސް އެމަސައްކަތް އަދިވެސް ނިމިފައެއް ނުވެއެވެ.
އާބަންކޯގެ މީޑިއާ އޮފިޝަލް "ވަން" އަށް މިރޭ ވިދާޅުވީ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް ލަސްވަނީ އެ ސަރަހައްދުގައި ކޮންސްޓްރަކްޝަން ވޭސްޓު އަދި އެހެނިހެން ކުނިތައް ހުރުމުގެ ސަބަބުން ކަމަށެވެ.
"މިހާރު މަސައްކަތް ކުރަމުން ދަނީ އެތަކެތި ނަގައި ސާފުކުރުމަށް. ކުރިއަށް އޮތް އެއް ދުވަސް ނޫނީ ދެ ދުވަސް ތެރޭގައި ސައިޓް އޭ (ހުޅުމާލެ ފޭސް ތިނެއް) ހިއްކުމުގެ މަސައްކަތް ނިމެނޭނެ ކަމަށް އުއްމީދުކުރަނީ،" އޮފިޝަލް ވިދާޅުވިއެވެ.
ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް ފަށައިފައިވަނީ މިދިޔަ ސެޕްޓެމްބަރުމަހުގެ 22 ވަނަ ދުވަހުއެވެ.
ހުޅުމާލޭގެ ހުޅަނގަށް އޮންނަ ފަޅުން 62.6 ހެކްޓަރުގެ ބިން ހިއްކަން ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާ ހަވާލުކުރީ މިދިޔަ އޮގަސްޓު މަހުގައެވެ. އެކުންފުންޏަށް ވަނީ ހުޅުމާލޭ ފަޅުގެ އިތުރުން ތިލަފުށިން އިތުރު ބަޔަކާއި ދިޔަނެރު ފަޅު ވެސް ހިއްކަން ހަވާލުކޮށްފައެވެ.
އާބަންކޯއިން ބުނެފައިވަނީ އެ މަޝްރޫއަކީ މާލެ ސަރަހައްދުގައި ކުރިމަތިވެފައިވާ ތަފާތު ދަތިތަކުން އަރައިގަތުމަށް ހިންގަމުންދާ ތަފާތު ތަރައްގީގެ މަޝްރޫއުތަކުގެ ބައެއް ކަމަށެވެ.
ހުޅުމާލެ ފޭސް ތިނެއްގައި ވެސް ރައްޔިތުންނަށް ލުއިފަސޭހަވާނޭހެން ގިނަ ހިދުމަތްތަކާއި ވަސީލަތްތައް ތަރައްގީކުރުމަށް ހަމަޖެހިފައިވާ ކަމަށް އާބަންކޯއިން ބުންޏެވެ. އެގޮތުން މަގުތަކާއި ބްރިޖުގެ އިތުރުން ހިތްގައިމު ޕާކުތަކާއި ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށް ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް އާބަންކޯއިން ބުނެފައިވެއެވެ.
ހުޅުމާލެ ތިނެއް ހިއްކައި އެތަނުން މާލޭ ރައްޔިތުންނަށް ލިބިފައިވާ ގޯތީގެ އިންކަނޑައިދިނުމަށް ހައުސިން މިނިސްޓްރީން ވަނީ މީގެ ކުރިން ނިންމައިފައެވެ.
މާލޭ މީހުންނަށް ގޯތި ދޭން ހިންގާ "ބިންވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލެ ތިނަކުން 700 ގޯތި ދޫކުރާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ 4،000 އަކަފޫޓުގެ 24 ގޯއްޗާއި 3،650 އަކަފޫޓުގެ 16 ގޯއްޗާއި 3،250 އަކަފޫޓުގެ 43 ގޯއްޗާއި 2،850 އަކަފޫޓުގެ 61 ގޯއްޗާއި 2،450 އަކަފޫޓުގެ 132 ގޯތީގެ އިތުރުން 2،060 އަކަފޫޓުގެ 243 ގޯތި އަދި 1،650 އަކަފޫޓުގެ 181 ގޯއްޗެވެ.
ޚަބަރު
ޚަބަރު
ޚަބަރު