ރިސޯޓު ހަދަން ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން 88 ރަށެއްގައި ރިސޯޓު ނުހެދި އޮތުމުގެ ސަބަބުން ދައުލަތަށް އަހަރަކު 1.7 ބިލިއަން ޑޮލަރު، ގާތްގަނޑަކަށް 26 ބިލިއަން ރުފިޔާ ގެއްލިގެންދާކަމަށް ފިނޭންސުން ބުނެފިއެވެ.

"ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނު" ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފިނޭންސް މިނިސްޓްރީން ހުށަހެޅި "މެދުރާސްތާގެ ފިސްކަލް ސްޓްރެޓަޖީ ރިޕޯޓް"ގައިވާ ގޮތުން 88 ރަށެއްގައި ރިސޯޓު ނުހެދުމުގެ ސަބަބުން، އެ ރިސޯޓުތަކުން އުފެދެން ޖެހޭ ވަޒީފާތައް އުފެދިފައެއް ނުވެއެވެ. އެހެންވުމުގެ ސަބަބުން ޓޫރިޒަމް ދާއިރާ މެދުވެރިކޮށް އެހެން ދާއިރާތަކަށް ލިބޭ މަންފާއަށް ހުރަސް އެޅެމުންދާ ކަމަށް ފިނޭންސުން ބުންޏެވެ.

މިނިސްޓްރީން ބުނި ގޮތުގައި ނުހެދި ހުރި ރިސޯޓުތައް އެންމެ ގިނައީ ކ. އަތޮޅުގައެވެ. އެގޮތުން ކ. އަތޮޅުގައި 29 ރިސޯޓެއް ނުހެދިވާ ކަމަށް ފިނޭންސުން ބުންޏެވެ. ދެން އެންމެ ގިނަ ރިސޯޓު ނުހެދި ހުރީ ގއ، އަތޮޅުގައި ކަމަށާއި އެ އަތޮޅުގައި 10 ރިސޯޓެއް ނުހެދި އެބައޮތް ކަމަށް ފިނޭންސުން ބުންޏެވެ. ލ. އަތޮޅުގައި ނުހެދި އޮތް ހަތް ރިސޯޓެއް އަދި ބ. އަތޮޅާއި ނ. އަތޮޅުގައި ނުހެދި އޮތް ފަސް ރަށެއް އެބަ އޮތް ކަމަށް ފިނޭންސުން ބުންޏެވެ.

މީގެ އިތުރުން ފިނޭންސް މިނިސްޓްރީން ބުނީ ފަތުރުވެރިކަމުގެ ދާއިރާ މިދިޔަ އަހަރު ވަނީ އަންދާޒާކުރި މިންވަރަށް ވުރެ ބާރަށް ކުރިއަރާފައި ކަމަށެވެ. ކޮވިޑު -19ގެ ކުރިން ހުރި މިންވަރާއި ދާދި އެއްވަރަކަށް މިދިޔަ އަހަރު ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ފިނޭންސުން ބުންޏެވެ. އަދި މިދިޔަ އަހަރު ފަތުރުވެރިން ރާއްޖޭގައި ހޭދަކުރި ޖުމްލަ ރޭގެ އަދަދު ނުވަތަ ބެޑްނައިޓްސް ވަނީ 2019 ގެ ބެޑްނައިޓްސް ހުރި މިންވަރަށް އިތުރުވެފައި ކަމަށެވެ.

މިދިޔަ އަހަރުގެ ބަޖެޓު ތައްޔާރުކުރިއިރު 1.63 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށް، ބެޑްނައިޓްސްގެ އަދަދު ހުންނާނީ 10.4 މިލިއަންގައި ކަމަށް އަންދާޒާކުރި ނަމަވެސް، މިދިޔަ އަހަރު ނިމުމުއިރު 1.68 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށް، ބެޑްނައިޓްސް ވަނީ 12.3 މިލިއަނަށްވުރެ އިތުރުވެފައި ކަމަށް ފިނޭންސުން ބުންޏެވެ.

ނަމަވެސް ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އައި ބަދަލުގެ އިތުރުން ވޯލްޑް އިންފްލޭޝަން މަތިވުމުގެ ސަބަބުން އަދި ޗައިނާގެ ބޯޑަރު ހުޅުވާފައިނުވުމުން 2022 ވަނަ އަހަރު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރި އަދަދު ހުރީ 2019 ވަނަ އަހަރާ އަޅައިބަލާއިރު 1.6 ޕަސަންޓު ދަށުގައި ކަމަށް ފިނޭންސުން ބުންޏެވެ.