ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން ޑރ. ހުސައިން ފާއިޒް ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި އޭނާއަށް 678,090 ރުފިޔާދޭން ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފިއެވެ.
މި މައްސަލައަކީ ޑރ. ހުސައިން ފާއިޒް ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހަތެއް ޖަނަވަރީ 2019 އިން ފެށިގެން ވަޒީފާއަދާ ކުރަމުން ދަނިކޮށ،ް ވަޒީފާގެ އެއްބަސްވުމާއި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދާއި ވަޒީފާއާބެހޭ ގާނޫނާ ހިލާފަށް ދޭއް ނޮވެންބަރު 2022 ގައި ވަޒީފާއިން ވަކިކޮށްފައިވާ ކަމަށްބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.
އެހެންކަމުން އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ އެއްބަސްވުމާއި ވަޒީފާގެ އެއްބަސްވުމާއި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދާއި ވަޒީފާއާބެހޭ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށާއި އެ މަގާމަކީ ފަސް އަހަރު ދުވަހުގެ ވަޒީފާއަކަށްވާތީ، އޭނާ ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާގެ އެއްބަސްވުން ނިމޭ ދުވަހާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އެހެނިހެން އިނާޔަތްތައް ނަގައިދިނުމަށް އެދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މައްޗަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް އޭނާ ވަނީ ހުށަހަޅައިފައެވެ.
މި މައްސަލަ ބެލުމަށްފަހު ޓްރައިބިއުނަލުން ނިންމި ނިންމުމުގައި ވަނީ، ޑރ. ހުސައިން ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ގާނޫނުގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ހުއްދަކުރާފަދަ ހާލަތެއް މެދުވެރިވެގެންކަން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ. އެހެންކަމުން ފާއިޒް ވަޒީފާއިން ވަކިކޮށްފައި ވަނީ ވަޒީފާއާބެހޭ ގާނޫނާ ހިލާފަށް ކަމަށާއި އޭނާ ވަކިކޮށްފައި ވަނީ މުވައްޒަފަކު ވަޒީފާއިން ވަކި ކުރުމުގައި ގާއިމް ކުރަންޖެހޭ މައުލޫއީ އަދުލުވެރިކަން ގާއިމް ކުރުމެއްނެތި ކަމަށް ޓްރައިބިއުނަލްގެ ނިންމުމުގައި ވަނީ ކަނޑައަޅައިފައެވެ.
އެހެންކަމުން ވަޒިފާއާބެހޭ ގާނޫނަށް ރިއާޔަތްކޮށް، އަދުލުވެރި ބަދަލެއްގެ ގޮތުގައި ފާއިޒް ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން، ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ހަމަވާ ތާރީހު ކަމަށްވާ ހައެއް ޖަނަވަރީ 2024 ގެ ނިޔަލަށް އޭނާގެ މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބެމުންދިޔަ 48,000 ރުފިޔާ ގެ ނިސްބަތުން 678,090.32 ރުފިޔާ ހުސައިން ފާއިޒްއަށް ނަގައިދިނުމަށް ކަނޑައަޅައި އެ ފައިސާ ރަސްމީ ބަންދު ނޫން 30 ދުވަހުގެ ތެރޭގައި ހުސައިން ފާއިޒްއަށް ދިނުމަށްފަހު އެކަން ހަމަޖެހޭތާ ރަސްމީ ބަންދު ނޫން ތިން ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް ޑީޖޭއޭގެ މައްޗަށް ޓްރައިބިއުނަލުން ވަނީ އަމުރު ކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު